Support Us

ކިމް ބްރޫމަރސް އަދި ބިލް ގޭޓްސް

ބިލް ގޭޓްސްއަށް އެންމެ ކަމުދާ ސްކޫލް ސިސްޓަމަކީ މިއީ

ދުނިޔޭގެ ޑިޖިޓަލް ޓެކްނޮލޮޖީއަށް ބޮޑެތި އީޖާދުތަކުން ކުރިއެރުންތައް ގެނަސްދިން ބިލް ގޭޓްސް މިފަހުން އަންނަނީ އޭނާގެ ހަޔާތުގެ ކުރީކޮޅުގައި އޭނާއަށް ދިމާވި ގޮންޖެހުންތަކުގެ މަޢުލޫމާތު އާންމުންނާއި ހިއްސާކުރަމުންނެވެ. އޭނާ ގަވާއިދުން ޝާއިޢުކުރަމުން އަންނަ ނިއުސްލެޓަރ "ގޭޓްސް ނޯޓްސް"ގައި މި ހަފްތާގައި ނެރުނު ލިޔުމެއްގައި އޭނާ ވަނީ ކުޑައިރު އޭނާއަށް މަޑުން އިންނަން އުނދަގޫވި ވާހަކައާއި ގޮނޑީގައި އިނދެގެން ހަރަކާތްކޮށް ތެޅިފޮޅޭތީ އެކަމާ ޓީޗަރުން ރުޅިއައި ވާހަކަ ބަޔާންކޮށްފައެވެ. އަދި އައިނު ދުނިގަނޑުގައި ދަތްއަޅާތީ އާއި ފަންސުރު ރަބަރުގައި ދަތްއަޅާތީ އޭނާގެ ޓީޗަރުން ކަންބޮޑުވުން ފާހަގަކުރި ވާހަކަ ވެސް ލިޔެފައިވެއެވެ. ނަމަވެސް އޭރު އޭނާއަށް ބޭއިޚްތިޔާރުގައި ކުރެވޭ ކަންތަކުގެ އަސްލެއް ނުވިސްނޭ ކަމަށާއި އެ ކަންތަކުގެ ސަބަބުން ޓީޗަރުން ކަންތައް ކުރިގޮތުން އޭނާއަކީ އެހާ ރަނގަޅު ނޫން ކުއްޖެއްގެ ގޮތުގައި ވިސްނުނުކަން ވެސް އޭނާ ލިޔެފައިވެއެވެ.

ބިލް ގޭޓްސްއަކީ މި ޒަމާނުގައި މީހުންނަށް އެނގޭ ގޮތުން "ނިއުރޯ ޑައިވާޖަންޓް" ކެޓަގަރީއަށް ފެތޭ މީހެކެވެ. "ނިއުރޯ ޑައިވާޖަންޓް" މީހުންގެ ވިސްނުމާއި ހަރަކާތްތައް "ނިއުރޯ ޓިޕިކަލް" ނުވަތަ މި މުޖުތަމައުގައި "ނޯމަލް" މިންގަނޑަށް ފެތޭ މީހުންނާ ތަފާތެވެ. އޭނާއަށް ކުރެވެމުން އައި ހަރަކާތްތައް ކުރެވުނީ އޭނާގެ ވަށައިގެންވާ މާޙައުލަށް އޭނާގެ ސަމާލުކަން ދީގެން އިނުމަށްކަން މިއަދު އެނގޭ ކަމަށް އެ ލިޔުމުގައި ބިލް ގޭޓްސް ލިޔެފައިވެއެވެ.

ބިލް ގޭޓްސްގެ މި ލިޔުންކޮޅު ލިޔެފައި ވަނީ އޭނާ ފަދައިން ނިއުރޯ ޑައިވާޖަންޓް ދަރިވަރުންނަށް އުނގެނެން އެންމެ ރަނގަޅު މާޙައުލެއްގެ ކަމުގައި އޭނާގެ ސަމާލުކަމަށް އައިސްފައިވާ ކުލާހަކާ ބެހޭ ގޮތުން ލިޔަމުންނެވެ. އެއީ ވޮޝިންޓަންގެ ސިއެޓަލްގެ ސަރަޙައްދެއް ކަމަށްވާ ވުޑިންވިލްގައި ހުންނަ ރޫބީ ބްރިޖަސް އެލެމެންޓަރީ ސްކޫލުގެ ކިންޑަގާޓަން ކުލާހެވެ.

ރޫބީ ބްރިޖަސް ސްކޫލަށް ނަން ދީފައިވަނީ އެމެރިކާގެ އެންމެ ބޮޑު ނަސްލީ ހަމަހަމަކަމުގެ ނަމޫނާއެއްގެ ގޮތުގައި ދެކެމުން އަންނަ ރޫބީ ބްރިޖްސްގެ ނަމުންނެވެ. ރޫބީ ބްރިޖަސްއަކީ އޭރު ކަޅު މީހުންނާއި ދޮން މީހުންނާ ދެމެދުގައި ބޮޑެތި ތަފާތުކުރުންތަކެއް ހުއްޓާ ލުއިޒިއާނާގައި ހުސް ދޮން ކުދިންނަށް ކިޔަވައިދޭ ސްކޫލަކަށް ވަނތް ފުރަތަމަ ކަޅު ކުއްޖާއެވެ.

މި ސްކޫލަށް ރޫބީ ބްރިޖަސްގެ ނަމުން ނަން ދީފައިވަނީ މި ސްކޫލަކީ ފުލް އިންކްލޫޝަން ސިސްޓަމަށް ހިންގާ ސްކޫލަކަށް ވީމައެވެ. މާނައަކީ މި ސްކޫލުގެ ކުލާސްތަކަކީ، އުނގެނުމާއި މުވާޞަލާތުކުރުމުގައި ތަފާތުތަކެއް ހުރި ބައިވަރު ކުދިންތަކެއް އެއްތަނަކުން ކިޔަވަމުން އަންނަ މާޙައުލެކެވެ. ސްކޫލުގެ ދަރިވަރުންގެ 18 އިންސައްތައަކީ ޚާއްޞަ ތަޢުލީމަށް ބޭނުންވާ ކުދިންނެވެ. މިއީ އެމެރިކާގެ ޤައުމީ އެވްރެޖް ކަމުގައިވާ 15 އިންސައްތައަށްވުރެ ކުޑަކޮށް މަތީ އަދަދެކެވެ.

މި ސްކޫލު އުފެދުނީ މީގެ ފަސް އަހަރު ކުރިން، ކޮވިޑް-19 ޕެންޑަމިކް ތެރޭގައެވެ. ނަމަވެސް މި ފަހުން މި ސްކޫލު އާންމުންނާއި ބިލް ގޭޓްސްގެ ސަމާލުކަމަށް އައީ އެ ސްކޫލުގެ ކިންޑަގާޓަން ކުލާސް ހިންގާ ކިމް ބްރޫމަރސްއަށް "ވޮޝިންޓަން ޓީޗަރ އޮފް ދަ އިޔަރ އެވޯޑު" ލިބުނީމައެވެ.

ކިމްގެ ކްލާސްރޫމް ފުރަތަމަ ބަލާއިރު ފެންނާނީ އެމެރިކާގެ އާދައިގެ ކުލާހެއްގެ ގޮތުގައެވެ. ނަމަވެސް މި ކުލާސް އެހެން ކުލާސްތަކާ ތަފާތުކަން ފާހަގަކުރެވޭނީ ދުވަހުންނެވެ. ކިމްގެ ބައެއް ދަރިވަރުންނަކީ ވާހަކަ ނުދައްކާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ އޯޓިޒަމް ހުންނަ ކުދިންނެވެ. އަދި އަނެއްބައި ކުދިންނަކީ ޑިސްލެކްސިއާ ހުންނަ ކުދިންނެވެ. އަނެއްބައި ކުދިންނަކީ އެކި ކަހަލަ ބަސްތައް ދަސްކުރުމަށް ވަރަށް ގާބިލު ކުދިންނެވެ. މި ހުރިހާ ކުދިންވެސް ކިޔަވަމުން ގެންދަނީ މުޖުތަމަޢު ޤަބޫލުކުރާ "ނޯމަލް" ނުވަތަ ނިއުރޯޓިޕިކަލް ކުދިންނާ އެއް މާޙައުލެއްގައެވެ.

"މި ސްކޫލު އަހަރެމެން ކުރިޔަށް ގެންދަނީ ހުރިހާ ވައްތަރެއްގެ ދަރިވަރުންވެސް ހިމަނައިގެން،" ކިމް ކިޔައިދެއެވެ. "އަހަރެމެން އެއްވެސް ދަރިވަރެއްގެ ކިބައިގައި ހުންނަ މުޖުތަމަޢުގެ މިންގަނޑަށް ނުފެތޭ ސިފައަކަށް ބަލައިގެން ބައިބައިކޮށެއް ނަހަދަން."

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދުނިޔޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ދަނީ ގިނަވަމުންނެވެ. މި ކުދިންނަށް ދޭންޖެހޭ ޚާއްޞަ އެހީތައް ފޯރުކޮށްދިނުމަށް ގިނަ ސްކޫލުތަކުން އެ ކުދިންގެ ސްކޫލު ވަގުތުގައި ސްޕެޝަލިސްޓުންނާއެކު މަސައްކަތްކުރަން ކުލާހުން ބޭރަށް ނެރެއެވެ.

ނަމަވެސް ރޫބީ ބްރިޖަސް އެލެމެންޓަރީ ސްކޫލުގައި ކަންތައް ކުރަނީ އެހެނެއް ނޫނެވެ. އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ލޭންގުއޭޖް ޕެތޮލޮޖިސްޓުންނާއި އަދި އެހެނިހެން ޕްރޮފެޝަނަލުން އެ ކުދިންނާއެކު މަސައްކަތްކުރަން އަންނަނީ ސީދާ ކިމްގެ ކުލާހަށެވެ. މީގެ މާނައަކީ އެ ކުދިންނަށް ލިބެންޖެހޭ އިތުރު އެހީ ލިބެނީ ކްލާސްރޫމްގައި ތިބެގެންނެވެ. މިކަމުގެ ސަބަބުން އެހެން ދަރިވަރުންނަށްވެސް އިތުރު އެހީތެރިކަމާއި އެ ސްޕެޝަލިސްޓުންގެ ފަރާތުން ލިބޭ މަޢުލޫމާތުން ފައިދާ ލިބިގެންދެއެވެ.

މި ގޮތަށް ކަންތައް ބެހެއްޓުމުން ހީވެސް ނުކުރާ ފަދަ ބޮޑު ތަފާތެއް ކުދިންގެ އުނގެނުމަށް ގެނުވައެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ކްލާހުން ބޭރަށް ގެންދިއުމުން، އެ ކުދިންނަށް ކުލާހުގައި ނަގައިދޭ ފިލާވަޅުތަކަށް އިރުޝާދު ލިބޭ ވަގުތު ބޮޑުތަނުން މަދުވެއެވެ. އަދި މިގޮތަށް ކަންތައް ކުރުމުން އެ ކުދިންގެ މެދުގައި އެއް ކުއްޖެއް އަނެއް ކުއްޖެއްގެ ތަފާތުގެ ސަބަބުން މުޖުތަމަޢުން ބާކީވުމުގެ އިހުސާސްތައް އަށަގަންނަން ފަށައެވެ. ކޮންމެ ދަރިވަރަކަށްވެސް އުނގެނޭ މާޙައުލަކުން ބޭނުންވާ އެންމެ ބޮޑު އެއް ކަމަކީ އޭނާއަކީ އެ މާޙައުލުގެ ބައެއް ކަމުގައި ކުރެވޭ އިހުސާސެވެ.

ކިމްގެ ކުލާހުގައި ދަރިވަރުންގެ ތައުލީމީ އަދި އިޖްތިމާއީ ބިންގާ އެޅެނީ އެހީތެރިކަމަށް ބޭނުންވުމަކީ މައްސަލައެއް ނޫންކަމުގައި ދެކިގެންނެވެ. އެހެނީ ކޮންމެ މީހަކުވެސް ދިރިއުޅުމަށާއި، އުނގެނުމަށާއި، މަސައްކަތްކުރުމަށް ކޮންމެވެސް ބާވަތެއްގެ އެހީތެރިކަމަކަށް ބަރޯސާވާން ޖެހެއެވެ. ބައެއް މީހުންނަކީ ފެނުމަށް އައިނު ބޭނުންވާ މީހުންނަށް ވެދާނެއެވެ. ބައެއް މީހުން ދުވަސް ފަށަން ކޮފީ ތަށްޓެއް ބޭނުންވެދާނެއެވެ. ބައެއް މީހުންނަށް ހެޑްފޯނު އަޅައިގެން މިއުޒިކް އަޑުއަހަމުން ނޫނީ މަސައްކަތް ނުކުރެވޭ ކަމަށް ވެދާނެއެވެ. ބައެއް މީހުންނަށް، ކިމްގެ ދަރިވަރުން ފަދައިން އެހެން މީހުންނާ މުވާޞަލާތުކުރުމަށް އެޕްސް ބޭނުންކުރަން ޖެހޭ މީހުންނަށް ވެދާނެއެވެ.

"އަހަރެމެން އެންމެންގެ ކިބައިގައިވެސް މިކަހަލަ ކޮންމެވެސް ކަމެއް ހުންނާނެ. އަހަރެމެންގެ ކިބައިގައި އިތުރަށް އަށަގަންނުވަން މަސައްކަތްކުރާ ސިފަތަކެއް ހުންނާނެ. އަހަރެމެންގެ މާޙައުލުން މިކަންތައް ބަލައިގަނެގެން ރަނގަޅު އެހީ އެ ކަންތަކަށް އަހަރެމެންނަށް ލިބިއްޖެނަމަ އެންމެންނަކީވެސް ކާމިޔާބު މީހުންނަށް ވާނެ،" ކިމް ބުންޏެވެ.

ކިމްގެ ކްލާސްރޫމްގައި "ސެންސަރީ ރެގިއުލޭޝަނާ" މެދު ގެންގުޅެނީ ތަފާތު އުސޫލުތަކެކެވެ. އޭނާގެ ގިނަ ދަރިވަރުން ސްޓިމް ކުރެއެވެ. ސްޓިމިންއަކީ ބައެއް ކުދިން އަމިއްލައަށް ރެގިއުލޭޓްކުރުމަށް ތަކުރާރުކޮށް ކުރާ ހަރަކާތްތަކެވެ. މިގޮތަށް ތަކުރާރުކޮށް ކުރާ ހަރަކާތްތަކުގެ އެހީގައި ކުދިންނަށް އެމީހުންގެ ސަމާލުކަން މާޙައުލަށް ދިނުމަށާއި ފޯކަސްކުރުމަށް އެހީވެދެއެވެ. ބައެއް ކްލާސްރޫމްތަކުގައި މިގޮތަށް ކުދިންގެ ފަރާތުން ފެންނަ ހަރަކާތްތައް ހުއްޓުވަން މަސައްކަތްކުރެއެވެ. ނަމަވެސް އެއީ ހެދޭ ގޯހެކެވެ. ކިމް ދެކޭގޮތުގައި މިއީ އެ ކުއްޖާ މާޙައުލުން އުނގެނުމަށް ކުރާ ވަރަށް މުހިންމު ކަމެކެވެ.

