’މޮޓަރުބޯޓްގެ ގަޑުބަޑު’ގެ ނަން ދެވިފައިވާ ފޮތުގެ މުޤައްދިމާ ލިޔުއްވަމުން އިބްރާހިމް ޝިހާބު ވިދާޅުވެފައިވެއެވެ.
"ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ ބާވަތުގެ ވެރިކަމަކީ ޚުދުމުޚްތާރު ރަސްކަމެކެވެ. މިގޮތް މައްޗަށް ހިނގަމުންއައި ވެރިކަމަށް ބަދަލު އަންނަންފެށީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން މުސްކުޅިބަންޑާރައިންގެ ރަސްކަމުގެ ފަހުކޮޅުގައެވެ. އެ ދުވަސްވަރުން ފެށިގެން ބޮޑުވަޒީރެއްގެ ދައުރުފުޅާވެ، ރަސްކަމުގެ ބާރުތަކގެ ތެރެއިން ސަރުކާރު ހިންގުން ބޮޑުވަޒީރުގެ އަތްޕުޅުމައްޗަށް ފުރޮޅި ދައުލަތުގެ އެންމެ އިސްވެރިޔަކީ ރަސްގެފާނު ނުވަތަ ރަދުންކަމުގައި ވީނަމަވެސް، ސިޔާސީގޮތުން ބޮޑުވަޒީރުގެ ބާރުގަދަވާން ފަށައިފިއެވެ.
ރާއްޖޭގެ ރަސްކަމުގެ ފަހުގެ ތާރީޚުތަކަށް ބަލާއިރު ރަދުންގެ ޝަރަފަކީ ރަސްކަލަކަށް ވީތީ އޮންނަ ހައިބަތާއި ޤަދަރު ލިބިގެން ޝާހީގޮތުން އޮންނަ ދައުލަތުގެ އިސްވެރިޔާގެ މަގާމެވެ. ސިޔާސީގޮތުން ވެރިކަން އޮތީ ބޮޑުވަޒީރަށެވެ."

ސިޔާސީވެރިކަމުގެ މައްޗަށް ބާރާއި ނުފޫޒު ހިންގަވަނީ ބޮޑުވަޒީރުންގެ މަޤާމުގައި ތިއްބެވި ބޭފުޅުންނެވެ. މި ދެންނެވި ވާހަކައިގެ މިސާލު ޖައްސަވަމުން ޝިހާބު ވިދާޅުވެފައިވެއެވެ. އިބްރާހީމް ދޮށިމޭނާކިލެގެފާނާއި މުޙައްމަދު ރަންނަބަނޑޭރިކިލެގެފާނުގެ ވާދަވެރިކަމަކީ ބޮޑުވަޒީރުކަމުގެ މައްޗަށް އޮތް ސިޔާސީ ވާދަވެރިކަމެކެވެ.
ރާއްޖޭގެ ސިޔާސީ މަޞްރަޙުގެ މައްޗަށް ލިޔެފައި ހުރި ބައެއް ޞަފްޙާތަކުން މަޝްހޫރުވެފައިވާ އަތިރީގެއާއި ކަކާގޭގެ ސިޔާސީ ވާދަވެރިކަމެވެ. މިދެންނެވި ވާދަވެރިކަމުގެ ރޭހުން ސިޔާސީވެރިކަމުގެ މައްޗަށް ބާރުގަދަކުރީ އިބްރާހީމް ދޮށިމޭނާކިލެގެފާނާއި އޭނާގެ އާއިލާގެ ބޭފުޅުންނެވެ. އައްސުލްޠާނު އިބްރާހީމް ނޫރައްދީނު ދެވަނަ ރަސްކަމުގައްޔާއި އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައްޔާއި އޭގެ ފަހުގައެވެ.
ވެރިކަމުގެ މައްޗަށް ބޮޑުވަޒީރުންގެ ސިޔާސީ ނުފޫޒާއި ބާރަވެރިކަމުގެ ނަތީޖާއަކަށްވީ ރަދުން ހިންގެވި ޝާހީވެރިކަން ހިންގަވަމުން އައިގޮތް ބަދަލުވެ، ސަރުކާރު ހިންގުމުގެ އިސް މުރުޝިދަކީ ބޮޑުވަޒީރުކަމުގައި ބެލެވެން ފެށުމެވެ.
ފުރަތަމަ ޤާނޫނުއަސާސީ ވުޖޫދުވެގެން އައީ މިދެންނެވި ވިސްނުމަށް ފުރާނަ އެޅިގެންނެވެ. ބައްތިރީހުގެ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑު (ބޭސިކް ސްޓްރަކްޗަރ) ބައްޓަންވެފައި އޮތީ ބޮޑުވަޒީރުގެ ދައުރު ފުޅާކޮށް ބަރުލަމާނީ ވެރިކަމަކަށް ފަހިކޮށެވެ. މިނުކުތާގެ މައްޗަށް ކުރުގޮތަކަށް ފަހުން އަލިއަޅުވާލާނަމެވެ.
ތާރީޚީ ފޮތްއަރިތަކުން ފެންނަ ގޮތުގައި ޒަމާންވީ ރަސްކަމުގެ އާދަކާދައާ އެއްގޮތަށް މިރާއްޖޭގެ ކުރަމުންއައި ރަސްކަން، ލިޔެފައިވާ ދުސްތޫރެއްގެ ހަމަތަކާ އެއްގޮތަށް ގެންދިއުމަށް އިނގިރޭސީން ބާރުއެޅިކަން އެނގެންއޮވެއެވެ. އިނގިރޭސިންނާ އެއްފަދަ ރާގެއްގައި، ކޮޅުނބުގައި ހުންނެވި ދިވެހި ދައުލަތުގެ ސަފީރު ޢަބުދުލް ޙަމީދުދީދީ އަފަންދީ ވެސް ޤާނޫނުއަސާސީ ހެދުމަށް ބާރުއަޅުއްވައި ކުރެއްވި މިންނަތް މަސައްކަތްޕުޅުތަކެއްގެ ވާހަކަތަކެއް ތާރީޚީ ލިޔުންތަކުގެ ހަވާސާއިން ފެންނަން ހުރެއެވެ. ހަމަ އެހެންމެ، ރާއްޖޭގެ ދާޚިލީ މަސްރަޙުން، ޞަލާޙުއްދީން (އުއްތަމަ ފަނޑިޔާރުމަނިކުފާނު) އާއި، އުތުރުކަރައިންނާއި އޮޅުދޫކަރައިން ޒަމާނީ ތަޢުލީމު އުނގެނިވަޑައިގެން ތިއްބެވި ޒުވާން ބޭފުޅުންކޮޅެއް ރާއްޖޭގައި ޤާނޫނީ ޙުކޫމާއެއް ޤާއިމްކުރެއްވުމަށް ބާރުއަޅުއްވައި މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
އެހެން ނަމަވެސް، ޤާނޫނުއަސާސީއެއް އުފެއްދުމުގެ ޚިޔާލުފުޅުގެ ވެރިޔަކީ ކޮންބޭފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޝިހާބު ލިޔުއްވާފައިވެއެވެ. ޝިހާބު ވެސް ފާހަގަކުރައްވާފައިވާ ގޮތުގައި ޤާނޫނު އަސާސީއެއް ލިޔުމާ ބެހޭގޮތުން ޞަލާޙުއްދީންގެ މުހިއްމު ދައުރެއްވެއެވެ. ޤާނޫނުއަސާސީ ވީދާލި ދުވަހު ވަކިބޭފުޅެއްގެ ޒާތީ މިލްކިއްޔާތަށް އެންމެބޮޑު ގެއްލުމެއް ދީފައިވާނަމަ އެބޭފުޅަކީ ޞަލާޙުއްދީނެވެ. އެދުވަހު ބަގީޗާގެ ތަޅައިސުންނާފަތި ކުރިއެވެ. މިކަމުންވެސް، ފުރަތަމަ ޤާނޫނުއަސާސީއާއި ޞަލާޙުއްދީނާ ގުޅިފައި ހުރި މިންވަރު ދޭހަކޮށްދެއެވެ.
ޝަމްސުއްދީން ރަދުންނަށް 1931 ވަނަ އަހަރުގެ މާރޗު މަހުގެ 11 ވަނަ ދުވަހު (21 ޝައްވާލު 1349) ޙުސައިން ޞަލާޙުއްދީނު ފޮނުއްވި ސިޓީފުޅެއްގައި ޤާނޫނީ ޙުކޫމަތެއް ޤާއިމްކުރެއްވުމަށް ބާރުއަޅުއްވައި ބައެއް ވާހަކަފުޅުތައް ލިޔުއްވާފައިވެއެވެ.
އެމަނިކުފާނުގެ ސިޓީފުޅުން އެނގޭ ގޮތުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި އެކްޓިން ގަވަރުނަރ ސަރ ބީ.އެޗް. ބޯޑިލޯން، 1931 ވަނައަހަރުގެ މާރޗުމަހުގެ 5 ވަނަ ދުވަހު މާލެވަޑައިގަތެވެ. އަދި ރަދުންނާއެކު ބޭއްވުނު ބައްދަލަވުމުގައި، އެކްޓިން ގަވަރުނަރ ކުރެއްވި މަޝްވަރާގެ ތެރޭގައި، ބޮޑުންގެ މަޝްވަރާ މަޖިލީހަކުން ގަވާއިދާ އެއްގޮތަށް ރަސްކަމުގެ ކަންކަމާއި ރައްޔިތުންގެ ކަންކަން ހިންގެވުމަށް ރަދުންގެ އަރިހުގައި އެދިލެއްވި ކަމަށްވެއެވެ.
އެކްޓިން ގަވަރުނަރުގެ ހުށަހެޅުއްވުންތަކަށް ރަދުން ދެއްވީ އިޖާބީ ޖަވާބެއްކަން ޞަލާޙުއްދީންގެ ސިޓީފުޅުން ހާމަވެއެވެ. އަދި ރައްޔިތުންނަށް އާއްމުކޮށް އެންގުމުގެ ގޮތުން، އޭރުގެ އާދަކާދައިގެ މަތީން ކޮލިލެއްވިއެވެ. އެހެންނަމަވެސް، މަޝްވަރާ މަޖިލީހަކާއި ޤާނޫނީ ޙުކޫމަތެއް ޤާއިމްވީތަން ފެނިވަޑައިނުގަތެވެ.
މި ކަންކަމަށް އިޝާރާތްކުރައްވައި ޞަލާޙުއްދީން ވިދާޅުވެފައިވަނީ "އެފަދަ وعدއް އިނގިރޭސި ސަރުކާރަށާއި މިތާނގެ ރައްޔިތުންނަށް ވެފައި، އެކަން ނުފުއްދައި ތިބުމުގެ މައްޗަށް، ދެން އަންނާނޭ ކަމަށް އަޅުގަނޑަށް ފެންނަނީ، މިތާގެ އަމިއްލަކަން މުޅީން ގެއްލި وعداއި خلافވުމުގެ ސަބަބުން ދީނަށްކުއްވެ، ވަޒަން ނަގައިލި ބައަކަށް އެބައަކުވުމެވެ. އަޅުގަނޑުގެ އަމިއްލަ ޖާނުގެ މައްޗަށް ބިރުގަންނަވަރަށްވުރެ އެކަމަށް ގަންނަ ބިރުބޮޑެވެ. މިކަމަށްޓަކައި އާދޭސް ދަންނަވަނީޔޭ، އެކަން އެހެން ނަހައްދަވައި، އެކުރެއްވި وعداއި އެއްގޮތްވާނޭހެން ކަންތައް ކުރެއްވުން އަވަސް ކުރައްވާށެވެ." ރަދުންގެ އަމުރުފުޅަށް ރާއްޖޭގެ ކަންތައް ހިންގާނެ ޤާނޫނުތައް ލިޔުމަށާއި، ގިނަމީހުންނަށް ފެނު ގޮތަކަށް ހަދާ ޤާނޫނުތައް ރަދުން ޤަބޫލުފުޅުކުރައްވައި ފާސްކޮށްދެއްވުމަށް ޞަލާޙުއްދީން އެދިވަޑައިގެންފައިވެއެވެ.

ކޮންމެވެސް ގޮތަކުން ފެއްޓެވިގެން ޤާނޫނީ ކަންކަން ހިނގާނޭ ކޮންމެވެސް ގޮތެއް ނުހޯއްދަވައި ރަދުންނާއި ރަންނަބަޑޭރިކިލެގެފާނާއި ދެބެއިފުޅުން ތިއްބަވައިގެން މިރާއްޖެއަށް ގެއްލުމެއް ލިބިއްޖެނަމަ، އޭގައި ނިކަމެތިއަޅާ ނުވާކަން ދެނެވަޑައިގެން ތިއްބެވުމީ ވަރަށް އެދިވަޑައިގަންނަވާ ކަމެއްކަމަށް އެސިޓީފުޅުގައި ޞަލާޙުއްދީން ވިދާޅުވެފައިވެއެވެ.
