Support Us

"ޖަމަލު އަންހެންކުއްޖާ"ގެ އާދަޔާ ޚިލާފު ވާހަކަ

"ކެމަލް ގާރލް! މިއީ އަންހެން ކުއްޖެއްތަ؟ ނޫނީ ޖަމަލެއްތަ؟ ބަލައިލަން އާދޭ!"

މިއީ 1884 ވަނަ އަހަރު، އާންމުންނަށް މަޤްބޫލު ޑަބްލިއު.އެޗް. ހެރިސްގެ ނިކަލް ޕްލޭޓް ސަރކަސް އިޝްތިހާރުކުރުމަށް ބަހަމުން ދިޔަ ލީފްލެޓުތަކެއްގައި ލިޔެފައިވާ ލިޔުންކޮޅެކެވެ. މި ލިޔުމާއެކު، މަތީގައި އެވާ، ހަތަރެސްފައި ޖަހައިގެން އޮތް އަންހެން ކުއްޖާގެ ފޮޓޯވެސް ޕްރިންޓްކޮށްފައިވެއެވެ.

އޭނާގެ ނަމަކީ އެއްލާ ހާޕަރއެވެ. އޭރު އޭނާ މަޝްހޫރުވެފައިވަނީ "ކެމަލް ގާރލް" ނުވަތަ "ޖަމަލު އަންހެންކުއްޖާ"ގެ ނަމުންނެވެ. ނަމަވެސް އޭގެ ދެތިން އަހަރު ފަހުން އޭނާ އާންމުންގެ ލޯމަތިން ގެއްލުނެވެ. ދާދި ފަހުން އަނެއްކާ އޭނާގެ ވާހަކަ ފެންމަތިވީ މި އިޝްތިހާރުތައް ފެނިގެން ނަސަބު ތަޙްލީލުކުރާ މީހެއް އެއްލާ އަކީ ކާކުތޯ ހޯދަން ކުރި މަސައްކަތުންނެވެ.

އެމެރިކާގެ ޓެނެސީގެ ސަމްނަރ ކައުންޓީގެ ދަނޑުވެރި ސަރަޙައްދެއްގައި، 1870 ވަނަ އަހަރުގެ މި އާދަޔާ ޚިލާފު ކުއްޖާ ދުނިޔެއަށް އުފަންވިއެވެ. އެއްލާއަކީ އެއްމާބަނޑު ދެބެއިންގެ ތެރެއިން އެއް ކުއްޖެކެވެ. އޭނާގެ ކޮއްކޮ އެވެރެޓް ތިން މަހުގައި ދުނިޔެ ދޫކުރިއެވެ. އެއްލާ ދުނިޔޭގައި ހުރި ނަމަވެސް ބޮޑުވަމުން އައިއިރުގައި ޖިސްމާނީ އައިބެއް ފާޅުވާން ފެށިއެވެ. އެހެން މީހުންނާ ޚިލާފަށް އެއްލާގެ ކަކޫ ލެނބެނީ ކުރިމައްޗަށެވެ. މި ޙާލަތަށް ދީފައިވާ ނަމަކީ "ޖީނޫ ރިކަރވޭޓަމް"އެވެ.

މި ކަމުގެ ސަބަބުން އެއްލާއަށް ދިރިއުޅުމަށް އެތަކެއް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެރަށުގެ 1880 އަހަރުގެ ބޯހިމެނުމުގެ ރިކޯޑުތަކުގައި އޭނާ ލިސްޓުކޮށްފައި ވަނީ "ނުކުޅެދޭ" މީހެއްގެ ގޮތުގައެވެ. އޭނާގެ އާއިލާއަކީ އެ ރަށުގެ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާއަކަށް ވީނަމަވެސް އެއްލާގެ ސަބަބުން މީހުންގެ ސަމާލުކަމަށް އެމީހުން އައެވެ. ނަތީޖާއަކަށް ވީ އުމުރުން 14 އަހަރުގައި އޭނާގެ އައިބުކަން ބަލައިގަންނާނެ ކަހަލަ ތަނަކަށް އެއްލާ އާމްދަނީ ހޯދުމަށް މަސައްކަތްކުރަން ދިޔުމެވެ.

މަތީގައިވާ ވީޑިއޯ އިން އެ ފެންނަނީ އެ ހާލަތު ހުރި އެހެން މީހެއްގެ ދިރިއުޅުމެވެ.

އެއްލާ އެތަނުގައި މަސައްކަތް ކުރަން ހިޔާރުކުރީ ކީއްވެގެންކަން އެއްވެސް ރިކޯޑަކުން އެނގޭކަށް ނެތެވެ. ނަމަވެސް ސަރކަސްތަކަކީ އިންސާނުންގެ ތެރޭގައި މިފަދަ އައިބު ހުންނަ މީހުންނަށް ފަސޭހައިން ދިރިއުޅުމެއް ލިބޭ ކަހަލަ މާހައުލުތަކެވެ. ސަރކަސްއިން އެއްލާ އިޝްތިހާރު ކުރަމުން ދިޔައީ އެއްފަޅި އިންސާނެއް އަނެއް ފަޅި ޖަމަލެކޭ ކިޔައިގެންނެވެ.

އެއްލާއާ ބެހޭ ގޮތުން އޭރުގެ މީޑިއާތަކުގައި ލިޔެފައި ހުންނަ އެއްޗެހީގައި އޭނާއަކީ އެއްފަޅި ޙައިވާނަކަށް ވިޔަސް އޭނާއަކީ ރީތި އަންހެން ކުއްޖެއްގެ މޫނެއް ލިބިފައިވާ އެއްޗެއްކަމާއި އޭނާގެ ހިނިތުންވުން ވަރަށް ރީތި ވާހަކަ ލިޔެފައި ހުރެއެވެ. މި ލިޔުންތަކުން އަންގައިދެނީ އޭރު މީހުން އޭނާއާ ދޭތެރޭ ވިސްނަމުން ގެންދިޔައީ އިންސާނަކަށް ވުރެ ދަށު ދަރަޖައެއްގެ އެއްޗެއް ގޮތުގައި ކަމެވެ. ނަމަވެސް މި އަގުވައްޓާލުމާއި، ފުރައްސާރަ ބަލައިގަނެ މީހުން އެދޭ ގޮތަށް ސްޓޭޖުގައި ހަތަރެސްފައި ޖަހައިގެން ހިނގައިގެން ހަފުތާއަކު 200 ޑޮލަރު އުޖޫރައެއްގެ ގޮތުގައި އޭނާ ހޯދިއެވެ. އެއީ މިހާރުގެ ރޭޓުން ހަފުތާއެއްގެ މައްޗަށް އެތައް ހާސް ޑޮލަރެކެވެ.

އޭގެ ދެ އަހަރު ފަހުން އެއްލާ އެ ސަރކަސް ދޫކޮށްލީ އޭނާ ސްކޫލަށް ގޮސް ކިޔަވައިގެން އެހެން މަސައްކަތެއް ކުރަން ބޭނުންވާތީއޭ ކިޔައިފައެވެ. މިކަންތަކުން މީހުން ހައިރާންވިއެވެ. އެއީ އާންމު ގޮތެއްގައި ސަރކަސްއަށް ވަންނަ ޕަރފޯމަރަކަށް އެތަނުން ސަލާމަތްވެގެން އެހެން ދިރިއުޅުމެއް ހޯދުމަކީ އުނދަގޫ ކަމެކެވެ.

އެއްލާގެ ވާހަކަ ދިރާސާކުރި މީހާ އޭނާއަށް ވީގޮތް ދެނެގަތީ ބޯހިމެނުމުގެ ރިކޯޑުތަކާއި ކައިވެނި ރިކޯޑުތަކާއި ޤަބުރުސްތާނުގެ ދަފްތަރު ހާވައިގެންނެވެ. މި މީހާގެ ތަޙްލީލުން ހާމަވީ 1900 ވަންދެން އެއްލާ އުޅުނީ އޭނާގެ ހުވަފަތްވެފައިވާ މަންމައާ އެކުގައި ހަމަހިމޭން ދިރިއުޅުމެއްގައި ކަމެވެ. އެއްލާގެ އުމުރުން 35 އަހަރުގައި އޭނާ ނޭޝްވިލް ސްކޫލުގެ މުދައްރިސެއް ކަމަށްވާ ރޮބަޓް ސޭވްލީއާ ކައިވެނިކޮށްގެން އާދައިގެ ދިރިއުޅުމެއް ވޭތުކުރަމުން ގެންދިޔަކަން ރިކޯޑުތަކުން ވަނީ ދެނެގަނެވިފައިވެއެވެ.

