Support Us

ހުޅަނގުގެ ބައެއް ގައުމުތަކުން އަދިވެސް ބުނަނީ ތޯލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތުމަށް ހުރަސްއެޅިފައިވަނީ އަފްޣާނިސްތާންގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށްކަމުން ކަމަށް

އިރާން، ތުރްކިޔެ އަދި ޔޫރަޕުން ވެސް ރަޝިއާ ފަހަތުން ތޯލިބާން ސަރުކާރު ބަލައިގަންފާނެ

އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރު، ދުނިޔޭގެ ދެވަނަ ސުޕަޕަވަރު ނުވަތަ ބޮޑުބާރު ކަމަށްވާ ރަޝިއާއިން މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ބަލައިގަނެ، އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަން ފުރަތަމަ ގައުމުކަމަށްވުމާއެކު ރަޝިއާގެ ފަހަތުން އިރާނާއި ތުރްކިޔެ އަދި ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރު މިހާރު ރަސްމީކޮށް ބަލައިގަންނަން ޕްރެޝަރު ބޮޑުވާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

އެމެރިކާ އާއި ހުޅަނގާ ގުޅިފައިވާ ނޭޓޯ ޖަމާއަތުގެ ސިފައިން 2021 ގައި އަފްޣާނިސްތާނުން ފޭބުމާއެކުހެން އަފްޣާނިސްތާންގެ ސަރުކާރު ހިންގަން ފެށި ތޯލިބާނުން ރަޝިއާއަށް ކަނޑައެޅި ފުރަތަމަ ސަފީރު ގުލް ހަސަން ހަސަންގެ އެމްބެސެޑަރުކަމުގެ ފަތްކޮޅު ރަޝިއާ ސަރުކާރުން ރަސްމީކޮށް ބަލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރަޝިއާއިން ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ތޯލިބާން ނެގީ މި ދިޔަ އެޕްރިލް މަހުއެވެ.

"ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި އަދި ހަކަތަ އާއި ދަތުރުފަތުރާއި އަދި ދަނޑުވެރިކަން ފަދަ އިގުތިސާދީ ދާއިރާއިން އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރާއެކު އަހަރެމެން މަސައްކަތް ކުރާނަން،" ރަޝިއާގެ އޮފިޝަލަކު ބުންޏެވެ.

އަފްޣާނިސްތާނުން ރަޝިއާއަށް ކަނޑައެޅި ފުރަތަމަ އެމްބެސެޑަރު ގުލް ހަސަން ހަސަން (ވ) ރަޝިއާގެ ހާރިޖީ ވަޒީރުގެ ނައިބު އަންޑްރޭ ރުޑެންކޯއަށް ބުރާސްފަތި ދުވަހު ފަތްކޮޅު އަރުވަނީ

ޗައިނާއިން ވެސް ތޯލިބާނާ ރުހޭކަން މިހާރު ވަނީ ހާމަކޮށްފައެވެ. އަދި ރަސްމީކޮށް ތޯލިބާން ސަރުކާރު ބަލައިނުގަތަސް ޕާކިސްތާން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި އުޒްބަކިސްތާނުން ވަނީ މިހާރު އަފްޣާނިސްތާނަށް ޑިޕްލޮމެޓުން ފޮނުވައިފައެވެ.

ރަޝިއާއާ ކުރިން ހަތުރުވެރިކަން ތޯލިބާނާ ދެމެދު އޮތް ނަމަވެސް މިހާރު ރަޝިއާއިން މި އެޅި ފިޔަވަޅަކީ "ތާރީހީ ކަމެއް" ކަމަށް އަފްޣާނިސްތާނުން ބުންޏެވެ.

"އަހަރެމެންނާއެކު ގުޅުން ގާއިމު ކުރަން ނިންމުމުން ރަޝިއާއިން އެހެން ގައުމުތަކަށް މި ދެއްކީ އެކަށީގެންވާ ނަމޫނާއެއް،" އަފްޣާނިސްތާންގެ އޮފިޝަލަކު ބުންޏެވެ.

ބައެއް ހުޅަނގުގެ ގައުމުތަކުން އަދިވެސް ބުނަމުން ދަނީ އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރު ބަލައިގަތުމަށް "ހުރަސް އެޅިފައިވަނީ އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތް ދަށްކަމުން" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *