އެތައް ބައެއްގެ ފުރާނަ ގެއްލުނު ފަސް ދުވަހުގެ ނުރައްކާތެރި ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު، ހަނގުރާމަ ހުއްޓައިލަން މިއަދު ތައިލެންޑާއި ކެމްބޯޑިއާއިން ނިންމުމަކީ ދެ ގައުމުގެ ކުރިމަގަށް ހެޔޮ ފާލެއް ކަމަށް، ސުލްހަ ގާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި މެލޭޝިއާއިން ބުނެފިއެވެ.
"ހަމަ މިހާރުން މިހާރަށް، އެއްވެސް ޝަރުތެއް ނެތި" ދެކުނު އިރުމަތީގެ އޭޝިއާގެ ދެ ގައުމު ކަމަށްވާ ތައިލެންޑާއި ކެމްބޯޑިއާއިން ނިންމުން ނިންމީ، މެލޭޝިއާއިން ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކޮށްދިނުމުންނެވެ.
ހަމަލާތައް ހުއްޓައިލުމަށް "ސީސްފަޔާ"އަކަށް އެއްބަސްވީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން މަނޭ އާއި ތައިލެންޑްގެ ވަގުތީ ބޮޑު ވަޒީރު ފުމްތަމް ވެޗަޔަޗައިއާ ބައްދަލު ކުރައްވައި، ބޭއްވެވި މަޝްވަރާތަކަށް ފަހުއެވެ.
ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގައި ދެ ގައުމުން ބަދަލު ކުރި ހަމަލާތަކުގައި އެތައް ޑަޒަނެއްގެ ބަޔަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އެތައް ހާސް ބައެއް ގެދޮރު ދޫކޮށްފައި ދާން ޖެހުނެވެ.
ދެ ގައުމުގެ ދެމެދުގައި މަސްރަހު ހޫނު ވުމުން ދެ ގައުމުން ވެސް އެމްބެސެޑަރުން އަނބުރާ ގެންގޮސް، ބޯޑަރު ހުރަސްކޮށް ދަތުރު ކުރެވޭ ހުރިހާ މަގެއް ބަންދުކުރިއެވެ.
ތައިލެންޑާއި ކެމްބޯޑިއާއިން ހަނގުރާމަ ހުއްޓައިލުމަށް ބައިނަލްއަގުވާމީ ގޮތުން ވެސް އެތައް ގައުމަކުން ބާރުއެޅިއެވެ. އޭގެ ތެރޭގައި އެމެރިކާ އަދި ޗައިނާ ހިމެނެއެވެ.
"މިއީ ބޯޑަރު މައްސަލަ އިތުރަށް ގޯސް ވިޔަ ނުދީ، ސުލްހަ އާއި ރައްކާތެރިކަން އަލުން ގާއިމު ކުރަން އެޅުނު ކޮންމެހެން ވެސް މުހިންމު ފިޔަވަޅެއް،" ހުރިހާ ގައުމަކުން ވެސް ސުލްހަމަސަލަސްކަމަށް އިޖާބަ ދޭ ކަމަށް ވިދާޅުވަމުން އަންވަރު ވިދާޅުވިއެވެ.
ތައިލެންޑާއި ކެމްބޯޑިއާގެ އަސްކަރީ ވެރިން މާދަމާ ބައްދަލު ކުރުމަށް ވަނީ މިހާރު ހަމަޖައްސައިފައެވެ. އެއީ ބޯޑަރުގެ މަސްރަހު ފިނިކޮށް، ހަނގުރާމައިގެ އަސަރު ކޮށްފައިވާ މީހުންގެ ދިރިއުޅުން އަލުން އާދައިގެ ދިރިއުޅުމަކަށް ބަދަލުކޮށްދޭނެ ކަމުގެ އުއްމީދާއި ޔަގީންކަން ދިނުމަށެވެ.
ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ބޯޑަރުގެ މައްސަލަ ޖެހުނީ އިސްތިއުމާރީ ގައުމުތަކުން ދެ ގައުމުގެ އިންތައް ވަކި ކުރުމުގައި ސާފު އުސޫލުތަކެއް ގާއިމު ނުކޮށް ޗާޓުތައް ކުރެހުމުންނެވެ. އެ ގޮތުން ދެ ގައުމުގެ 817 ކިލޯމީޓަރު ބޯޑަރުގައި ހުރި ހިންދީ ދީނުގެ އިހު ޒަމާނުގެ ފައްޅިތަކުގެ މިލްކުވެރިކަމާމެދު އަރައިރުން ވަނީ އުފެދިފައެވެ.
މި ފަދަ ފައްޅިތަކަކީ ދެ ގައުމުގެ ތަރިކައިގެ މުހިންމު ތަންތަން ކަމަށް ވާތީ ހަމަލާ ބަދަލު ކުރުން ވަނީ އާއްމު ކަމަކަށް ވެފައެވެ. އަދި މި ކަމުގެ ސަބަބުން ގައުމިއްޔަތުގެ ރޫހު ހުޅުފަޅައިގެން ގޮސް، އަސްކަރީ ހަމަލާތަކަކަށް ބަދަލުވީއެވެ.



advertisment