Support Us

ކޮލަމް ކޯދު: ހަދީސެއްގެ މައްޗަށް ބަލައިލުމާއި އެއާ ގުޅުން ހުރި އެހެން ވާހަކައެއް

މިއަދު އެ ހަދާސެއްގެ މައްޗަށް ބަލައިލަން ގަސްދުކުރާ ހަދީސްއަކީ، ވާހަކައަކާ ގުޅޭ ހަދީސްއެކެވެ. އެ ވާހަކައިގެ ޚުލާސާއަކީ އަސްހާބު ބޭކަލުންގެ ތެރެއިން ދެ ބޭކަލެއްގެ ދެމެދުގައި ދެބަސްވުމެއް އުފެދި، އެއް ބޭކަލަކު އަނެއް ބޭކަލަކާ ދިމާއަށް ބަދު ބަހެއް ބުނުމެވެ. އެ ބަހަކީ: يابن السوداء (އޭ މިހިރަ ކަޅު އަންހެނާގެ ދަރިއާއެވެ!) މި ބަހެވެ. ދެން، އެ ވާހަކައިގައި ބުނާ ގޮތުން، ކީރިތި ރަސޫލާ ﷺ އަރިހަށް މި ހާދިސާގެ ވާހަކަ ގެންދެވުނެވެ. އެ ވަގުތު އިތުރު އެކަލޭގެފާނުން އެ ބަސް، އެ ބޭކަލެއްގެ ދުލުން ނިކުތް ބޭކަލާ ދިމާއަށް ވިދާޅުވި ކަމަށް ހަދީސް ފޮތްތަކުގައި ލިޔެފައި ވެއެވެ: إنك امرؤ فيك جاهلية (އިބައަކީ އިބަގެ ކިބައިގައި ޖާހިލީ ސިފައެއް (އެބަހީ، އިހުގެ އަޚާލީގެ ގޮތެއް ފޮތެއް ނެތް ކަމުގެ ސިފައެއް) ހުރި ބޭކަލެކެވެ.

މި ހަދީސުން ދޭހަ ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެންމެ ފުރަތަ މަކަމަކީ މީހާގެ ކުލައަކީ މީހާގެ މޮޅު ދެރަ ކަނޑައަޅާ ކަމެއް ނޫންކަމެވެ. މީހާ ދޮންވުމަކީ ނުވަތަ ކަޅުވުމަކީ ފަހަރެއްގައި ވެސް މީހާއަށް މަތީ ނުވަތަ ދަށު ދަރަޖައެއް ލިބޭ ކަމެއް ނޫންކަމެވެ. މި އުސޫލަކީ އިސްލާމީ ޖައުހަރީ އުސޫލުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއްކަން ކީރިތި ގުރުއާނުގެ ހުޖުރާތު ސޫރަތުގައި ކަނޑައެޅިފައި އޮވެއެވެ. މީހާގެ މޮޅު ދެރަކަން ގުޅިފައި އޮންނަނީ އޭނަގެ ތަގުވާވެރިކަމާއެވެ. އެކަން ކަނޑައަޅުއްވާނީ މާތް ﷲއެވެ.

ދެން، ބަލާލަންވީ މިފަދަ ސިފަ، އާދެ، ބޭރު ފުށުގެ ބައެއް ސިފަތަކަށް ބެލިގެން- އެއީ ކުލަ ވިޔަސް، ނޫނީ ރާއްޖެއާއި ރަށާއި ވަންހަ ވިޔަސް، ނޫނީ ވާހަކަދައްކާ ބަހުރުވަ ވިޔަސް، ނޫނީ މީހާގެ މަގާމާއި އިޖުތިމާއީ، އިގުތިސާދީ ހާލަތް ކަމަށް ވިޔަސް- ތިމާ އަމިއްލައަށް އެހެން މީހުންނަށް ވުރެ މާތްވެފައި ރަނގަޅު ކަމަށް ބެލުމުގެ މައްޗަށެވެ.

މި ގޮތަށް މާތްވެގަތުމުގެ ނަފްސާނީ ތަހުލީލެއް، މި ޒަމާނުގައި، އެންމެ ފުރަތަމަ ހުށަހަޅައިލި ލިޔުންތެރިންގެ ތެރޭގައި ރޫސީވިލާތުގެ ލިޔުންތެރިޔާ ފިޔޯޑޯ ޑޮސްޓުވެސްކީ ހިމެނެއެވެ. އޭނަގެ މި ކަމުގެ ތަހުލީލު ހުށަހަޅާލެވިފައި ވަނީ އޭނަގެ 'ކުރައިމް އެންޑް ޕަނިޝްމަންޓް' މި ފޮތުގައެވެ. މި ފޮތުގެ ވަރަށް ކުރު ޚުލާސާއެއް ލިޔެލާނަމެވެ.

މި ފޮތުގެ މިހުވަރީ މައުޟޫއު، ވާހަކަ އޭގެ ވަށައިގެން އެނބުރޭ މައުޟޫއު، ގުޅެނީ ރަސްކޮލްނިކޮވްގެ ޝަޚްސިއްޔަތާއެވެ. އޭނަ ގަބޫލުކުރާ ގޮތުގައި އޭނައަކީ މާތް  މޮޅު މީހެކެވެ. މި ގަބޫލުކުރުން އޭނައަށް ހުއްދަކޮށްދިނީ ދެ މީހަކު މަރާލުމަށެވެ. އާދެ، އެ ދެ މީހުންނަކީ ދެރަ ނިކަމެތިންނެވެ. އެހެންވީމާ އެ މީހުން މަރާލުމަކީ މައްސަލައެއް ނޫން ކަމުގައި އޭނަ ދުށީއެވެ.

ތިމާ މީހާއަކީ އެހެން މީހުންނަށް ވުރެ މާ މޮޅު، ދަރަޖަ މަތީ މީހެއް ކަމަށް ބެލުމުން، މެރުން ވެސް އެންމެ ރަނގަޅުވެއެވެ. ތާރީޚުގައި މިކަން ތަކުރާރުވެފައި އެބަ ހުއްޓެވެ. ޔޫރަޕުގެ މީހުންގެ އިސްތިއުމާރުގެ ދުވަސްވަރުއެވެ. އެމެރިކާއާއި އިންޑިޔާއާއި އޮސްޓްރޭލިޔާއާއި ނިޔުޒިލަންޑާ އަދި މި ނޫން ވެސް ތަންތަނުގައި މި ގޮތަށް އަމަލުކުރިއެވެ. އަދި، މިއަދު އެންމެނަށް ފެންނަ ގޮތެއްގައި ޣައްޒާގައި އެ ދަނީ އެ ޖަރީމާ ހިންގަމުންނެވެ. ނަސްލީ ގޮތުން ތިމާންމެންނަކީ މާ ދަރަޖަ މަތިވެރި ބައެއް ކަމަށް ގަބޫލުކުރުމުގެ ނުބައި ނަތީޖާއެވެ.

ކޮންމެއަކަސް، ޑޮސްޓްވެސްކީގެ ކުރައިމް އެންޑް ޕަނިޝްމަންޓުގައި، ރަސްކޮލްނިކޮވްގެ ޖަރީމާ ހިންގުމަށް ފަހު، ދެން، އޭނަގެ ނަފްސު ހާޖާނުވެ، އެ ނަފްސަށް ގެނައި ހަމަނުޖެހުމުގެ ވާހަކަތައް ބަޔާންކުރެއެވެ. އޭނަގެ ޟަމީރު އޭނައަށް އުނދަގޫކުރާ ކުރުމެވެ. ފެންނަ ކޮންމެ މީހަކީ އޭނަގެ މައްޗަށް ގަތުލުގެ ކުށް ތުހުމަތުކުރާ މީހެއްހެން އޭނައަށް ހީވިއެވެ.

މިކަމުން ރަސްކޮލްނިކޮވްއަށް ހަމަޖެހުން އަންނަނީ ސޯފިޔާއާ ބައްދަލުވެ، އޭނަގެ މައްޗަށް ރަސްކޮލްނިކޮވްގެ ހިތުގައި އުފެދޭ ލޯތްބެއްގެ ސަބަބުންނެވެ. އެ ލޯބީގެ ސަބަބުން، ސޯފިޔާގެ ބަސް ގަބޫލުކޮށް، ރަސްކޮލްނިކޮވްގެ ކުށަށް އިއުތިރާފުވެ، އޭނަ ޖަލަށްލެވި، އެ ހިސާބުން ވާހަކަ ނިމެއެވެ.

މި ވާހަކައިގައި ޑޮސްޓިވެސްކީ ފާހަގަކޮށްލަދޭން ބޭނުންވާ މުހިއްމު ދެ ނުކުތާއެއް އެބަ އޮތެވެ. ތިމާއަކީ އެހެން މީހުންނަށް ވުރެ މާ ދަރަޖަ މަތީ މީހެއްކަމަށް ގަބޫލުކުރެވިއްޖެ ނަމަ، އެކިއެކި ޖަރީމާތަކަށް އަރައިގަތުން ފަސޭހަވާކަމެވެ. ބައެއް ފަހަރު މި ގަބޫލުކުރުން މީހުން މެރުން ވެސް ހުއްދަކުރުވައެވެ. ނޫނީ އެހެން މީހުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކުރުން ވެސް ހުއްދަކުރުވައެވެ.

އަނެއްކާ ވެސް ޣައްޒާއަށް ނަޒަރު ހިންގާލާށެވެ. ގަސްދުގައި ބަނޑަށް ޖެއްސުން ވެސް ހަމަ އެންމެ ރަނގަޅުވެގެންދަނީއެވެ. ދެން، މިކަން ހުއްޓުވަން އެއްބަޔަކު ވެސް އުޅޭތަނެއް ނުފެނެއެވެ. ޚާއްސަކޮށް އެކަން ހުއްޓުވުމުގެ ބާރު އެ ބައެއްގެ އަތް މަތީގައި އޮތް މީހުންނެވެ. ހުޅަނގު ބާރުތަކާއި އިރުމަތީގެ ބާރުތަކެވެ. އަރަބިންނާއި މުސްލިމުން ވެސް މެއެވެ.

މިފަދައިން ތިމާ އަމިއްލައަށް ދަރަޖަ މަތިކޮށް އެހެން މީހުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ހިތާ ހާދިސާތައް އަހަރުމެންގެ ތެރެއިން ވެސް ފެނެއެވެ. މިދޭތެރެއިން ސަރުކާރުގެ ހޮސްޕިޓަލެއްގައި ހިނގި މިފަދަ ހާދިސާއެއް ލިޔެލާނަމެވެ.

ހިތުގެ ބަލިމީހަކު މާކުރިން އެޕޮއިންޓުމެންޓެއް ހައްދައިގެން، ދަތުރުކޮށްފައި މާލެ އައިސް، އެ ހޮސްޕިޓަލަށް ދިޔައެވެ. ދެން، އޭނާގެ ނަމްބަރު ޖެހުމުން، ހިތުގެ ޑޮކްޓަރަށް ދައްކަން ދިޔައެވެ. ޑޮކްޓަރުގެ ކޮޓަރިއަށް ވަން އިރު، އޭނަ އިނީ ފޯނު ޗެޓެއްގައެވެ. އެ ގޮތުގައި ފަނަރަވަރަކަށް މިނިޓު ހޭދަކުރުމަށް ފަހު، ބަލިމީހާގެ މޫނަށް ބަލައިލިއެވެ. އާދެ، ބަލި މީހަކީ އާދައިގެ މީހެކެވެ.

