ވެރިރަށް ނިއު ދިއްލީ ކައިރީގައި ގެއެއް ކުއްޔަށް ހިފައިގެން، ފޭކް އެމްބަސީއެއް ހިންގައި، ބޭރު ގައުމުތަކުން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ، ވަޒީފާ ހޯދަން އައި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދި އިންޑިއާ މީހަކު އެ ގައުމުގައި ހައްޔަރުކޮށްފިއެވެ.
އުމުރުން 47 ގެ ހަރްޝް ވަރްދަން ޖައިން އުޅުނީ "ވެސްޓް އާކްޓިކް އެމްބަސީ"ގެ ނަމުގައި ދުނިޔޭގެ ދެކުނު ބިތުގެ ބައްރު ކަމަށްވާ އެންޓާކްޓިކާގެ އެމްބަސީއެއްގެ ނަމުގައި ފޭކް އެމްބަސީއެއް ހިންގަމުން ކަމަށް ފުލުހުން ބުންޏެވެ.
ފޭކް އެމްބަސީ ހިންގީ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ގާޒީއާބާދުގައި ހުންނަ ގެއެއް ކުއްޔަށް ހިފައިގެންނެވެ.
ގާޒީއާބާދަކީ ވެރިރަށް ނިއު ދިއްލީއާ ޖެހިގެން އޮންނަ ބޮޑު ސިޓީއެކެވެ. މަގުތަކާއި ޑެލްހީ މެޓްރޯ ފަދަ ރޭލު ދަތުރުފަތުރުގެ އިތުރުން ސަރަހައްދީ އަވަސް ޓްރާންސިޓް ނިޒާމު، ރީޖަނަލް ރެޕިޑް ޓްރާންސިޓް ސިސްޓަމް (އާރް.އާރް.ޓީ.އެސް) ގެ ނިޒާމުން ހަރުދަނާ ދަތުރުފަތުރުގެ ވިއުގައެއްވާއިރު، ގާޒީއާބަދަކީ ދިއްލީގެ ނެޝަނަލް ކެޕިޓަލް ޓެރިޓަރީއާ ގުޅިފައިވާ ގައުމީ ވެރިކަން ކުރާ ސަރަހައްދު، ނެޝަނަލް ކެޕިޓަލް ރީޖަން (އެން.ސީ.އާރް)ގެ ވެސް މުހިންމު ބައެކެވެ. މިހެންވެ، ވަޒީފާ އާއި އެހެނިހެން ބޭނުންތަކުގައި ގިނަ ބަޔަކު ދިއްލީ އާއި ގާޒީއާބާދާ ދެމެދު ކޮންމެ ދުވަހަކު ކޮމިއުޓް ނުވަތަ ގެއާ ދޭތެރޭ ދަތުރުކުރެއެވެ.
"ހަރްޝް ހެދިގެން އުޅުނީ ފޭކް ނަންތަކެއް އޭނާ ކިޔައިގެން އުޅޭ 'ވެސްޓް އާކްޓިކާ’، 'ސަބޯގާ’، 'ޕައުލްވިއާ’، އަދި 'ލޮޑޯނިއާ' ފަދަ ފޭކް ނަންތައް ދީފައިވާ ފޭކް ގައުމުތަކެއްގެ އެމްބެސެޑަރު ކަމަށް ހެދިގެން،" ފުލުހުން އޭ.އެފް.ޕީއަށް ބުންޏެވެ.
ހަރްޝް ވަނީ ކާރާއި އެއްގަމު އުޅަނދުތަކުގައި ފޭކް ޑިޕްލޮމެޓިކް ނަންބަރު ބޯޑު ޖަހައިގެން އެ ތަކެތި ބޭނުންކޮށްފައެވެ. އަދި އިންޑިއާގެ ލީޑަރުންނާ އޭނާ ބައްދަލުކުރިކަން ދައްކަން ފޭކް ފޮޓޯތައް ވެސް ހަދައިފައިވެއެވެ.
"އޭނާގެ މައިގަނޑު މަސައްކަތަކީ ކުންފުނިތަކާއި އަމިއްލަ ފަރުދުންނަށް ވަޒީފާ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުން ކަމަށް ބުނެ، ހަމައެކަނި ބޭންކް އެކައުންޓް ނަންބަރުތަކެއް ދީފައި، ފޭކް ނަންތަކުގައި، ހަމައެކަނި ކަރުދާހުގައި ފެންނަން ހުންނަ 'ހޮޅި ކުންފުނިތަކެއް' (’ޝެލް ކޮމްޕެނީސް')ތަކެއް ހަދައިގެން ފައިސާ ފޮނުވާ (’މަނީ ޓްރާންސްފާ') ކުރުމުގެ މަކަރާއި ހީލަތުގެ ކަންތައްތަކެއް ކުރިއަށް ގެންދިޔުން،" މި ހަފުތާގެ ކުރީކޮޅު އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފުލުހުން ބުނީ އޭނާ މަނީ ލޯންޑާ ވެސް ކުރި ކަމަށެވެ.
ހަރްޝްގެ ބިންތަކަށް ރެއިޑް ޖެހިއިރު 53،000 ޑޮލަރު (817،260ރ.)ގެ ނަގުދު ފައިސާ ފެނިފައިވާ ކަމަށާއި ފޭކް ޕާސްޕޯޓްތަކާއި އިންޑިއާގެ ހާރިޖީ ވުޒާރާގެ ތައްގަނޑު ޖެހި ފޭކް ލިޔެކިޔުންތައް ވެސް ފެނުނު ކަމަށެވެ.
ހަރްޝް އާއި އޭނާ ތަމްސީލު ކުރާ ފަރާތްތަކުގެ ބަހެއް ނުލިބުނު ކަމަށް އޭ.އެފް.ޕީން ރިޕޯޓުކުރިއެވެ.
ފުލުހުން ބުނީ "ވެސްޓް އާކްޓިކާ"ގެ ނަން ކިޔައިގެން ހަރްޝް ނިސްބަތް ކުރި ފޭކް ގައުމުގެ ނަމަކީ ހަގީގަތުގައި އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ނަން ކަމަށެވެ.
"އެ ޖަމިއްޔާއަކީ ދެކުނުގެ ބައްރު ކަމަށްވާ އެންޓާކްޓިކާގެ ފަޅު، ބޮޑު، ރީތި، އަދި އެކަހެރި ހުޅަނގު ސަރަހައްދު ދިރާސާކޮށް، ރައްކާތެރި ކުރާ ކުންފުންޏެއް،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ ހަރްޝް ވަނީ ވެސްޓް އާކްޓިކާގެ ނަމުގައި ފޭކް ފަތްކޮޅެއް ތައްޔާރުކޮށްފައި ކަމަށެވެ. އޭނާއަކީ "ވެސްޓް އާކްޓިކާއިން އިންޑިއާއަށް ކަނޑައަޅައިފައި ހުންނަ އޮނޮރަރީ ކޮންސުލް" ކަމަށާއި އެއީ އޭނާ އެ ޖަމިއްޔާއަށް "އިހުސާންތެރި ހައިރާތެއް ކުރުމުން" ކަމަށް އެ ފޭކް ފަތްކޮޅުގައި ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮނޮރަރީ ކޮންސުލްއިންނަކީ ބިދޭސީ ގައުމެއްގެ ފުރިހަމަ އެމްބަސީއެއް ނުވަތަ "ކެރިއާ ކޮންސިއުލޭޓް"އެއް ނެތް ގައުމަކަށް އެ ބިދޭސީ ގައުމެއްގެ ސަރުކާރަކުން، އެ ބިދޭސީ ގައުމުގެ ސަރުކާރުގެ މަސްލަހަތު އޮންނަ ކަންތައްތައް ތަމްސީލު ކުރުމަށާއި، އޮނޮރަރީ ކޮންސުލް ބަހައްޓާ ވަކި ސަރަހައްދެއް ނުވަތަ ސިޓީއެއް ކަނޑައަޅައި، ވަކި މިންވަރެއްގެ "ކޮންސިއުލާ ހިދުމަތް" ނުވަތަ އެ ބިދޭސީ ގައުމުގެ ރައްޔިތުންނަށް ހިމާޔަތް ލިބިދޭނެ ހުރިހާ ހިދުމަތެއް ދޭ މަގާމެކެވެ.
އޮނޮރަރީ ކޮންސުލްއަކާ ހިލާފަށް، "ކެރިއާ ކޮންސުލް" އޮފިސަރުންނަކީ އެ ބިދޭސީ ގައުމަކުން މުސާރަ ދޭ، ފުލްޓައިޓް މަސައްކަތްތެރިންނެވެ. އެ މީހުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޕާސްޕޯޓާއި ކުއްލި ހާލަތުގައި ދަތުރު ކުރެވޭނެ ލިޔެކިޔުންތައް ("އެމަޖެންސީ ޓްރެވެލް ޑޮކިއުމެންޓްސް") އާއި އެ ބިދޭސީ ގައުމަށް ދަތުރު ކުރަން ވިސާ ދޫކުރުމާއި އެ ބިދޭސީ ގައުމުގެ ރައްޔިތުންތަކުގެ ތެރެއިން ހައްޔަރު ކުރެވޭ، ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރެވޭ، ކުށުގެ ޝިކާރައަށްވާ ނުވަތަ ގުދުރަތީ ކާރިސާތަކުގެ އަސަރު ކުރާ މީހުންނަށް އެހީ ދޭން ތިބޭ މުވައްޒަފުންނެވެ.
މީގެ އިތުރުން އެ ބިދޭސީ ގައުމުގެ ރައްޔިތުންގެ ވިހެއުމާއި މަރުވުމާއި ކައިވެނިތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި، ސަގާފަތް އަދި ތައުލީމުގެ ދާއިރާއިން މުއާމަލާތް ކުރުމުގެ ހުއްދަ އޮވެއެވެ. ސޮއި ކުރުމުގެ ކަންތައްތަކާއި ގާނޫނީ ލިޔެކިޔުންތަކާ ބެހޭ ދާއިރާތައް ކަމަށްވާ "ނޮޓެރިއަލް އެންޑް ލީގަލް ސާވިސަސް"ގެ ޒިންމާތައް ހަވާލު ކުރެވިފައިވާއިރު ކެރިއާ ކޮންސުލް އޮފިސަރުންނަކީ، އޮނޮރަރީ ކޮންސުލްއިންނާ ހިލާފަށް، ވިއެނާ މުއާހަދާ ފަދަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ހިމާޔަތް ލިބިފައިވާ އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ދެވޭ މުވައްޒަފުންނެވެ.
މިހެންވެ، ކެރިއާ ކޮންސިއުލޭޓްތަކަކީ ބިދޭސީ ގައުމަކުން، އެމްބަސީއެއް ހިންގާ ނުވަތަ ނުހިންގާ ނަމަވެސް، އެ ގައުމެއްގައި އެ ބިދޭސީ ގައުމަކުން ގާއިމުކޮށްފައިވާ ރަސްމީ ޑިޕްލޮމެޓިކް ދާއިރާ ނުވަތަ "ޑިޕްލޮމެޓިކް މިޝަން"ގެ ބައެކެވެ. ބަޖެޓެއް ކަނޑައަޅައި، ރަސްމީ މުވައްޒަފުން ތިބޭ ކެރިއާ ކޮންސިއުލޭޓްތައް ހިންގަނީ ސަރުކާރުގެ "ޕްރޮޓޮކޯލް" ނުވަތަ އިޖުރާއަތްތަކާ އެއްގޮތަށެވެ. ކެރިއާ ކޮންސިއުލޭޓެއް ބިދޭސީ ސަރުކާރަކުން ގާއިމު ކުރަނީ، ފާހަގަކޮށްލެވޭ މިންވަރުގެ ވިޔަފާރިއެއް ހިނގާ، ނުވަތަ އެ ބިދޭސީ ގައުމުގެ ބޮޑު އާބާދީއެއް ދިރިއުޅޭ، ނުވަތަ ވެރިރަށް ނޫނަސް ސަރަހައްދީ ގޮތުން މުހިންމު މަރުކަޒެއް ކަމަށް ބެލެވޭ ސިޓީއެއްގައެވެ.
"ހަރްޝްއަށް ދުވަހަކު ވެސް އެމްބެސެޑަރެއްގެ މަގާމާއި ބާރު ދީފައެއް ނުވޭ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.



advertisment