އެއްލާއާއި ރޮބަޓަށް 1906 އަހަރު އަންހެން ކުއްޖެއް ލިބުނެވެ. ނަމަވެސް އެ ކުއްޖާ ފަސްމަހުގައި މަރުވީއެވެ. އެމީހުން ޖުވެލް ނަމަކަށް ކިޔާ އެހެން ކުއްޖެއް އެޑޮޕްޓުކުރި ކަމުގައި ވެއެވެ. ނަމަވެސް މިކުއްޖާވެސް މަރުވީއެވެ. ބޯހިމެނުމުގެ 1910 އަހަރުގެ ރިކޯޑުގައި އެއްލާ ހިމެނިފައިވަނީ ލިބުނު ހަމައެކަނި ދަރިފުޅު މަރުވެފައިވާ މީހެއްގެ ގޮތުގައެވެ.

ފަހަރެއްގައި އޭނާގެ ހިތާމަތަކަށް އީމާންތެރިކަމުގެ ތެރެއިން ތަސައްލީއެއް ހޯދުމުގެ ނިޔަތުގައި ކަންނޭނގެއެވެ. އެއްލާ ވަނީ 1916 ވަނަ އަހަރާ ހަމައަށް އަޅުކަންކުރަން ގަވާއިދުން ފައްޅިއަށް ގޮސްއުޅެފައެވެ. އޭނާ މުޖުތަމަޢުގައި މީހުންނަށް އެނގިފައިވަނީ ހަރުދަނާ މުދައްރިސަކާ އިނދެގެން މުޖުތަމަޢުގެ ކަންތައްތަކުގައި ހަރަކާތްތެރިވި، ހަމަހިމޭން އަންހެނެއްގެ ގޮތުގައެވެ. އޭނާގެ ދިރިއުޅުމުން އެއީ ދުވަހަކުވެސް ސަރކަސްއެއްގައި މީހުންގެ މަލާމާތް ރައްދުވީ މީހެކޭ މީހުން ހިތަކަށް ނާރާނެއެވެ.

ނަމަވެސް އެއްލާގެ ފެށުންވެސް ނިމުންވެސް ވަނީ ހިތްދަތި ކަންތަކުން ފުރިފައެވެ. އެއްލާ ވަނީ 1921 އަހަރު އޭނާގެ އުމުރުން 51 އަހަރުގައި ގޮހޮރުގެ ކެންސަރުގައި ނިޔާވެފައެވެ. އެއްލާގެ ފިރިމީހާ އޭނާ ވަޅުލާފައިވަނީ އޭނާގެ މައިންބަފައިންގެ މަހާނަތަކާ ކައިރީގައެވެ. އެއްލާ ވަޅުލާފައިވާތަން ފާހަގަ ކުރަން ޖަހައިފައިވާ ހިލައިގައި އެއްލާއަކީ "އަހަރުމެންގެ ގޭގެ ދިރުން" ކަމަށް ލިޔެފައިވެއެވެ.

އެއްލާ މަރުވިތާ ޤަރުނަކަށްވުރެ ގިނަ ދުވަސް ފަހުން އޭނާގެ ފަސްލެވިފައިވާ ވާހަކަ ނެގި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވަގުތެއްގައި އޭނާގެ އައިބާއެކުގައި ސަރކަސް ދިރިއުޅުމެއްގައި އުޅުމުގެ ފުރުޞަތު ލިބި ބޮޑު އުޖޫރައެއް ލިބެމުން ދިޔަ ނަމަވެސް އޭގެން ދުރަށް ދާން އޭނާ ބޭނުންވި ސަބަބުތައް ކިޔާ މީހުން ހަނދާންކުރުން މުހިންމެވެ. އަދި އޭނާގެ އައިބުކަމާއެކުވެސް އާދައިގެ މީހުން ފަދައިން ދިރިއުޅުމެއް އުޅުމަށް އޭނާ ކުރި މަސައްކަތުން މި ޙަޔާތުގައި އުޅެ ނިމިދިޔައިރުގައިވެސް އޭނާ އުންމީދު ދޫނުކޮށްލާކަން ދެނެގަތުން މުހިންމެވެ. އޭނާއަށް އިންސާނަކަށް ލިބެންޖެހޭ ޙުރުމަތް ލިބުނު ދިރިއުޅުމެއް ވޭތުކުރިކަން ފާހަގަކޮށް އޭނާގެ ކެތްތެރިކަމާއި ހިތްވަރުވެސް ފާހަގަކުރަންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *