Support Us

އެންމެ މުދައްރިސެއްގެ ސަބަބުން ބަދަލުވި ދަރިވަރެއްގެ ވާހަކަ

ނައިޖީރިއާގެ ލާގޮސް ސްޓޭޓުގެ އަޖެގުންލޭ ކިޔާ ސަރަހައްދުގެ މެދުތެރޭގައި، ކިންގްސްލީ ކިޔާ ކުއްޖެއް އުޅުނެވެ. އެ ހިސާބުގެ އެންމެންނަށް ވެސް އޭނާ އެނގެއެވެ. ނަމަވެސް ރަނގަޅު ގޮތަކަށް ނޫނެވެ. އެންމެންނަށް އެނގެނީ އޭނާ ސްކޫލުން ސަސްޕެންޑް ކޮށްފައިވާ އަދަދު ގިނަކަމުންނެވެ.

ގްރޭޑް ނުވަޔަކާ ހަމައަށް އާދެވުނު އިރު އޭނާ ވަނީ ފޯނު ވައްކަމުގެ މައްސަލަތަކުގައި އެތައް ފަހަރަކު ހައްޔަރު ކޮށްފައެވެ. ގޭންގު ހަމަނުޖެހުންތައް އިސްވެ ހިންގާކަމަށް އަޑު އަރައިފައެވެ. ސްކޫލަށް ހާޒިރުނުވާ ދުވަސްތައް ގިނައެވެ. ޕްރިންސިޕަލްގެ އޮފީހުގައި އޮންނަ އޭނާގެ ރިކޯޑު ފައިލް ދިޔައީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ. އޭނާގެ މައިންބަފައިން އޭނާއަކަށް އަޅައެއްނުލައެވެ. އެންމެ މުދައްރިސެއް ފިޔަވައި އެހެން ހުރިހާ މުދައްރިސުން ވަނީ އޭނާއާ މެދު އުންމީދު ކަނޑައިލައިފައެވެ. އޭނާއާ ދޭތެރޭ ކުށްވެރިއެއްގެ ނަޒަރުން ނުބަލަނީ ހަމައެކަނި އޯކޮންއެވެ. އެއީ އެ ސްކޫލުގައި ޓެކްނިކަލް ޑްރޯވިން ކިޔަވައިދޭ މުދައްރިސެވެ.

އޯކޮންއަކީ ވަރަށް ހަމަޖެހޭ، ހަރުދަނާ މިޒާޖެއްގެ، މަޑުމައިތިރިކޮށް ވާހަކަދައްކާ މީހެކެވެ. އެހެން މުދައްރިސުން ކިންގްސްލީއަކީ އުންމީދެއް ނެތް ކުއްޖެކޭ ބުނާއިރުވެސް އޯކޮން ބުނެއެވެ.

"އެއްވެސް ކުއްޖަކު އުފަންވަނީ ނުބައިކޮށެއް ނޫން. ފިޠުރަތުގައި އެންމެންނަކީ ވެސް ރަނގަޅު މީހުން. ނަމަވެސް ކޮންމެ މީހަކުވެސް ވަރުބަލިވާނެ އެހެން މީހުން އޭނާއާ ދިމާލަށް ރަނގަޅެއް ނުވާނޭ ކިޔަންޏާ."

އެއްދުވަހު ކިންގްސްލީ ހުއްޓުވައިފައި އޯކޮން ވާހަކަ ދެއްކިއެވެ. ކްލާހެއްގައި ހަލާކުވެފައިވާ ގޮނޑިތައް މަރާމާތުކުރުމަށް، ސްކޫލު ނިންމައިފައި އޭނާއާ އެކުގައި އެހީވެދޭން އައިސްދިނުމަށް އެދުނެވެ.

އެހެން ބުނިތާ ހަފްތާއެއް ވީއިރުވެސް ކިންގްސްލީއެއް ނާދެއެވެ. ކޮންމެ ދުވަހަކު ކިންގްސްލީ ފެނުމުން އޯކޮން އޭނާ ކައިރީގައި ވަގުތު އޮވެއްޖެއްޔާ އައިސް އޭނާއަށް އެހީތެރިވެދިނުމަށް އެދެއެވެ.

