Support Us

ޔުނިވަރސިޓީ ވުޖޫދަށް ގެނައި ފާތިމާ އަލް-ފިހްރީ

އަލް-ޤަރަވިއްޔިން ޔުނިވަރސިޓީ: ދުނިޔޭގެ އެންމެ ގަދީމީ މަތީ ތަޢުލީމުދޭ މަރުކަޒު

ދުނިޔޭގެ އެންމެ ގަދީމީ މަތީ ތައުލީމުދޭ މަރުކަޒުގެ ވާހަކަ ދައްކަންޏާ މީހުންގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވެސް އަންނަނީ ޔޫރަޕުގެ މަޝްހޫރު އޮކްސްފޯޑު ކަހަލަ ޔުނިވަރސިޓީތަކެވެ. އެކަމަކު ހަގީގަތަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މަތީ ތައުލީމީ މަރުކަޒަކީ މޮރޮކޯގެ ފޭޒް ސިޓީގައި ހުންނަ އަލް-ޤަރަވިއްޔިން ޔުނިވަރސިޓީއެވެ.

މި ޔުނިވަރސިޓީ އުފެދުނީ މީލާދީން 859 ވަނަ އަހަރުއެވެ. އެއީ ޔޫރަޕުގައި މަތީ ތައުލީމުދޭ ޔުނިވަރސިޓީއެއް އުފެދުމުގެ ދެ ގަރުނު ކުރިންނެވެ. ގިނިސް ވޯލްޑް ރެކޯޑްސްއިން ވެސް ބަލައިގަނެފައިވާ ގޮތުގައި އަލް-ޤަރަވިއްޔިންއަކީ ދުނިޔޭގެ މިހާރު އެންމެ ގިނަ ދުވަހަށް ދެމިގެން ހިންގަމުން އަންނަ މަތީ ތައުލީމުދޭ މަރުކަޒެވެ.

އަޖައިބުކުރުވަނި ކަމަކީ މި ޔުނިވަރސިޓީ ވުޖޫދަށް ގެނައީ ފާތިމާ އަލް-ފިހްރީ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ ބައްޕައަކީ މުއްސަނދި ވިޔަފާރިވެރިއެކެވެ. ބައްޕަގެ ފަރާތުން ފާތިމާ އަށް ލިބުނު ތަރިކައިން މިސްކިތެއް އިމާރާތްކޮށް، އެ މިސްކިތް އިލްމު އުނގަންނައިދޭ މަރުކަޒަކަށް ހެދިއެވެ. މިއީ ދުނިޔޭގެ އިލްމީ ބިންގާ އެޅުމުގައި ވަރަށް ބޮޑު ރޯލެއް ކުޅުނު ކަމެކެވެ.

އަލް-ޤަރަވިއްޔިން ވެގެންދިޔައީ އިސްލާމީ ދުނިޔޭގެ އެންމެ މުހިންމު ޢިލްމީ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒަށެވެ. މި ތަނުން ދީނީ އިލްމާއި، ޤާނޫނާއި، ހިސާބު އިލްމާއި، ފަލަކިއްޔާތާއި، ބަހާއި އަދި ޠިއްބީ އިލްމު ފަދަ ދާއިރާތަކުން އިލްމު ފެތުރިއެވެ. މި ޔުނިވަރސިޓީގައި ކިޔަވައިދިނުމަށް ބޭނުންކުރި ގޮތްތަކާއި އުކުޅުތަކުގެ ސަބަބުން ފަހުން ޔޫރަޕުގައި އުފެދުނު ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ގޮތަށް ވެސް ބޮޑު އަސަރެއް ކުރިކަމަށް ތާރީހުން އެނގެއެވެ.

މިއަދު ވެސް އަލް-ޤަރަވިއްޔިން ޔުނިވަރސިޓީ އަންނަނީ މޮރޮކޯގެ މަތީ ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމެނިގެން ހިންގަމުންނެވެ. މި ތަނުގެ ލައިބްރަރީ އަކީ ދުނިޔޭގެ އެންމެ ދުވަސްވީ ލައިބްރަރީ ކަމުގައި ރިކޯޑުކުރެވިފައިވާ ތަނެކެވެ. މިފަހުން މި ލައިބްރަރީގެ އާބާތުރަ ފިލުވީ ވެސް ކެނޭޑިއަން-މޮރޮކޯ އަންހެން އާކިޓެކްޓެއް ކަމަށްވާ އަޒީޒާ ޗައުނީގެ ބެލުމުގެ ދަށުންނެވެ. މިއީ ދުނިޔޭގައި މިހާތަނަށް ކުރެވިފައިވާ އެންމެ އަގުބޮޑު އެއް އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓެވެ. މިއީ ފާޠިމާ އަލް-ފިހްރީ ގެންގުޅުނު، އަންހެނުން އިލްމީ މައިދާނުގައި އެކި ގޮތްގޮތަށް ހަރަކާތްތެރިވުމުގެ ތަސައްވުރު މިއަދާ ހަމައަށް ނުގެއްލޭކަން ދޭހަ ކޮށްދޭ ކަމެކެވެ.

އަޒީޒާ ޗައުނީ

މި ޔުނިވަރސިޓީން ވަރަށް ގިނަ މަޝްހޫރު ޢިލްމުވެރިންނާއި ލީޑަރުން އުފެދިފައިވެއެވެ.

އޭގެ ތެރޭގައި:

  1. އައްލާލް އަލް-ފާސީ: ޤައުމިއްޔަތުގެ ފިކުރުވެރިއެއް އަދި ސިޔާސީ ލީޑަރެއް.
  2. ޢަބްދުލް ކަރީމް އަލް-ޚައްޠާބީ: ކޮލޯނިއަލް ބާރުތަކާ ދެކޮޅަށް ރިފް އިންތިފިފާޟާގެ ލީޑަރު.
  3. އަޙްމަދު ބަހްނީނީ: މޮރޮކޯގެ ކުރީގެ ބޮޑުވަޒީރު.
  4. ޢަބްދުލް ހާދީ ބޫޠާލިބް: ޢިލްމުވެރިއެއް އަދި ޑިޕްލޮމެޓެއް.
  5. ޢަބްދުލް ކަރީމް ޣައްލާބް: މަޝްހޫރު މޮރޯކޯ ނޮވެލިސްޓެއް އަދި ނޫސްވެރިއެއް.
  6. އަބޫ މަދްޔަން: ޞޫފީ އުސްތާޛެއް.
  7. މުޙައްމަދު ތަޤީއުއްދީން އަލް-ހިލާލީ: ބަހުގެ ޢިލްމުވެރިއެއް އަދި ތަރުޖަމާނެއް.

މީގެ އިތުރުން، މިތަނުން ދަސްވެނިވެފައިވާ ބޭކަނބަލެއް ކަމަށް ވާ ފާޠިމާ އަލް-ކައްބާޖް އަކީ މި ޔުނިވަރސިޓީ މޮރޮކޯގެ ޒަމާނީ ޔުނިވަރސިޓީ ނިޒާމުގެ ތެރެއަށް ގެނައުމަށްފަހު، މި ތަނުން ފުރަތަމަ ގްރެޖުއޭޓްވި އަންހެނުންގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެކަކެވެ.

އޭނާ ވަނީ 1961 ވަނަ އަހަރު، މޮރޮކޯގެ އުލަމާއިންގެ މަތީ މަޖިލީހަށް ޢައްޔަންކޮށްފައެވެ. މިއީ ތާރީހުގައި ހިމެނިފައިވާ ކަމެކެވެ. ސަބަބަކީ އޭނާއަކީ އެ ޤައުމުގެ  އެންމެ މަތީ ދީނީ ޢިލްމުވެރިންގެ މަޖިލީހުގައި ޚިދުމަތްކުރަން ފުރުސަތު މިހާތަނަށް ލިބުނު ހަމައެކަނި އަންހެން ބޭފުޅާއެވެ. އޭނާ މި މަޤާމަށް އައްޔަނު ވުމުން މޮރޮކޯގެ އެންމެ މަތީ ފެންވަރުގައި ދީނީ، އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތަކުގައި ލަފާދިނުމުގެ ބާރު ލިބުނެވެ. އޭނާ ދެކިވަޑައިގެންނެވި ގޮތުގައި ދީނީ މައްސަލަތަކުގައި ލަފާދިނުމުގައި އަންހެނުންގެ އަޑު އިވުން މުހިންމެވެ. ޚާއްޞަކޮށް އާއިލާއާއި އިޖްތިމާޢީ މައްސަލަތަކުގައި، ސީދާ އަންހެނުންނަށް އަސަރުކުރާ ކަންކަމުގައި އަންހެނުންގެ ލަފާ ވަރަށް މުހިންމެވެ.

އަލް-ޤަރަވިއްޔިން ޔުނިވަރސިޓީ ގަދީމީ ބޮޑެތި އިމާރާތްތައް ފަދައިން ތާރީހުގެ ތެރެއަށް ގެއްލިގެނެއް ނުދެއެވެ. މިއީ މުސްލިމް އަންހެނެއްގެ ވިސްނުމުން ފެށުނު، 1160 އަހަރަށްވުރެ ގިނަ ދުވަހު ދެމިގެން އައިސްފައިވާ ދިރުންހުރި މުއައްސަސާއެކެވެ. މި ތަން މިހާ ދުވަސްވަންދެން ދެމިހުރުމަކީ މުސްލިމް މުޖުތަމަޢު ބިނާކުރުމުގައި ޢިލްމަށް ދޭ މުހިންމުކަން ހާމަކޮށްދޭ ހެއްކެކެވެ. އަދި އެ މުސްލިމް މުޖުތަމައުތައް ހެޔޮގޮތުގައި ބައްޓަން ކުރުމުގައި އަންހެނުން އަބަދުވެސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން ހަނދާންކޮށްދޭ ކަމެކެވެ.

އަލް-ޤަރަވިއްޔިން ޔުނިވަރސިޓީގެ ވާހަކައިން ތާރީޚާއި، މުސްލިމުންނާއި، އަދި ތަޢުލީމުގެ ދާއިރާގައި އަންހެނުންގެ ދައުރާ ބެހޭގޮތުން އޮންނަ އާންމު ވިސްނުމަށް ގޮންޖަހައެވެ. މި ވާހަކައިން އަންހެނުންނަކީ ހަމައެކަނި ތަޢުލީމު ޙާޞިލުކުރުމުގައި ބައިވެރިވި ބައެއް ނޫންކަމާއި، ޢިލްމީ މަރުކަޒުތައް އުފެއްދުމުގައި ވެސް އެމީހުންގެ ދައުރު ވަރަށް މުހިންމު ކަން ދައްކުވައިދެއެވެ. ދުނިޔޭގައި މިފަދަ ތަނެއް ވުޖޫދަށް ގެނެވިފައިނުވާ އިރެއްގައި އެފަދަ ކަމެއް ފުރަތަމަ ކުރުމަކީ ވަރަށް ބޮޑު ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *