އެންމެ ހަގު ދަރިފުޅު ސްކޫލަށް ލައިފައި ގެއަށް ދިޔަ މަގުމަތީގައި "މަންމާ" އޭ ކިޔައިފައި ކުޑަކުއްޖަކު ގޮވައިލި އަޑަށް ފަހަތަށް އެނބުރި ބަލައިލެވުނެވެ. އެއީ އަހަރެންގެ ދަރިއެއްގެ އަޑެއް ނޫނެވެ. އެހާ ތުއްތު އަޑަކުން "މަންމާ"އޭ ނުގޮވާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިހާރުވެސް ރެޔާއި ދުވާލު އަހަރެންނަށް އިވޭ އަޑަކަށް ވީމާ ބަލައިލެވެނީއެވެ.
އަހަރެންނަށް ފެނުނީ ތަންކޮޅެއް ޅަފުރައިގެ މަންމައެއް އޭނާގެ ތުއްތު ދަރިފުޅު އުރާލަން ގުދުވެލި މަންޒަރެވެ. އެ މަންޒަރު ފެނިފައި އަހަރެން ފެންކަޅިވިއެވެ. ބައެއް ހިނދުކޮޅުތަކަކީ ދެން އެނބުރި އަންނާނޭ ހިނދުކޮޅުތަކެއް ނޫނޭ ހިތަށް އެރިއެވެ. އަނެއްކާވެސް އެނބުރި ގެޔާ ދިމާލަށް ހިނގައިގަތީމެވެ.
ގެއަށް ދިޔަ މަގުމަތީގައި ގްރޮސަރީ ފިހާރައަކަށް ވަދެ ގޭގައި ހުސްވެފައި ހުރި ތަކެތި ގަތީމެވެ. ކުރިޔަށް އޮތީ ހުކުރު ދުވަހެވެ. އެހެންވެ އާދަކާދައިގެ މަތިން ހުކުރު ދުވަހުގެ ކެއްކުމަށް ކާއެއްޗެހި ގަތީމެވެ. މިރޭ ހުރިހާ އެންމެން އެކުގައި ޓެރަހަށް އަރާ ދުންތަރި ބެލުމަށް ހަމަޖެހިފައި އޮތީމާ އެގަޑީގައި ކާނެ ސާމާނުވެސް ގަތީމެވެ. އަހަރެންގެ އެއް ކުއްޖަކަށް ކަމުދާ އެއްޗެއް އަނެއް ކުއްޖަކަށް ކަމަކު ނުދާނެއެވެ. އެކަކަށް ޗޮކްލެޓް އައިސްކްރީމް މީރިއްޔާ އަނެކަކަށް މީރީ ސްޓްރޯބެރީ އައިސްކްރީމެވެ. އަނެކަކަށް ވެނީލާއެވެ. ހުރިހާ އެއްޗެއް ވެސް ހަމަ މިހެންނެވެ.
ފިހާރައިން ނުކުތްއިރު އަހަރެންގެ އަތް ފުރެންދެން ހުރީ ހުސްކޮތަޅެވެ. މަޑުމަޑުން ހިނގާފައި ގެޔާ ދިމާލަށް ހިނގައިގަތީމެވެ. އެކަމަކު އަހަރެން އެހާ އަވަހަށް ގެއަށް ދާން ބޭނުމެއް ނުވިއެވެ. ބޭނުންވީ ގެއަށް ދާން އޮންނަ ހިޔާދޭ މަގުތަކުގައި ހަމަޖެހިލަން ހިނގާލާށެވެ. ކުޑަތަންކޮޅަކަށް ހިނގާލިތަނާ އެ ޚިޔާލު ބަދަލުވެއްޖެއެވެ. ގަނެވުނު ސާމާނާ ހެދި އަތަށް ބަރުވެއްޖެއެވެ.
ގެއަށް ވަނތްއިރު ގެއަށް އަތްގާތްކޮށްދޭން އަންނަ ކާންތި ހުރީ އައިސް ކައްކަން ފަށައިގެންނެވެ.
"ކޮބާ އަމްހަރު؟ އަދިވެސް ނިދައިފައިތަ؟" އަހަރެންގެ ދެވަނަ ދަރިފުޅު އަމްހަރު މިއަހަރު އޯލެވެލް ނިމިގެން އޭލެވެލް ފެށެންދެން މަޑުކޮށްލައިގެން ހުރި ދުވަސްވަރެވެ. އޭނާ ދުވާލު ހަތަރުދަމު ކޮޓަރިން ބޭރަށް ނުނުކުންނާތީ އަހަރެންގެ ބޮލަށް އުނދަގޫވެއެވެ.
"ނޫން މޭޑަމް. ހޭލައިގެން ކައިގެން އަނެއްކާ ކޮޓަރިއަށް ވަދެއްޖެ،" އަހަރެންގެ އަތުގައި ހުރި ކޮތަޅުތަކާ ކާންތި ހަވާލުވެއްޖެއެވެ.
"މަންމާ ތިއައީތަ؟" އަހަރެންގެ ފުރަތަމަ ދަރިފުޅު ޔޫހާ އަހަރެންގެ އަޑަށް އޭނާގެ ކޮޓަރިން ނުކުމެގެން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ޔޫހާ މިއަހަރު އޭލެވެލް ނިންމައިފައި ނަތީޖާއަށް މަޑުކޮށްގެން ހުރީއެވެ. ހުރިހާ ކުދިންގެ ތެރެއިން މިހާރުވެސް އެންމެ ޅަކޮށް އުޅެނީ ޔޫހާއެވެ.
"ހުންނާނެ ޔޫކޮ ބޭނުންވެގެން އުޅުނު މޫނުގައި އުނގުޅާ މޮއިސްޗަރައިޒަރ ގެނެސްފައި.ލ،" އަހަރެން ބުނީމެވެ.
"މަންމާ!!!! އަލްކޮ އަނެއްކާ ވައިފައި ޕާސްވޯޑު ބަދަލުކޮށްލާފައޭ އޮތީ.ލ،" ޔޫހާ ކުސްތަޅައިގަތެވެ. އަހަރެންގެ އެންމެ ހަގު ދަރިފުޅު އަލްހާން މިއަހަރު އެ ފެށީ ގްރޭޑް 10 އެވެ. އޭނާއަކީ މި ހުރިހާ ކުދިންގެ ތެރެއިން އެންމެ ލާނެތް ކުއްޖާއެވެ. ތާއަބަދު އޭނާގެ ދައްތައަށް އުނދަގޫ ކުރުމަކީ އޭނާގެ އާދައެވެ.
"މަންމައަށް ކުޑައިރުކޮޅެއް ދީ ހަމަޖެހިލަން ދަރިފުޅާ. އެކަންތައް ރަނގަޅުކޮށްލާނަން."
އަހަރެން ކޮޓަރިއަށް ވަދެފައި ފުންނޭވާއެއް ލީމެވެ. އަހަރެންނަށް މިކަން ވާނެއޭ ހިތާހިތުން ނަފުސަށް ހަނދާންކޮށްދިނީމެވެ. ދެން ހެދުން ބަދަލުކޮށްލައިގެން، މޫނު ދޮވެލައިގެން ނުކުމެ ދުވަހުގެ ކަންތައް ފެއްޓީމެވެ. ފުރަތަމަ ރީސެޓްކުރީ ޕާސްވޯޑެވެ. މި ދުވަސްކޮޅު ހެނދުނު ސައިބޮނީ ޔޫހާއާ އެކުގައެވެ. ޔޫހާ އޭނާ ބޭނުންވާ ޕްރޮގްރާމްތައް ކިޔަވައިދޭ ކޮލެޖުތައް ބަލާ ދިރާސާކުރާތީ އެވާހަކަތައް އަދާހަމަކޮށްދިނެވެ. އޭނާގެ އެ މުހިންމު ވާހަކަ އަޑުއަހަން އިންއިރުގައި އަހަރެންގެ ސަމާލުކަން އެހެން ކަމަކަށް ގެއްލޭކަން ފާހަގަކުރެވުނެވެ.
މެންދުރު އަލްހާން ގެއަށް އައުމާ އެކުގައި ޔޫހާއާއި އޭނާގެ ތަޅާފޮޅުން ފެށިއްޖެއެވެ. ކާން ތިބެގެންވެސް އެކަކު އަނެކަކަށް އުނދަގޫކުރުމެވެ. އަމްހަރު ދެދޭތެރެއަކުން ނުކުމެލާ ކޮންމެވެސް އެއްޗެއް ފްރިޖުން ނަގައިގެން ބޮނދަބޮނދައިގެން ކޮޓަރިއަށް ވަދެއެވެ. މި މަންޒަރު ބަލަން އަހަރެން ދުރުގައި އިނީމެވެ. އިރުކޮޅުކޮޅާ ކޮންމެވެސް ކުއްޖެއް "މަންމާ، މަންމާ، މަންމާ" އޭ ގޮވާ އަޑު އިވެއެވެ. ކޮންމެވެސް ކުއްޖެއްގެ ކަންތަކުގައި އެހީވެދޭން ދާންޖެހެއެވެ.
ހުރިހާ ކުދިންނަށް އަންގައިފައިވާ ގޮތަށް ހަވީރު ބަދިގެއަށް ހާޒިރުވެ އެ ކުއްޖަކަށް ހަވާލުވެފައިވާ ކަމެއް ކުރަން ފެށިއެވެ. ޔޫހާ ހަވާލުވީ ބަރގަރ ހެދުމަށެވެ. އަމްހަރު ޕޮޕްކޯން ހެދިއެވެ. އަލްހާން އަހަރެންނާ އެކުގައި ފޮނިއެއްޗެއް ތައްޔާރުކުރުމުގައި އުޅުނެވެ.
ރޭގަނޑު އަށެއް ޖެހުމުން ހުރިހާ ކުދިން ގޮވައިގެން ގޭގެ ޓެރަހަށް އަރާ އެތާނގައި ހުރި ދިގު މޭޒެއްގައި ކާއެއްޗެހި އެތުރީމެވެ. ވަށައިގެންވާ ބިލްޑިންގުތަކުގެ އައްޔާ ހެދި ދުންތަރިތައް އެހާ ބޮޑަށް ނުފެނިދާނެކަމާއި އެކަމަކު އެ ވަގުތުކޮޅުގެ މުހިންމުކަން ހަނދާން ނައްތާނުލުމަށް ހުރިހާ ކުދިންނަށް ނަސޭހަތްތެރިވީމެވެ.
"ކޮބާ ބައްޕަ؟" އަމްހަރު އަހާލިއެވެ.
"މިހިރީ މިހިރީ.ލ،" އަމްހަރަށް އެހެން އެހުނީ ހަމަ އަޔާޒް ޓެރަހަށް ވަނތް ގަޑީގައެވެ. ހުރިހާ ކުދިން ތެރެއިން އަޔާޒަށް އެންމެ ދޯޅު ކުއްޖާއަކީ އަމްހަރެވެ.
އަޔާޒު އައުމުން ހުރިހާ ކުދިން ގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. ކުރިޔަށް އައި އެއް ގަޑިއިރު މުޅި ޓެރަހުގައި އޮތީ އެންމެންގެ ހުނުމާއި ސަކަރާތްޖެހުމެވެ. ދުންތަރިތައް ފެންނަން ފެށުމުން އެންމެން އާޝޯހުވެފައި މަތި ބަލަން ތިއްބެވެ. އަހަރެން ތަންކޮޅެއް ދުރުގައި އެ އުފާވެރި މަންޒަރު ބަލަން އިނީމެވެ. ބައެއް ފަހަރު ކޮންމެވެސް އެއް ދަރިއެއް އައިސް އަހަރެންގެ އަތަށް ހުސްތަށްޓެއް ދިއްކޮށްލާނެއެވެ. ނޫނީ އެހެން ކޮންމެވެސް ކުއްޖެއް ކުރާކަމަކާ ޝަކުވާކޮށް ކުސްތަޅައިގަންނާނެއެވެ. އެވަގުތު ހިތާހިތުން އަހަރެންނަށް ހަމްދުކުރެވުނެވެ. ކޮންފަދަ ނަސީބެއް ހެއްޔެވެ. މި ހުރިހާ ކުދިންގެ ކަންކަން ހައްލުކޮށްދޭން ހުންނަ މީހަކީ އަހަރެންނެވެ. އަހަރެންނަކީ އެކުދިންގެ މަންމައެވެ. އަހަރެންގެ ހަޔާތުގެ ފުރިހަމަކަމާމެދު ވިސްނުނެވެ. އަހަރެންނަށް މިވަރު ފުދެއެވެ. މިވަރު ފުދެއެވެ.