ދަރިވަރުންގެ ސެންސަރީ ބޭނުންތައް ޙާޞިލުކުރުމަށްޓަކައި ޚާއްޞަ އާލާތްތައް ބޭނުންކުރުމުގެ ފުރުޞަތު ކިމްގެ ކުލާހުގައި ލިބެއެވެ. ނަމަވެސް އެއީ ކްލާހުގެ އެހެން ކުދިންނަށް ދަތިނުވާ ގޮތަށެވެ. އޭނާގެ ބައެއް ދަރިވަރުން ހަމަޖެހިލަން ހަރަކާތްކުރަން ބޭނުންވެއެވެ. ތަކެތި ހަލުވަން ބޭނުންވާ ކުދިންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އޭނާ ކުދިންނަށް އަޑު ނުގޮވާ ކުޅޭ ތަކެތި ކުލާހުގައި ބޭނުންކުރަން ދެއެވެ. އޭނާ ގެންގުޅޭ ޚާއްޞަ އެއްޗެހީގެ ތެރޭގައި މިކަމަށް ޚާއްޞަކޮށް ހަދާފައި ހުންނަ ގަލަމުގެ މަތި ހިމެނެއެވެ. އެއީ ދަތްއަޅަން ބޭނުންވާ ކުދިންނަށް ދަތްއެޅޭގޮތަށް ހުންނަ މައްޗެކެވެ. އެ ކުލާހުގައި ކުދިންނަށް އެ ގޮނޑީގައި އިށީނދެގެން ކޮޅުކޮޅަށް ހެލުވޭ ޒާތުގެ ގޮނޑި ހުރެއެވެ. އެ ގޮނޑިތަކުގައި ހަރަކާތުން ފޯކަސް ރަނގަޅުވާ ކުދިންނަށް އިށީނދެ އެމީހުންގެ ސެންސަރީ ބޭނުންތައް ފުއްދެއެވެ. މިފަދަ ތަކެތި ކުލާހުގައި ހުންނަނީ ހުރިހާ ދަރިވަރުންނަށް ބޭނުންކުރެވޭ ގޮތަށެވެ. އެހެންކަމުން އެއީ ކީއްވެގެން ކާކު ބޭނުންކުރަންޖެހޭ އެއްޗެއްތޯ ކުދިން ހޯދާކަށް ނޫޅެއެވެ. އެފަދަ ތަކެތި ހުންނަނީ އުނގެނޭ މާޙައުލުގެ ބައެއްގެ ގޮތުގައެވެ.

މިފަދަ އުސޫލުތަކުން ސެންސަރީ އުނދަގޫތައް ތަޙައްމަލުކުރަމުންދާ ދަރިވަރުންނަށް ވާ ފައިދާ ވަރަށް ސާފުކޮށް ފެނެއެވެ. އެހެންނަމަވެސް މިފަދަ ކަންތައްތަކުގެ ސަބަބުން އެފަދަ އުނދަގޫތައް ނެތް ކުދިންނަށް "ނިއުރޯ ޓިޕިކަލް ކުދިންނަށް" ފައިދާވޭ ބާވައެވެ؟ ކިމް ބުނާގޮތުގައި ބައެއް ޢާއިލާތަކުން މިކަހަލަ ކަންތައްތަކާމެދު ކަންބޮޑުވުން ފާޅުކުރެއެވެ. އެއީ އެމީހުންގެ ދަރިންނަށް ޓީޗަރުގެ ފަރާތުން ލިބެންޖެހޭ ސަމާލުކަން ނުލިބިދާނެތީއެވެ. ނަމަވެސް ކިމް ޤަބޫލުކުރާ ގޮތުގައި އެ ކުލާހުގެ ހުރިހާ ބައިވެރިންނަށްވެސް އެ ކުލާހުގެ އުސޫލުތަކުގެ ސަބަބުން ފައިދާކުރާނެއެވެ.

"ކޮންމެ ކުއްޖަކަށްވެސް ފައިދާކުރާނެ ތަފާތު ކުދިން އެކުލެވޭ މާޙައުލެއްގައި އުނގެނެން ލިބުމުން،" ކިމް ބުންޏެވެ. "އަހަރެމެންގެ ކިންޑަގާޓަންގެ ދަރިވަރުން އިޖްތިމާޢީ ކަންތަކުގައި ވަރަށް ގާބިލު. އެ ކުދިންނަށް ތަފާތު ގޮތްގޮތަށް މީހުންނާ މުޢާމަލާތުކުރަން ދަސްވޭ. އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން ދަސްވޭ. އަމިއްލަ އިހުސާސް ކޮންޓްރޯލްކުރަން ދަސްވޭ. އެހެންވެ ފުލް-އިންކްލޫޝަން ސިސްޓަމްތަކުގައި އުނގެނުމަކީ ކުދިންނަށް އަޅައިދެވޭ އެންމެ ރަނގަޅު ބިންގާ ކަމުގައި އަހަރެންނަށް ޤަބޫލުކުރެވެނީ."

ތަފާސްހިސާބުތަކުން މިކަން ސާބިތުކޮށްދެއެވެ: ރޫބީ ބްރިޖަސްގެ ދަރިވަރުން ކިޔެވުމާއި ހިސާބު މާއްދާގައި ޑިސްޓްރިކްޓް އަދި ސްޓޭޓްގެ އެވްރެޖަށްވުރެ މޮޅު ނަތީޖާ ހޯދައެވެ.

"މިފަދަ މާޙައުލެއްގައި ކުއްޖާގެ ބިންގާ އެޅިއްޖެނަމަ އެ ކުއްޖާއަކީ އެހެން މީހުންނަށް ހެޔޮ، އެހެން މީހުންގެ ކަންތައްތަކަށް އަޅާލާ އިންސާނަކަށް ވެގެންދޭ. އެ ކުދިންނަށް ތަފާތު ގޮތްގޮތަށް ވާހަކަދައްކާ، ތަފާތު ގޮތްގޮތަށް ހަރަކާތް ހުންނަ، ތަފާތު ގޮތްގޮތަށް އަމިއްލަވަންތަކަން ފާޅުކުރާ މީހުންނާ ގުޅުން ބަދަހިކުރަން ދަސްވާނެ."

ހިތާމައަކީ، ރޫބީ ބްރިޖަސްއަކީ އެލެމެންޓަރީ ސްކޫލަކަށްވުމުން އެ ސްކޫލުގައި ކުދިންނަށް ހޭދަކުރެވެނީ ހަމައެކަނި ގްރޭޑް ފަހަކާ ހަމައަށެވެ. އޭގެ ފަހުން އެ ކުދިން މިޑްލް ސްކޫލަށް ދާއިރުގައި އެމީހުން ދަނީ މިކަހަލަ ފުލް-އިންކްލޫޝަން އުސޫލުތަކުގެ މައްޗަށް ހިނގާ ސްކޫލުތަކަކަށް ނޫނެވެ. މިއީ އެ ކުދިންގެ ޢާއިލާތަކަށްވެސް ވަރަށް ހިތްދަތިކަން ލިބޭ ކަމެކެވެ. އެމީހުންނަށް ވެގެންވާނަމަ ސްކޫލު ނިމެންދެން އެމީހުން ބައިތިއްބާނީ މި ސްކޫލުގައެވެ.

"ކޮންމެވެސް ދުވަހަކުން މި ހުރިހާ ކުދިން ބޮޑުވާނެ. މި މާޙައުލުން އެމީހުންނަށް ދަސްވާ އުސޫލުތަކާއި މީހުންނާ ގުޅުން ބަދަހިކުރަން ދަސްވި ގޮތްތައް، ދުވަހަކުވެސް އެމީހުންނަކާ ވަކިވެގެން ނުދާނެ. އެމީހުން ވާނީ މާދަމާ އެންމެން އެކުލެވޭ ގޮތަށް އުފައްދާ މުޖުތަމަޢުތަކުގެ ލީޑަރުންނަށް."

ކިމްގެ ކުލާހަކީ ދުނިޔޭގެ އެންމެން އެ ކުލާހުން މިސާލު ނަގަން ޖެހޭ ކުލާހެއް ކަމުގައި ބިލް ގޭޓްސް ދެކެއެވެ. އޭނާ ބުނާ ގޮތުގައި އޭނާ ކިމް ފަދަ ޓީޗަރެއްގެ ކުލާހުގެ ދަރިވަރަކަށް ވީނަމަ ކުޑައިރުގައި އޭނާގެ ނަފުސާމެދު ދެކެވެމުން އައި ނޭދެވޭ ގޮތަށް ބަދަލު އަންނާނެއެވެ.

ރޫބީ ބްރިޖަސްގެ މިސާލު އެހެން ސްކޫލުތަކުން ބަލައިގަތުން މުހިންމެވެ. އެއްވެސް ކުއްޖެއް ބާކީނުކޮށްލާ ހުރިހާ ކުދިން ހިމަނައިގެން ހެދިފައިވާ މިކަހަލަ މާޙައުލުތަކުން ކުދިންނަށް އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެދީ އުޅުމަށް ދަސްވުމަކީ ވަރަށް އުފާވެރިކަމެކެވެ. އެފަދަ މާޙައުލުތަކުން ކުދިންނަށް ދަސްވަނީ ހަމައެކަނި ހިސާބުން މޮޅުވާން އެކަންޏެއް ނޫނެވެ. މާ ރަނގަޅު ދުނިޔެއެއް ބިނާކުރެވޭނެ މީހުންނަށް ވާން އެމީހުންނަށް ދަސްވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *