ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި 460 އަށްވުރެ ގިނަ މީހުން މަރުވި، ޕާކިސްތާންގެ މޫސުމީ ފެންބޮޑުވުމުގައި ކިސަޑު ފޭބުމުގެ ސަބަބުން އުފެދުނު ފެންގަނޑެއް ބަންޑުން ވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ޕަންޖާބް، ހައިބަރް ޕަހްތުންހުވާ އަދި ގިލްގެޓް-ބަލްޓިސްޓާން ވެފައިވަނީ ފެންބޮޑުވުމުގެ އަސަރު އެންމެ ގަދައަށް ކޮށްފައިވާ ސަރަހައްދުތަކަށެވެ. އެ ގޮތުން ގިލްގެޓް-ބަލްޓިސްޓާންގައި، ފަރުބަދައެއްގެ މަތިން ކިސަޑު ފޭބުމުގެ ސަބަބުން އުފެދުނު ހަތް ކިލޯމީޓަރު ނުވަތަ ގާތްގަނޑަކަށް ހަތަރު މޭލުގެ ދިގު "ލޭކް"އެއް ނުވަތަ ބަންދުވެފައިވާ ފެންގަނޑެއް ކަނޑައިގެން ގޮސްފާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
"މި ފަދަ ހާދިސާއެއް ހިނގައިފި ނަމަ ތިރި ބިންތަކަށް ފެންބޮޑުވުމުގެ ކާރިސާއެއް ކުރިމަތިވާނެ،" އޮފިޝަލަކު އިންޒާރު ދިނެވެ.
އެހީ ދޭ ޓީމުތަކުން ވެލިބަސްތާ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަވަސްވެގަންފައެވެ. އަދި ހަމައެއާއެކު އެ ފެންގަނޑު ބަންޑުން ވެއްޖެ ނަމަ އޭގެ ގެއްލުން ލިބޭނެ ސަރަހައްދުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ އަވަސްކޮށްފައެވެ.

"ސުންނާފަތި ވެފައިވާ މިންވަރު ފެނިފައި ހިތްހަލާކު ވާވަރުވޭ. ކޮންމެ ރެއަކުހެން އާއިލާއެއް އެ މީހުންގެ ގެދޮރުން އުފުރިގެންދޭ. މި ފަދަ ހާލަތަކަށް ކުރިމަތިލުމަށް އަހަރެމެންގެ އަތުގައި ހުރި ވަސީލަތްތައް ނުބައްދަލު،" ޕާކިސްތާންގެ ގައުމީ ކާރިސާތައް ބަލަހައްޓާ އިދާރާގެ އިސް އޮފިޝަލަކު ބުންޏެވެ.
ޕާކިސްތާންގެ ފެންބޮޑުވުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ޕާކިސްތާންގެ ކަނާތުގައި އޮންނަ އަވަށްޓެރި އިރާނުން ވަނީ އެހީ ދިނުމަށް ވައުދުވެފައެވެ. އަދި ޕާކިސްތާންގެ ވައަތްފަޅީގައި އޮންނަ އަވަށްޓެރި އިންޑިއާއާ ގުޅުން ގޯސްވެފައި އޮތަސް އިންޑިއާއިން ދަނީ، ފެންބޮޑުވެދާނެކަމުގެ ސަމާލުތަކުގެ އިންޒާރުތައް އިއުލާން ކުރަމުންނެވެ.
މި ހަފުތާގައި ވެސް ކުރިއަށް ގަދައަށް ވާރޭ ވެހޭނެ ކަމަށް މޫސުމީ އިދާރާތަކުން ފޯކާސްޓް ނުވަތަ ލަފާ ކުރާއިރު، އާއްމުން މި ކަމަށް ސަމާލުވެ ތިބުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ ހިތްވަރު ދެމުންނެވެ.



advertisment