އެއް ދުވަހު ކިންގްސްލީ ސްކޫލު ނިންމައިފައި މަޑުކުރިއެވެ. ކޮންމެހެން އޯކޮންއަށް ކުރާ އިޙްތިރާމަކުން ނޫނެވެ. ނަމަވެސް ކަންތައް ހިނގަނީ ކިހިނެއްތޯ ބަލައިލުމަށެވެ.

އޯކޮންއާ އެކުގައި ކިންގްސްލީ މަސައްކަތް ކުރަމުން ގެންދިޔައީ ހަމަހިމޭންކޮށެވެ. ދެމީހުންގެ ދެމެދުގައި މާ ވާހަކައެއް ނުދެކެވެއެވެ. އެއްގަޑިއިރު މަސައްކަތުގައި ހޭދަކުރުމަށް ފަހު ކިންގްސްލީ ސުވާލެއް ކުރިއެވެ.

"ކީއްވެ އޯކޮން އަހަރެންނާ ވާހަކަދައްކާއިރު އެހާ އޯގާތެރިކޮށް ވާހަކަދައްކަނީ؟ އެނގެއެއްނު އަހަރެންނަކީ އެހާ ރަނގަޅު މީހެއް ނޫންކަން."

"ކިންގްސްލީގެ ކިބައިގައި އަދިވެސް އުންމީދުން ފުރިގެންވާ މީހެއް ވާ ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭ. އެހެންވެ އަހަރެން މުޚާޠަބުކުރަނީ އެ މީހާއާ،" އޯކޮން ޖަވާބުގައި ބުންޏެވެ.

އެ ހިސާބުން ކިންގްސްލީގެ ހަށިގަނޑުތެރެއިން ކޮންމެވެސް ބަދަލެއް އައެވެ. އެ ދުވަހު އޯކޮން މަސައްކަތް ނިންމާލުމަށް ފަހު ކުރަހާ ފޮތެއް ކިންގްސްލީއަށް ހަދިޔާކުރިއެވެ.

"މީގައި ބޭނުން އެއްޗެއް ކުރަހާ. ގޯސްކޮށް އެއްޗެއް ކުރެހިއްޖެއްޔާ ދެމީހުން އެކީގައި އޭތި ރަނގަޅު ކުރާނީ."

ކިންގްސްލީ ކުރަހަން ފެށިއެވެ. ފަރުނީޗަރާއި މެޝިނާއި މަސައްކަތް ކުރަން ބޭނުންކުރާ އާލާތްތަކެވެ. ކުރީގައި އެއް ތަނެއްގައި އިށީނދެގެން ނީނދެވޭ ކުއްޖާ ސްކޫލު ނިމުމަށް ފަހުގައި ލަސްވަންދެން މަޑުކޮށް އޯކޮންއާ އެކުގައި ފަރުނީޗަރު ފަރުމާތުކުރުމުގެ މަސައްކަތުގައި އުޅެން ފެށިއެވެ. އޭނާގެ އުޅުން ބަދަލުވާން ފެށިއެވެ.

އެއް ދުވަހަކު ސްކޫލުތެރެއިން ފޯނެއް ގެއްލިއްޖެއެވެ. އެންމެންގެ އިނގިލި ދިއްކުރީ ކިންގްސްލީއާ ދިމާލަށެވެ. ނަމަވެސް އެހެން ފަހަރުތަކުގައި ކަންތައް ކުރާ ގޮތާ ޚިލާފަށް ކިންގްސްލީއެއް ނުފިލިއެވެ. އޭނާ ތެދުވެ ބުންޏެވެ.

"ފޯނު ނެގީ އަހަރެންނެއް ނޫން. ކަލޭމެން ބޭނުމިއްޔާ އަހަރެންގެ ދަބަސް ޗެކްކުރޭ."

އޭނާގެ ދަބަސް ޗެކްކުރިއިރު އޭގައި އެ ބުނާ ފޯނެއް ނެތެވެ. ފުރަތަމަ ފަހަރަށް އޭނާ ގާތުން ޕްރިންސިޕަލް މާފަށް އެދުނެވެ.

އަހަރު ނިމިގެން ބޭއްވި ޓެކްނިކަލް ޕްރޮޖެކްޓް މައުރަޒުގައި ކިންގްސްލީ ހުށަހެޅީ އޭނާ ފަރުމާކޮށް އަތުން ތައްޔާރުކޮށްފައިވާ ފޮތް ބަހައްޓާ ހަރުގަނޑެކެވެ. އެންމެން އޭނާގެ އުފެއްދުން ފެނިފައި ހައިރާންވެގެން ތައުރީފުކުރިއެވެ. ކިންގްސްލީއަށް ރޮވުނެވެ. އެވަގުތު އޯކޮން އެންމެންގެ ކުރިމަތީގައި އޭނާގެ އަތަށް ފްރޭމްކޮށްފައި އޮތް އެއްޗެއް ދިނެވެ.

"މިއީ ކިންގްސްލީއަށް ދޭ ވަރަށް ވަރުގަދަ އިންޒާރެއް. އެކަމަކު އަހަރެން އިންނާނީ މީތި ބަދަލުކޮށްލައިފަ. އަޅެ ކިޔައިލަބަލަ!"

"މިއީ ކަލެޔަށް ދޭ އެންމެ ފަހު އިންޒާރެވެ. މިއަދުގެ ފަހުން ކަލެޔަކީ ނާކާމިޔާބު މީހެއްގެ ގޮތުގައި ދުށުން މަނާވީއެވެ. ކަލޭގެ އުޖާލާ މުސްތަޤުބަލުން ކަލޭ ބޭރެއް ނުވެއެވެ. ކަލޭގެ ކިބައިގައިވާ އަސްލު ޤާބިލުކަމަށް އަލުން އަނބުރާ ރުޖޫޢަކޮށްދީފީމެވެ." އެންމެންނަށް އަޑުއިވޭ ވަރަށް ކިންގްސްލީ އެ ސިޓީ ކިޔައިލިއެވެ. ހާޒިރުވެފައި ތިބި އެންމެން އެތައް އިރެއް ވަންދެން އަތްތިލަބަޑި ޖެހިއެވެ.

އޭގެ އަހަރުތަކެއް ފަހުން ކިންގްސްލީ ވެގެން ދިޔައީ ވަރަށް ކާމިޔާބު އާކިޓެކްޓަކަށެވެ. އޭނާގެ ކުންފުނިން ރަށްފުށު ސަރަހައްދުތަކަށް ވިއްކަން އަގުހެޔޮ ސްކޫލު ފަރުނީޗަރު އުފައްދައެވެ. އޭނާގެ އޮފީހުގައި ހަރުކޮށްފައިވާ ފްރޭމެއްގައި ލިޔެފައިވެއެވެ.

"އަހަރެން އެއްވެސް އެއްޗެއް އުފެއްދުމުގެ ކުރިން އަހަރެން މީހަކަށް ހަދައިދިނީ އޯކޮންއެވެ."

އިބްރަތް: ދަރިވަރުން ބޭނުންވަނީ އާދަޔާ ޚިލާފު ބަދަލެއް ނޫނެވެ. އެމީހުންނަށް އެމީހުން ގެއްލޭ ހިނދުގައި އެމީހުންނާ މެދުގައި ހެޔޮކޮށް ވިސްނާ އެންމެ މުދައްރިސެކެވެ. ދަރިވަރެއްގެ ކިބައިގައި ތަކުރާރުވަމުންދާ ނުރަނގަޅު ކަންކަން އެންމެ މުދައްރިސަކަށް ވެސް ބަދަލުކޮށްލެވިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *