އާލިޔާއާއި އޭނާގެ އާއިލާ އަހަރުމެންގެ ގެއާ ޖެހިގެން ހުރި ގެއަށް ބަދަލުވީ އަހަރެންގެ އުމުރުން 12 އަހަރުގައެވެ. އޭރު އޭނާގެ އުމުރުން 14 އަހަރެވެ. އޭނާއަކީ ވަރަށް ރީތި ކުއްޖެކެވެ. ދޮން، އިސްކޮޅުން ކުރު، ރީތި މުށި ކުލައަކަށް ދާ އިސްތަށިގަނޑެއްގެ ވެރިއެކެވެ. އޭނާއަކީ ހުރިހާ ގޮތަކުން ވެސް ވަރަށް މޮޅު ކުއްޖެކެވެ. އަހަރެންނަކީ ކިޔަވައިދޭ އެއްޗެހި ނަގައިގަތުމުގައި މައްސަލަތަކެއް ހުންނަ ކުއްޖެކެވެ. ހާއްސަކޮށް ހިސާބެވެ.
ދިމާވި ދުވަހުން ފެށިގެން އަހަރެންނާއި އާލިޔާއާ ދެމެދުގައި ގާތް ގުޅުމެއް އުފެދުނެވެ. އަހަރެން ފަދައިން އޭނާ ވެސް ފޮތްކިޔުމަށް ލޯބިކުރެއެވެ. އެހެންވެ އެންމެ ފުރަތަމަވެސް އަހަރުމެން ދެމީހުންގެ ދެމެދުގައި އުފެދުނީ ކިޔާ ފޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް އުޅުމުގެ ގުޅުމެވެ. އަހަރެން އެ ގެއަށް ދާއިރު އޭނާ އަބަދުވެސް އިންނަނީ އެގޭ ސިޓިން ރޫމް ތެރޭގައި ފޮތެއް ހިފައިގެންނެވެ. ދުވަސްކޮޅަކުން އެކަކު އަނެކަކު ސްކޫލުން ވާހަކަ ފޮތްތައް ގެނެސް ބަދަލުކޮށް ހަދަން ފަށައިފީމެވެ. އޭނާ ކިޔަނީ އަހަރެން އޭރު ކިޔާ ފޮތްތަކަށްވުރެ ބޯ ފޮތްތަކެވެ. އަހަރެންގެ އެންމެ ފުރަތަމަ ބޮޑެތި މީހުންގެ ވާހަކައެއް ކިޔުނީ އޭނާގެ އަތުން އަތުލައިގެންނެވެ.
ކުޑަ ދުވަސްކޮޅެއް ފަހުން އާލިޔާ އަކީ ކުރަހާ ކުއްޖެއްކަން އަހަރެންނަށް އެނގިއްޖެއެވެ. އަހަރެންނަކީ ވެސް ކުރަހަން މޮޅު ކަމަށް ފާހަގަވެފައިވާ ކުއްޖެކެވެ. ނަމަވެސް އޭނާ އަހަރެންނަށްވުރެ މާ މޮޅަށް ކުރަހައެވެ. އޭނާ ފަންސުރުން ޝޭޑްކުރުމުގައި ގެންގުޅޭ ސްޓައިލާ އެއްގޮތް ސްޓައިލެއް އަދިވެސް އަހަރެންނަކަށް ފެނިފައެއް ނެތެވެ. އަހަރެން ކުރަހަނީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. އޭނާ ކުރަހާއިރު އެ ކަންތައް އެހާ ބޮޑުކަމަކަށް ނަހަދައެވެ.