ދައުލަތުގެ އެންމެ އިސް ވެރިޔަކީ ރަދުންނެވެ. އެކަމަކު ސަރުކާރު ހިންގުމުގެ ބާރު އޮތީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ. ރަދުންގެ ބާރުތައްކުޑަވެ، ބޮޑުވަޒީރުގެ އަތްޕުޅަށް ބާރުތައް އައީ ރަސްކަމުގެ އާދަކާދައާ އެއްގޮތަށް ގެނެވުނު ބަދަލެއްގެ ސަބަބުންނެއް ނޫނެވެ. ބާރުގަދަ ބޮޑުވަޒީރެއްގެ ނުފޫޒުންނެވެ.
ޤާނޫނުއަސާސީ ހެދުމުގެ ޝާހީ އަމުރުފުޅު ރަދުން ނެރުއްވީ 1931 ވަނަ އަހަރު މާރޗް މަހުގެ 19 ވީ (29 ޝައްވާލު 1349) ބުރާސްފަތި ދުވަހުއެވެ. ބައްތިރީހުގެ ޤާނޫނުއަސާސީ ހެދުމުގެ މަސައްކަތް ފެށިފައި ވަނީ ދެ ޝަޚްޞިއްޔަތެއްގެ އަތްޕުޅުގައި ދައުލަތުގެ ބާރުތައް ބެހި، ރަދުންގެ ބާރުތައް ކުޑަވެފައިވާ ދަނޑިވަޅެއްގައެވެ. ޤާނޫނުއަސާސީ ހެދުމަށް ރަދުން އެކުލަވާލެއްވި މަޖިލީހުގެ ރައީސްކަމަށް ބޮޑުވަޒީރު ޢަބުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ހަމަޖެއްސެވުމަކީ މިދެންނެވި ޙަޤީޤަތް ދެނެވަޑައިގަންނަވާތީވެ، ރަދުން ނިންމެވި ސިޔާސީ ޙިކުމަތު ޢަމަލެއް ކަމަށް ބެލެވެއެވެ.
ޤާނޫނުއަސާސީ ހެދުމުގެ އެއްވެސް ކަމެއްގައި ރަންނަބަނޑޭރިކިލެގެފާނު ބައިވެރިވެޑައިނުގެންނެވިއެވެ. ސަބަބެއް ކަމުގައި ޝިހާބު ސިފަކުރައްވަނީ ޤާނޫނުއަސާސީއެއް ލިޔުމާމެދު، ރަދުންގެ ހިތްޕުޅުގައި އޮތްފަދަ ނުތަނަވަސް ޝުޢޫރުތައް، ރަންނަބަނޑޭރިކިލެގެފާނުގެ ހިތްޕުޅުގައި ވެސް އޮތުމެވެ.

އިބްރާހީމް ޝިހާބު ވިދާޅުވެފައިވާ ގޮތުގައި ދުސްތޫރީ ޙުކޫމާއެއް ޤާއިމްކުރުމުގެ ސަބަބުން ރަސްކަމުގެ ބާރުތައް އެތައް ފަރާތަކަށް ބެހިގެންދިއުމަކީ ފުރަތަމަ ޤާނޫނުއަސާސީ އުވާލައްވަން ބޭނުންފުޅުވި އެއްސަބަބެވެ. ޤާނޫނުއަސާސީއަށް އަމަލުކުރަންފެށުމުގެ ސަބަބުން ރަދުންގެ އަތްޕުޅުން ގިނަ ޝާހީ ބާރުތަކެއް އުނިވެ، ޤާނޫނުއަސާސީގެ ދަށުން ބާރުތައް ލިބުނު ފަރާތްތަކާމެދު ރަދުންގެ ހިތްޕުޅުގައި ދެކޮޅުވެރިކަމުގެ ސިޔާސަތުތަކެއް އުފެދުނެވެ. އެ ދެކޮޅުވެރިކަމާ ހަމައަށް ވާޞިލުވުމުގެ މަގު ކޮށްޓެވީ ޝަމުސުއްދީން ރަދުންނާއި ބޮޑުވަޒީރު ޢަބުދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނާ ދެމެދު ކުރީންސުރެ އުފެދިފައި އޮތް ސިޔާސީ ޙަސަދަވެރިކަމެވެ.

ޤާނޫނުއަސާސީ ހެދުގެ މަސައްކަތުގައި ޢަމަލީގޮތުން ބޮޑުވަޒީރު ރަންނަބަނޑޭރިކިލެގެފާނު ބައިވެރިވެވަޑައިނުގަންނަވައެވެ. ކިލެގެފާނުގެ ހިތްޕުޅުގައި ޤާނޫނުއަސާސީގެ ސައުގުވެރިކަން ކުޑަވީ ކީއްވެގެންކަން، އިސްވެ އިޝާރާތްކޮށްފައިވާ، ޝިހާބުގެ ވާހަކަފުޅަށް ބަލާއިރު ދޭހަވެއެވެ.
ބައްތިރީހުގެ ޤާނޫނުއަސާސީ އެކަށައެޅި ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ރަސްކަމެކެވެ. އެހެނީ، ޤާނޫނު ހަދާ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ގޮތަށް ސަރުކާރު ހިންގުން ބޮޑުވަޒީރާ މަތިކޮށް، ބޮޑުވަޒީރާއި އޭނާގެ ކެބިނެޓު އެމަޖިލީހުގެ މެމްބަރުންގެ ތެރެއިން ޢައްޔަނުކުރާ ގޮތަށް ޤާނޫނުއަސާސީގައި ބަޔާންވެފައިވެއެވެ.
ބައްތިރީހުގެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގައި ރަދުންނަކީ ދައުލަތް ހިންގުމުގެ އެންމެ މަތީ ދަރަޖައިގެ ރައީސެވެ. ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ. މިދެންނެވި މަފްހޫމު ތަޢުބީރުކޮށްދެނީ ޤާނޫނުއަސާސީގެ ތަފާތު މާއްދާތަކުގައެވެ. އެއް މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޝަރީޢަތުގެ ކަންކަން ހިންގާނީ ރަދުންގެ ނަންފުޅުގައި ރަދުންގެ އަމުރުފުޅަށެވެ. އެހެންނަމަވެސް ޝަރީޢަތުގެ އެއްވެސް ކަމަކާ ރަދުން ބެހިވަޑައިނުގަންނަވާނެއެވެ. އަނެއް މާއްދާގައި ބަޔާންކޮށްފައިވެއެވެ. ސިފައިންގެ އެންމެމަތީ ވެރިޔަކީ ރަދުންނެވެ. އެހެންނަމަވެސް ސިފައިންގެ ވެރިން ލެއްވުމާއި ވަކިކުރެއްވުމުގައި ރަދުން އަމަލުކުރައްވާނީ ވަޒީރުންގެ މަޝްވަރާގެ މަތީންނެވެ. ޖުމްލަކޮށް ދަންނަވާނަމަ، ރަދުންގެ ބާރާއި އިޚްތިޔާރުތައް ވަނީ، މިޒަމާނުގައި ތިލަފަތް ހަމަކުރާ އުޞޫލެއް ކަމުގައިވާ 'ޗެކްސް އެންޑް ބެލެންސް' ގެ އުޞޫލަށް ފައްތާފައެވެ.
ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ބުނާ މަފްހޫމައަކީ ބައްތިރީހުގެ ޤާނޫނުއަސާސީގައިވެސް ލިޔުނު މަފްހޫމެކެވެ. ރައްޔިތުންގެ އަތުން ދައުލަތަށް ލިބޭ ބާރުތައް ހިންގާނެ ހަތަރު ގުނަވަނެއް ބައްތިރީހުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. އެއީ، ކީރިތި މަހާރަދުނާއި، ވަޒީރުންގެ މަޖިލިހާއި، ޤާނޫނު ހަދާ މަޖިލިހާއި، ރައްޔިތުންގެ މަޖިލިހެވެ. މީގެ ތެރެއިން ބާރުގަދަ ގުނަވަނަކީ ޤާނޫނު ހަދާ މަޖިލީހެވެ. އެހެނީ، ބޮޑުވަޒީރާއި ވަޒީރުން ޢައްޔަނުކުރެވެނީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތެރޭން ކަމަށްވާތީ ސަރުކާރު އުފެދިގެން އަންނަނީ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިންނެވެ. (ނުނިމޭ)



advertisment