ގަޑިން ދިހައެއް ޖެހިއިރު ހުރިހާ ކުދިން ލައްވާ ތަށިތައް ތިރިއަށް ގެންދިޔުމުގެ ކަންތަކުގައި އުޅުނީ އަޔާޒެވެ. އަހަރެން އެކަމުގައި އުޅެން ފެށުމުން އެންމެން އަހަރެން ކައިރީގައި ރެސްޓުކޮށްލާށޭ ބުންޏެވެ. އަހަރެން ކުޑަ ވަގުތުކޮޅަކު ޓެރަހުގައި މަޑުކޮށްލުމަށްފަހު ތިރިޔަށް ފޭބީމެވެ. އޭރު ސިޓިންގްރޫމުގައި އަޔާޒް ކުދިން ގޮވައިގެން ގޭމްކުޅެން އިނެވެ. އަހަރެންގެ ޑިޔުޓީ ނިމުނީއެވެ. މަންމައެއްގެ ހައިސިއްޔަތުން ހުށިޔާރުކޮށް ހުންނަންޖެހޭ ވަގުތު ނިމުނީއެވެ. ދެން އެކުދިން ނިދަންދެން އެކުދިންގެ ކަންތައް ހަމަޖައްސާނީ އަޔާޒެވެ.
ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލީމެވެ. ދެން ފޯނުނަގާފައި އަހަރެންގެ ޝަކުވާތައް އަޑުއަހާނެ ހަމައެކަނި މީހާއަށް ގުޅީމެވެ.
"ދަރިފުޅާ.ލ،" އަހަރެންގެ މަންމަ ފޯނު ނެގިގޮތަށް ލޯބިން ގޮވާލިއެވެ.
"މަންމާ. މިއަދު އެންމެފަހުން އަހަރެންނަށް އެމީހުން ފެނިއްޖެ،" އަހަރެން ފުންނޭވާއެއް ލުމަށް ފަހު ބުނީމެވެ.
"ކޮން ބަޔެއް ދަރިފުޅާ؟" މަންމަ އަހާލިއެވެ.
"އަޔާޒުގެ މިހާރު އިނދެގެން އުޅޭ މީހާއާއި އެދެމީހުންނަށް ލިބިފައިވާ ދަރިފުޅު. އަހަރެންނަށް މިއަދު ހެނދުނު އެމީހުން ފެނިއްޖެ،" މުޅި ދުވަހު ހިތުގައި ރިހެމުން ދިޔަ ރިހުން ލޮލުން ހޯސްލާފައި ކަރުނައަށް ވެގެން ފައިބަން ފެށިއެވެ. "މާޝާﷲ އެ ކުއްޖާ ވަރަށް ރީތި މަންމާ. ހީވަނީ ހަމަ ކުޑައިރު ޔޫހާ ހެން."
ކޮޓަރި ބޭރުން އެންމެން ސަކަރާތްޖަހާ ހޭއަޑު އިވެމުން ދިޔައެވެ. ބައެއް ހިނދުކޮޅުތަކަކީ ދެން އެނބުރި އަންނާނެ ހިނދުކޮޅުތަކެއް ނޫނޭ ހިތަށް އަރައިފައި ގިސްލަގިސްލާފައި ރޮވެން ފެށުނެވެ.



advertisment