އެއްދުވަހު އަހަރެންނަށް ސުކޫލުން ކިޔައިދިން ކޮންމެވެސް އެއްޗެއް ނޭނގިގެން އާލިޔާ ކައިރީގައި އެހުމުން އޭނާގެ އިނގިރޭސި ފޮތުގައި ލިޔެފައިވާ އެއްޗަކުން އޭތި އަހަރެންނަށް ކިޔައިދޭން ފޮތް ގެނައެވެ. އެދުވަހު އޭނާގެ އަތުލިޔުން ފެނިފައި އަހަރެން އާޝޯހުވިއެވެ. އޭނާގެ އިނގިރޭސި ލިޔުން ސިފަކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ގަތައިލައިފައިވާ މަލުގެ ހާރުތަކެއްގެ ސިފައިގައެވެ. އެހާވެސް ނަލަ، އޮޅިފައިވާ އަކުރުތަކެކެވެ. މީހަކު ބަލައި ފޫހިނުވާނެއެވެ. ނަމަވެސް އަހަރެންނާ އަޅައިބަލައިއިރުގައި އޭނާ ހުރިހާ ގޮތަކުން ވެސް މާ ފުރިހަމަކަން ހިތަށް ނެގެން ފެށީ ރާޝިދު އޭނާއާ ހެދި އުޅެން ފެށުމުންނެވެ.
ރާޝިދަކީ އަހަރެންގެ ބޮޑުބޭބެ އިނދެގެން އުޅުނު މީހާގެ ތިމާގެ ކުއްޖެކެވެ. ވަރަށް ކުޑައިރުން ފެށިގެން ރާޝިދު ހުރީ އަހަރުމެންގެ ގޭގައި ކިޔަވާށެވެ. އޭނާއަކީ ކިޔެވުމަށް އިންތިހާއަށް މޮޅު ކުއްޖެކެވެ. ގޭގައި ދެން އުޅޭ ކުދިންނަށްވުރެ އުމުރުން ދޮށިވުމުން ހުރިހާ މީހުންވެސް އޭނާއާ ދޭތެރޭ ދެކެމުން އައީ ބޭބެއެއްގެ ގޮތުގައެވެ. އެކަމަކު ރާޝިދަކީ އަހަރެންނަށް ލިބުނު އެންމެ ފުރަތަމަ ރަހުމަތްތެރިޔާއެވެ. ސްކޫލު ނިންމައިފައި ގިނަ ވަގުތު އަހަރުމެން ހޭދަކުރަނީ އެކުގައެވެ. އޭނާއަކީ ލަވައަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަހަރެންނާއި އޭނާއާ އެކީގައި ލަވަޖަހައިގެން އެ ލަވައިގެ ލިރިކްސް ލިޔެ އުޅުނީމެވެ. އޭނާގެ ފޮތްތަކުގައި ލިޔަންޖެހޭ ނޯޓްސް ލިޔެދީ އުޅުނީ އަހަރެންނެވެ. އޭނާގެ ފޮތްތަކުގައި އެއްޗެހި ކުރަހައިދީ އުޅެނީ އަހަރެންނެވެ. އޭނާ ކޮންމެ ދުވަހަކު އަހަރެންނަށް ހިސާބު ފިލާވަޅު ކިޔައިދޭނެއެވެ.
ރާޝިދު އާލިޔާއަށް ޝައުގުވެރިވާކަން އެނގުމުން އަހަރެން ހައިރާނެއްނުވެއެވެ. ސަބަބަކީ އަހަރެންނަކީ ފިރިހެން ކުއްޖެއްނަމަ އަހަރެންވެސް ބޭނުންވާނީ އާލިޔާ ކަހަލަ ކުއްޖެކެވެ. އެހާ ރީތި، އެހާ މޮޅު، އަދި އެހާ ގިނަ ހުނަރުތަކަކުން ފުރިގެންވާ ކުއްޖެކެވެ. އާލިޔާ އަހަރުމެންގެ ހަޔާތަށް އައުމުގެ ކުރިން އަހަރުމެން ގޭގެ ހުރިހާ ކުދިންވެސް ކިޔަމުން ގެންދިޔައީ ރާޝިދު ކޮންމެވެސް ދުވަހަކުން ގުޅޭނީ އަހަރެންނާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ރާޝިދު އާލިޔާއާ ގުޅުމުން އެންމެންނަށް އެނގުނެވެ. އެ ދެމީހުން ގުޅުނު ހިސާބުން އަހަރެންނާއި ރާޝިދު މަޑުމަޑުން ދުރުވިއެވެ. އާލިޔާއާ ވާހަކަދެއްކުންވެސް މަދުވެގެން ދިޔައެވެ.
އޭގެ އެތަކެއް އަހަރު ފަހެވެ. އަހަރެންނާއި ރާޝިދު ތިބީ ހެންވޭރު ކާނިވަލު ސަރަހައްދުގައި ހުންނަ މޫދު ފެންނަ ރެސްޓޯރަންޓެއްގައެވެ. މީގެ ހަފްތާއެއް ކުރިން އަހަރުމެން ދެމީހުން އެކަކު އަނެކަކާ ބައްދަލުވީ ހިޔާ ފްލެޓުގެ ލިފްޓު ތެރެއިންނެވެ. އޭގެ ދެތިން ދުވަސް ފަހުން ރާޝިދު އަހަރެންނަށް ގުޅިއެވެ. އަހަރުމެން ކޮފީއަކުން ދިމާވާން ނިންމީމެވެ.
"އޭ ކީއްވެތަ އާލިޔާއާ ދުރުވީ؟" ރާޝިދާ ދިމާވި ދުވަހު އޭނާ ހުރީ އެހެން އަންހެނަކާ އެކުގައެވެ. އަހަރެންނަށް އާލިޔާއާ އެކުގައި ރާޝިދު ނޫޅޭކަން އެނގުނީ އެ ދުވަހުއެވެ.
"އެމީހުން އެހެން ގެއަކަށް ބަދަލުވީމަ ގުޅުން ކެނޑުނީ،" ރާޝިދު ބުންޏެވެ.
"އޯ. އެހާ ދުވަސް ވެއްޖެ؟ އެމީހުން އެ ގެއިން ބަދަލުވީ އަހަރުމެން ލަންކާއަށް ބަދަލުވި އަހަރު ދޯ؟" އަހަރެން ވިސްނައިގެން ހުރީ އެ ދެ މީހުން އެކަކު އަނެކާ ދުވަހަކުވެސް ވަތްކެއް ނުވާނޭ ކަމަށެވެ.
"އޭ އެބައޮތޭ ވާހަކައެއް އަހައިލަންވެފައި…" ރާޝިދު ތަންކޮޅެއް ސީރިއަސް ރާގަކަށް ބުންޏެވެ.
އަހަރެންނަށް ރާޝިދު އެނގޭލެއް ބޮޑުކަމުން އެ ސުވާލު އެހުމުން އޭނާ ކަމަކާ މެދު ވިސްނާކަން އެނގުނެވެ. އަހަރެންގެ އުމުރުން ނުވަ އަހަރުން ފެށިގެން ގޮސް 13 އަހަރާ ހަމައަށް އަހަރެން ބޮޑުވީ އޭނާއާ އެއްކޮށެވެ. އެހެންވެ އޭނާގެ ކިބައިގައި ހުންނަ މިކަހަލަ ކުދިކުދި ކަންތައް އަހަރެންނަށް ފާހަގަކުރެވެއެވެ.
"އޯކޭ."
"ޝައި އަހަރެން ދެކެ އޭރު އެއްވެސް ވަރަކަށް ލައިކުވިތަ؟" ރާޝިދު އެއްސެވެ. އެކަމަކު އެ ސުވާލަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނޭނގެއެވެ.
"ބޭބެއެއް ގޮތަށްތަ؟" އަހަރެން ޖޯކު ގޮތަކަށް އަހައިލީމެވެ.
"ސީރިއަސްލީ؟" ރާޝިދު ފުންނޭވާއެއް ދޫކޮށްލިއެވެ.
މުހިންމު ތަންތާނގައި ޖޯކު ޖަހަން އުޅުމަކީ އަހަރެންގެ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމެކެވެ.
"ނޭނގެ. އެނގޭނު އަހަރެންނަށް އެއްޗެހި އެނގޭލެއް ވަރަށް ލަސްކަން. އަހަރެންނަށް ނޭނގޭ އެތައް ކަމެއް އަދިވެސް ހުރޭ،" އަހަރެން ޖަވާބު ދިނީ ތެދަށެވެ.
"މި ސުވާލު މިކުރީ މިއީ އަހަރެންނަށް އެނގުން މުހިންމު ސުވާލަކަށް ވާތީ އޯކޭ،" ރާޝިދު އިނީ ސީދާ އަހަރެންގެ ލޮލަށް ބަލައިގެންނެވެ.
"މިހާރު ތި ސުވާލުގެ ޖަވާބު އެނގިގެން ވާނީ ވަކި ކޮންކަމެއް؟ މިހާރު އަހަރުމެން ދެމީހުންވެސް ބޮޑުވެއްޖެއެއްނު!"
"އާނ. ވަރަށް ބޮޑުވެއްޖެ. މީހުންނާ އިނދެގެން ދަރިންވެސް ލިބިއްޖެ ދޯ؟" ރާޝިދުގެ މޫނަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
"އާނ. އަދި މިހާރު އަހަރެންގެ ފިރިއެއް ނެތަސް…" އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ. ބޭނުންވީ ހީނގަނެގެން ނަމަވެސް ވެރިވަމުން ދިޔަ ސީރިއަސް މޫޑު ބަދަލުކޮށްލާށެވެ.
"މިއީ އަހަރެންގެ ހަޔާތުގައި ވަރަށް ގިނަ ކަންތައްތަކާ ގުޅިފައިވާ ސުވާލެއް އިނގޭ؟" ރާޝިދު ބުންޏެވެ.
"ތިބުނީ ކިހިނެއް؟" ރާޝިދު އެއްސެވެ. މި ވާހަކައިން ރެކެވޭކަށް ނެތްކަން އަހަރެންނަށް ވިސްނުނެވެ.
"މިބުނީ އަހަރެންނާއި އާލިޔާގެ ގުޅުން ނިމުނީ ވެސް މިކަމާ ހެދިއޭ،" ރާޝިދު އެހެން ބުނިއިރު އިނީ މޫދަށް ބަލަހައްޓައިގެންނެވެ.
އެ އަޑު އިވުމުން އަހަރެންނަށް ޖެހުނީ ޝޮކެކެވެ.
"މަށާ ހެދިއޭ؟ ކީއްވެ އަހަރެން ތިކަމުގެ ތެރެއަށް ވަނީ؟" އަހަރެން އެހީމެވެ.
"ޝައިއަށް އަދިވެސް ނޭނގެންޏާ އަޅައިނުލާ!" ރާޝިދުގެ އަޑު ހުރިގޮތުން އޭނާ ވަރަށް ސީރިއަސްކަން އެނގުނެވެ.
"ރާޝިދު. ރުޅިއައީތަ؟" އަހަރެންނަށް ހަދަންވީ ގޮތެއް ނޭނގުނެވެ.
"ޝައި އެއްވެސް މީހެއްގެ ކައިރީގައި ބުނިންތަ އަހަރެން ދެކެ ލައިކުވެއޭ؟" ރާޝިދު އިރުކޮޅަކު މަޑުން އިނދެފައި އެއްސެވެ.
އަހަރެން ވިސްނާލީމެވެ. އަހަރެން ރާޝިދު ދެކެ ލައިކުވާ ވާހަކަ ބުނީ އެންމެ މީހެއްގެ ކައިރީގައެވެ. އެއީ އެ ދުވަސްވަރު އަހަރެން ކައިރީގައި ރައްޓެހިވާން އެދުނު، ގޭދޮށުގައި އުޅުނު ފައިސަލް ކައިރީގައެވެ. ފައިސަލް ކައިރީގައި އަހަރެން އަސްލު ވަރަށް ބޮޑަށް ރާޝިދު ދެކެ ލައިކުވާ ވާހަކައާއި ރާޝިދު އެހެން ކުއްޖަކާ ރައްޓެހިވީމަ އަހަރެން ދެރަވި ވާހަކަ ބުނީމެވެ.
"އާނ. ފައިސަލް ކައިރީގައި ބުނިން،" އަހަރެން ބުނީމެވެ. ރާޝިދު ހަމަޖެހިފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ޝައި ލަންކާއަށް ދިޔަފަހުން އެ ވާހަކަ އާލިޔާ ކައިރީގައި ފައިސަލް ބުނީ. އެ ހިސާބުން އަހަރުމެން ދެމީހުން ދުރުވީ،" ރާޝިދު ބުންޏެވެ.
"އަޅޭ. އައިއެމް ސޯ ސޮރީ!!" އެ ވާހަކަ އިވުމުން އަހަރެން ވަރަށް ދެރަވިއެވެ.
"ކޮން ކަމަކާ؟ އެއީ އެހާ ބޮޑު ކަމެއް ނޫނޭ،" ރާޝިދު އަހަރެންނަށް ބަލައިލަމުން ބުންޏެވެ.
"ދެންމެ އެ ވާހަކަ ދެއްކި ގޮތުން ހީވަނީ ވަރަށް ބޮޑަށް އެކަމާ ރުޅި އައިސްފައިހެން،" އަހަރެންނަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
"ފައިސަލް ކައިރީގައި ޝައި ބުނި އެތީގެ އެއްވެސް ހަގީގަތެއް ވޭތަ؟" ރާޝިދު އަނެއްކާވެސް އެ ސުވާލު ކުރިއެވެ.
"އުހުނ. އެއީ އަސްލު ފައިސަލްއާ ރައްޓެހިނުވާން ބުނި އެއްޗެއް،" އެއީ ހަގީގަތެވެ. އެކަމަކު އަހަރެންނަށް ހަގީގަތް ހާމަކުރަން އުނދަގޫވީ ކީއްވެގެން ކަމެއް ނޭނގެއެވެ.
"ހީވެއްޖޭ،" ރާޝިދު ހިނިތުންވެލަމުން ބުންޏެވެ.
ކޮފީ ނިންމާފައި ރާޝިދު އަހަރެން ގެއަށް ލައިދެންތޯ އެހުމުން އަހަރެންނަށް އެކަނި ހިނގާލައިފައި ދެވިދާނެ ވާހަކަ ބުނީމެވެ. އަހަރުމެން ދެމީހުން ހިނގާލައިފައި ނުކުމެ ރާޝިދުގެ ސައިކަލާ ހަމައަށް ގޮސްފައި މަޑުކޮށްލީމެވެ.
"ހިނގާ ކުޑަކޮށް ބީޗުގައި ހިނގައިލަން،" ރާޝިދު ބުންޏެވެ.
"އޯކޭ."
އަހަރުމެން ދެމީހުން ބީޗުގައި ހިނގަމުން ދިޔައިރު އަހަރެންގެ ބޮލަށް އުނދަގޫކުރަމުން ގެންދިޔަ ސުވާލެއް އޮތެވެ.
"ރާޝިދު. ކީއްވެގެންތަ އަހަރެން ރާޝިދު ދެކެ ލައިކުވާ ވާހަކަ އެނގުނީމަ އާލިޔާއާ އޮތް ގުޅުން ސަކަރާތްވީ؟" ބީޗުގައި ހުރި ބެންޗެއްގައި އިށީނދެފައި އަހަރެން ސުވާލުކުރީމެވެ.
"އަސްލު ޝައި އަހަރެން ދެކެ ލައިކުވާތީއެއް ނޫނޭ އާލިޔާއާ އަހަރެން ރުޅިވީ. އާލިޔާއާ ރުޅިވީ އަހަރެން ޝައި ދެކެ ލައިކުވާތީ،" ރާޝިދު ބުންޏެވެ.
އެވަގުތު އަހަރެންގެ ހިތަށް ލޮޅުމެއް އެރިއެވެ.
"ތިކަން އަހަރެންނަށް ނޭނގުނީ ކީއްވެބާ؟" އަހަރެން ރާޝިދާ ދިމާލަށް ބަލައިލަމުން ބުނީމެވެ.
"ހަމަ އަސްލުވެސް ޝައިއަކަށް ނޭނގޭތަ؟" ރާޝިދު އެއްސެވެ.
"އަހަރެން ދެކެ ލައިކުވާނަމަ އެހެން މީހަކާ ރައްޓެހިވާނެތަ؟" އަހަރެންގެ އަޑުން ޝަކުވާގެ ރާގު ހާމަވާކަން އެނގުނެވެ.
"ޝައި. ހަނދާނެއް ނުވޭތަ އޭރު ކަންތައް ވީ ގޮތެއް؟" ރާޝިދުގެ ސުވާލު ވެސް ވަނީ ސުވާލުން ފުރިފައެވެ.
"އަހަރެންގެ ހަނދާން ބަލީކަންނޭނގެ. ހަނދާން ކޮށްދީބަލަ!" އަހަރެން ހުރިހާ ކަމެއް ހަނދާން އެބަހުއްޓެވެ.
"ޝައި އެއް ދުވަހަކު އައިސް އަހަރެން ކައިރީގައި ބުނީ އާލިޔާ އަހަރެންނަށް ސަލާން ބުންޏޭ. އެހެން ބުނީމަ އަހަރެން ބުނި އެތި ޝައި ހަނދާން އެބަހުރިތަ؟" ރާޝިދު ވާހަކަ ދެއްކީ ވަރަށް ވިސްނައިގެންނެވެ.
"އާނ. ރާޝިދު ބުނީ ތި ވާހަކަ އަހަރެން ކައިރީގައި ނުދައްކާށޭ،" އެ ދުވަސް އަހަރެން ހަނދާން އެބަހުއްޓެވެ.
"ދެން ޝައި އޭގެ ދެތިން ދުވަސް ފަހުން އައިސް އާލިޔާ ދިން ފޮތެއް އަހަރެންގެ އަތަށް ދިނީ. އޭގައި އޮތް އާލިޔާ ލިޔެފައި އޮތް ސިޓީއެއް. އަހަރެން ކަންތައް ކުރިގޮތް ހަނދާން ވޭތަ؟" އެ ހަނދާން އަހަރެންގެ ލޯކުރިމަތީގައި ފެންނަ ފަދައެވެ.
"އާނ. އަހަރެން ކައިރީގައި ބުނީ ގޮސް އެ ފޮތް އޭނައަށް ދޭށޭ. ރާޝިދު ބޭނުމެއް ނޫނޭ އޭތި ކިޔާކަށް."
"އޭގެ ފަހުން އަހަރެން ބުނީ ކީކޭ؟" ރާޝިދު އެއްސެވެ.
"ހަނދާނެއް ނެތް،" އެކަމަކު އަހަރެން ހަނދާން ހުއްޓެވެ.
"އަހަރެން އެހިން ދޯ ޝައި ކައިރީގައި ކީއްވެގެންހޭ އާލިޔާއާ އަހަރެން ގުޅުވަން ތި މަސައްކަތްކުރަނީ؟ ޝައި ބުނީ އެއީ އަހަރެންނާ އެންމެ ގުޅޭ ކުއްޖާއަށް ވީމައޭ،" ރާޝިދު ކަންތައް ވީގޮތް ކިޔަމުން ދިޔައެވެ.
"ތިކަމަކުން އަހަރެން ދެކެ ލައިކުވާކަން އެނގޭތަ؟" އަހަރެން ބުނީމެވެ.
"އެ ދުވަހާ ޖެހެންދެން އަހަރެން ހީކުރީ އަހަރެންނާ ހުރިހާ ގޮތަކުންވެސް އެންމެ ގުޅެނީ ޝައިއާ ކަމަށް. އަހަރެންނާއި ޝައިއާ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުމަށްވުރެ ވަރުގަދަ ގުޅުމެއް ވާކަމަށް. އެކަމަކު އެ ދުވަހު އަހަރެންނަށް އެނގުނު ޝައި އަހަރެންނާ ދޭތެރޭ ދެކެނީ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އެކަނިކަން،" ރާޝިދު މޫދަށް ބަލަން އިނދެގެން ބުންޏެވެ.
އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން އިނީމެވެ. ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އެ ވާހަކަ ދައްކަން ފެށުމުންވެސް އަހަރެންގެ ހިތަށް އެ ދުވަހު ލިބުނު ހިތްދަތިކަން އަލުން ލިބެން ފަށައިފިއެވެ. އެކަމަކު އެ ދުވަހު އަހަރެން އެހެން ބުނުމުން ރާޝިދު ފޮތުގައި ހިފި ވަގުތު އަހަރެންގެ ހިތަށް ތޫނު އެއްޗެއް ހެރުނު ފަދައެވެ. އޭގެ މާ ގިނަ ދުވަހެއް ނުވަނީސް އެ ދެމީހުން ރައްޓެހިވެއްޖެއެވެ. އެ ދެމީހުން އެގޭ ދޮރުމަތީގައި ވާހަކަ ދައްކަން ތިބޭތަން ފެނިފައި އަހަރެން ފެންކަޅިވީ ކިތައް ފަހަރު ހެއްޔެވެ؟ ފަހުން ރާޝިދު އޭނާގެ ފޮތްތަކުގައި ކުރަހަން ގެންދަނީ އާލިޔާ ކައިރިއަށެވެ. އެއް ދުވަހު އޭނާ ކައިރީގައި އަހަރެންނާ އެކުގައި ލަވަ އަޑުއަހަން އަންނާށޭ ބުނުމުން އާލިޔާއާ އެކުގައި ބޭރަށް ދާންޖެހެއޭ ކިޔާފައި ދިޔަ ދުވަހު، މީހެއް ދެކެ ލޯބިވީމައި ވާ އިހުސާސް ފުރަތަމަ ފަހަރަށް އެނގުނެވެ.
"ހިނގާދޯ ދާން!" އެ ހަނދާންތައް ވާން ފެށުމުން އަހަރެންނަށް އުނދަގޫވާން ފަށައިފިއެވެ. އަހަރެން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.
"އޯކޭ. އަދި ދިމާވާން ޖެހޭނެ ދޯ!" ރާޝިދު އަހަރެންނާ އެކުގައި ތެދުވިއެވެ.
"އާނ. އަންހެނުންނަށް ސަލާން ބުނައްޗޭ!" އަހަރެން އާޓިފިޝަލް ބީޗުގެ ދޮރުމައްޗަށް އަރައިފައި ބުނީމެވެ.
"މަގޭ އަނތްބެއް ނުހުރޭ މަންޖޭ،" ރާޝިދު ހެމުން ބުންޏެވެ.
"އޭތް. އެއްކަލަ ދުވަހު ކައިރީގައި ހުރީ ކާކު؟" އަހަރެން ސިހުނެވެ.
"އޭ ބޭބެގެ އަންހެނުންނޭ. އަހަރެން އެ ދުވަހު ފަހަރިގެއަށް ލައިދޭން ގޮސްފައޭ އެތާނގައި ހުރީ،" ރާޝިދުގެ ސައިކަލާ ހަމައަށް ދެވިއްޖެއެވެ. "ދަނީ އެނގޭ."
"ރާޝިދު މަޑުކޮށްބަލަ!" އޭނާ ދުއްވާލި ތަނާ އަހަރެން ކުއްލިއަކަށް ބުނީމެވެ.
"ކީކޭތޯ؟" ރާޝިދު އަހަރެންނާ ދިމާލަށް އެނބުރިލާފައި ހީނލިއެވެ.
"ކީއްވެ އެ ދުވަހު އެ ފޮތުގައި ހިފީ؟" ރާޝިދު ކައިރިއަށް ގޮސް ހުއްޓެމުން އަހަރެން އެހީމެވެ.
"ތިބުނީ؟" ރާޝިދު މަޑުމަޑުން އެހިއެވެ.
"އަހަރެން ރާޝިދާ އެންމެ ގުޅޭނީ އާލިޔާއޭ ބުނީމައި ކީއްވެގެންހޭ އެ ފޮތުގައި ހިފީ؟" އަހަރެންގެ އަޑު ކަރުގައި އަޅައިގަތެވެ.
"ޝައިގެ ބޯހަރުކަމުން. ޝައިއަށް އެއްވެސް އެއްޗެއް ނުވިސްނޭތީ. އެހެން ހަދައިގެންވެސް އެއްޗެއް ވިސްނޭތޯ،" ރާޝިދު ބަލަމުން ގެންދިޔައީ ސީދާ އަހަރެންގެ މޫނަށެވެ.
"އެކަހަލަ ބޮޑެތި އެއްޗެހި ވިސްނަން ނަގާނެ ދޯ ވަގުތުކޮޅެއް،" އަހަރެން ހިންދިރުވާލައިފައި ބުނީމެވެ.
"ވިހި އަހަރު؟" ރާޝިދު ހިނިތުންވެލަމުން ބުންޏެވެ. "އަރާ ފަހަތަށް. އަހަރެން ގެއަށް ލައިދޭނަން."



advertisment