ތައިލެންޑްގެ ބޮޑު ވަޒީރު ޕައިތޯންތާން ޗިންނަވަތު މަގާމުން ސަސްޕެންޑްކޮށްފިއެވެ.
ދުސްތޫރީ ކޯޓުން މި ގޮތަށް އިއްޔެ ނިންމީ އޭނާ އާއި ކެމްބޯޑިއާގެ ކުރީގެ ބޮޑު ވަޒީރު ހުން ސަންއާ ވާހަކަ ދެއްކެވި ފޯން ކޯލެއް ލީކު ވުމާއެކު އޭގައި ޕައިތޯންތާން ތައިލެންޑް ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދަވާ ކަހަލަ ވާހަކަތައް ހުރި ކަމުގެ ތަހުގީގެއް ހިނގަމުން ދާތީއެވެ.
ކޯޓުން މި ގޮތަށް ނިންމި ނަމަވެސް ކެބިނެޓުގައި ސަގާފަތާ ބެހޭ އޭނާގެ ވަޒީރުކަން އަދިވެސް ވަނީ ދަމަހައްޓައިފައެވެ.
ކޯޓުން މި ގޮތަށް ނިންމުމުގައި އެންމެ ފުރަތަމަ ބަލައިގަތީ ގާނޫނު ހަދާ މަޖިލީހުގެ 36 މެންބަރުން ފޮނުވި ޕެޓިޝަނެކެވެ. އެއަށް ފަހު ނުވަ ފަނޑިޔާރުންގެ ތެރެއިން ހަތް ފަނޑިޔާރުން ނިންމީ ޕައިތޯންތާން ބޮޑު ވަޒީރުކަމުން ސަސްޕެންޑް ކުރުމަށެވެ.

ޕާލަމަންޓް މެންބަރުން ތުހުމަތު ކުރި ގޮތުގައި ލީކުވި ފޯން ކޯލްގައި ތައިލެންޑްގެ އަސްކަރީ އިސް އޮފިޝަލެއް ކަމަށްވާ، ސެކަންޑް އާމީ އޭރިއާ ކޮމާންޑަރުގެ މަގާމުގައި ހުރި ބުންސިން ބުއަންގަމްއަކީ "ދުޝްމިނެ"އް ކަމަށް ޕައިތޯންތާން ވިދާޅުވެ، ހުން ސަނަކީ "ބޮޑުބޭބެ"އެއް ކަމަށް ވިދާޅުވުމަކީ "ގައުމުގެ އިސްތިގުލާލަށް ގޮންޖެއްސެވުމެ"ކެވެ.
ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު މިހާރު ވަނީ ބޯޑަރުގެ މަސްރަހު ހޫނުވެފައެވެ.
އަސްކަރީ މަގާމަކަށް މި ދިޔަ އަހަރު އޮކްޓޫބަރު އެކެއްގައި އައުމަށް ފަހު ބުންސިންއަކީ މިހާރު ތައިލެންޑްގެ އިރުއުތުރު ބޯޑަރު ދިފާއު ކުރުމުގެ މަސައްކަތުގެ ކުރީ ސަފުގައި އުޅޭ އަސްކަރީ ވެރިޔާއެވެ. މިހެންވެ ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ބޯޑަރުގެ ނުތަނަވަސްކަމުގައި ވެސް ބެދިފައިވަނީ އޭނާއެވެ.
"ލައްޕައިފައިވާ ދޮރުތަކުގެ ފަހަތުގައި ތިބެ ގައުމުގެ ޝަރަފު ނިގުޅައިގަނެވިގެން ނުވާނެ،" ޕައިތޯންތާންގެ ފޯން ކޯލާމެދު ތައިލެންޑްގެ ސެނޭޓަރަކު ބުންޏެވެ.

ކޯޓުން މިހާރު ވަނީ، އަމިއްލަ ދިފާއުގައި ލިޔުއްވައިފައިވާ ބަޔާނެއް 15 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށް ޕައިތޯންތާނަށް އަމުރުކޮށްފައެވެ.
ޕައިތޯންތާން މަގާމުން ސަސްޕެންޑް ނުކުރުމަށް ވޯޓު ދިން ދެ ފަނޑިޔާރުން ބުނީ ސެނޭޓަރުން ހުށަހެޅި ޝަކުވާގެ ޕެޓިޝަންގައި ދުސްތޫރީ ގޮތުން އޭނާ ކުރެއްވި ކުށެއް ސާފު ނޫން ކަމަށެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ބޯޑަރު މައްސަލަ މިހާރު ހޫނުވެފައިވަނީ މި ދިޔަ މޭ މަހު ފުރާނައަށް ގެއްލުންދެނިވި ހަމަލާތަކެއް ބަދަލުކުރުމާ ގުޅިގެންނެވެ. މައްސަލައިގެ އަސާސަކީ ކެމްބޯޑިއާގެ އިސްތިއުމާރީ ބާރު ކަމަށްވާ ފްރާންސުން އެ ގައުމަށް މިނިވަންކަން ދިން އިރު، އިނގިރޭސި ވިލާތުގެ އިސްތިއުމާރުން، ވިސްނުންތޫނުކަމާއެކު ސަލާމަތްވެގެން ތިބި ތައިލެންޑް އާ ދެމެދުގައިވާ އިންތައް ރަނގަޅަށް ކަނޑައަޅައިފައި ނުވުމެވެ.
ބޯޑަރު މައްސަލަ ހޫނުވެފައިވަނީ ހާއްސަ ގޮތެއްގައި ޕްރިއަ ވަހިއަ ފައްޅިގެ ވަށައިގެންވާ ސަރަހައްދުތަކަކީ ކޮން ގައުމެއްގެ ބިމެއްތޯއާމެދުއެވެ. ހިންދީ ދީނުގެ ފައްޅިއެއްގެ ގޮތުގައި ފުރަތަމަ ބިނާކުރި މި ފައްޅިއަށް ފަހުން ވަނީ ބުދު ދީން ނުވަތަ ބުދިސަމްގެ ސިފަތައް ވައްދައިފައެވެ. ތައިލަންޑާއި ކެމްބޯޑިއާގައި ވެސް އާބާދީގެ އެންމެ ގިނަ މީހުން ތަބާވަނީ ތެރަވަޑަ މަޒްހަބުގެ ބުދިސަމް ފަލްސަފާއަށެވެ. ތައިލެންޑްގެ އާބާދީގެ 90 އާއި 95 ޕަސެންޓަކީ ތެރަވަޑަ ބުދިސްޓުން ކަމަށްވާއިރު ކެމްބޯޑިއާގެ 97 ޕަސެންޓަށްވުރެ ގިނަ މީހުން އިގުރާރު ވަނީ ތެރަވަޑަ ބުދިސްޓުންގެ ގޮތުގައެވެ.

މޭ މަހު ހޫނު ވި މައްސަލައިގެ ސަބަބުން ދެ ގައުމުން ވަނީ ދެ ގައުމުގެ ވެސް ބޯޑަރު ބަންދުކޮށްލައިފައެވެ. އަދި ހޫނު ޑިޕްލޮމެޓިކް ޒުވާބުތަކެއް ކޮށްފައެވެ. މީގެ އިތުރުން ކެމްބޯޑިއާއިން ވަނީ ބޯޑަރު ހުރަސްކޮށް ކުރާ ހުރިހާ ވިޔަފާރިތައް ބަންދުކޮށްލައިފައެވެ.
ކެމްބޯޑިއާއިން ބޭނުންވަނީ، ދުނިޔޭގައި ދޭދޭ ގައުމުތަކުގެ ދެމެދުގައި ހިނގާ މައްސަލަތައް ހައްލުކޮށްދޭ ބައިނަލްއަގުވާމީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން މި މައްސަލަ ހައްލުކޮށްދޭށެވެ. ނަމަވެސް ތައިލެންޑުން މައްސަލަ ހައްލު ކުރަން ބޭނުމީ ދެ ގައުމުގެ ދެމެދުގައި "ބައިލެޓްރަލް ޓޯކްސް" ނުވަތަ ސީދާ ވާހަކަތައް ދައްކައިގެންނެވެ. ޕްރިއަ ވަހިއަ ފައްޅި ކެމްބޯޑިއާއާ އައި.ސީ.ޖޭއިން ހަވާލުކުރީ 1962 ގައެވެ.

ދެ ގައުމުގެ ދެމެދުގައި ބާރު ހިނގާ ސަރަހައްދުތަކަކީ ކޮބައިތޯ ކަނޑައަޅަން ކެމްބޯޑިއާއިން އައި.ސީ.ޖޭގެ ފަރާތުން ރަސްމީކޮށް އެދިފައިވާއިރު ހިންދީ ދީނުގައި ފިރިހެނާގެ ޖިންސީ ގުނަވަނަށް އަޅުކަންކުރާ ލިންގަ މަޒުހަބުގެ، ތާ މުއަން ތޮމް ނަމަކަށް ކިޔާ ފައްޅީގެ ވެރި ފަރާތް ކަނޑައަޅައިދޭން ވެސް އައި.ސީ.ޖޭގައި ކެމްބޯޑިއާއިން ވަނީ ރަސްމީކޮށް އެދިފައެވެ. ތައިލެންޑުން ބުނެފައިވަނީ މިއީ ކެމްބޯޑިއާއިން ބާރު ހިންގަން އަލަށް ދައުވާ ކުރާ ތަންތަން ކަމަށާއި މި ތަންތަނަށް އައި.ސީ.ޖޭގެ ބާރު ނުހިނގާ ކަމަށެވެ.
ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގެ މައްސަލަ ހޫނުވެފައިވާއިރު މި ކަން ވަނީ ތައިލެންޑްގެ ސިޔާސީ މައިދާން ވެސް ހަލަބޮލިކޮށްލައިފައެވެ. އެ ގޮތުން، ޕައިތޯންތާން އާއި ހުން ސަންގެ ފޯން ކޯލަކީ ސިޔާސީ ގޮތުން މި މައްސަލަ ކުންނަށް ފޯރި ހާދިސާއެވެ. ދެ ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު މި ވަގުތު ވަނީ ހުޅުފަޅައިގެން ގޮސްފައެވެ.



advertisment