ޑޮކްޓަރަކީ އިލްމީ ގޮތުން ވަރަށް ވެސް މޮޅު ގާބިލު މީހަކަށް ވެދާނެއެވެ. ނަމަވެސް، އޭނަގެ އަނގަ ހުޅުވާލުމުން ފެނިގެން ދިޔައީ އޭނަގެ އިލްމީ ގާބިލުކަމެއް ނޫނެވެ. ހިލުމުވެރިކަމެއް ނެތް ކަމެވެ. އެއްވެސް މާތް، ރީތި އަޚުލާގެއް ނެތް ކަމެވެ. އޭނަގެ ކިބައިން ފެނުނީ މަތީގައި އޮތް ހަދީސްގައި ބަޔާންކުރެވިފައި އޮތް ޖާހިލީ ސިފައެކެވެ. އޭނަ ބަލިމީހާ ގާތު ބުނީ މިތަނަށް ތިއަންނަނީ ކީއްކުރަން ހެއްޔެވެ؟ ބޭސް ރަށުން ލިބޭނޭ ކަމެވެ. ރަށުން ބޭނުންވާ ގިނަ ބޭސް ނުލިބޭ ވާހަކައާއި ހަދަން ބޭނުން ހުރިހާ ޓެސްޓުތައް ނުހެދޭ ވާހަކަ ބުނުމުން، ރުންކުރު ކޮށްލާފައި ޑޮކްޓަރު ބުނިކަމަށް ވަނީ 'ތި ވާހަކަތަކަކީ ރައީސުލް ޖުމްހޫރިއްޔާ ގާތު ބުނަން ޖެހޭ ވާހަކަތައް' ކަމެވެ.

މީގެ އިތުރުން ވެސް ހިތުގެ މޮޅު އެ ޑޮކްޓަރުގެ ކިބައިން ޖާހިލީ ސިފަތައް ފެނުނެވެ. ޑޮކްޓަރުގެ ބަހުރުވަ ހުރި ގޮތުން ބަލިމީހާ ހަނދާން ނެތުނު އެއް ވާހަކަ ފަހުން ބުނުމުން، ޑަކްޓަރުގެ ޖަވާބަކީ ތިވާހަކަ ބުނަން އެނގުނީ އަދި ހެއްޔެވެ؟ ކުރިން ނުބުނީ ކީއްވެ ހެއްޔެވެ؟ މިހެން ބުނާ އިރު، ބަލި މީހާގެ ބަލީގެ ތާރީޚު އޭނައަށް ފެންނަން އޮންނާނެތާއެވެ. އެ ވެސް ބަލައިލުމުގެ ބޭނުމެއް އޮތް ކަމަކަށް ނުވިއެވެ.

ދެން، ހުރިހާ ކަމެއް ނިމުމުން، ކައިރީގައި އިން މީހެއް ގާތު ޑޮކްޓަރު ބުނީ، ބަލިމީހާ އޭނަގެ ޝަކުވާ ކުރާނޭ ވާހަކައެވެ. އާދެ، އޭނަ ހިންގި މި 'ޖަރީމާ' ހިންގަން މެދުވެރިވީ އޭނަގެ ދަރަޖަ މާ މަތިވެއްޖެއް ކަމަށް ހީވުމުން ކަމަށް ފެނެއެވެ. 'ޑޮކްޓަރަކަށް' ވުމުންނެވެ. އަނެކަކު އައީ ކޮންމެ ވެސް ރަށަކުން ކަމަށް ވުމުން އޭނަގެ އަގު، ޑޮކްޓަރު ގާތު ނެތުނީ ކަމަށް ފެނެއެވެ. އެހެން ވިޔަސް، ޑޮސްޓްވެސްކީ ފާހަގަކުރި ފަދައިން، ފަހުން އޭނަގެ ނަފްސު އަމިއްލައަށް ކުށްވެރިކުރާތަން ވެސް ފެނެއެވެ. 'ޝަކުވާ ކުރާނޭ' ބުނި ބުނުމުންނެވެ.

މިފަދަ ކަންކަމީ، ދެބަހެއް ވުމެއް ނޯންނާނޭ ފަދައިން، ރަނގަޅުވާން ޖެހޭ ކަންކަމެވެ. އާންމުންގެ ޚިދުމަތުގައި ތިބެނީ ހިލޭސާބަހަށް މަސައްކަތްކުރާ މީހުންނެއް ނޫނެވެ. އާންމު ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ މީހުންނެވެ. އެހެންވީމާ، ޖާހިލީ ބޭ ރަހުމީ، އަގަލު ކުޑަ، ސިފަތަކާ ދުރުވެ، ހަމަހަމަ ގޮތެއްގައި، އޯގާތެރިކަމާއެކު، އެންމެނަށް ވެސް ޚިދުމަތް ފޯރުކޮށްދޭން ދަސްކުރަން ޖެހެއެވެ.