އިސްރާއީލާ ގުޅިގެން އެމެރިކާއިން އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒަށް މި ދިޔަ މަހު ދިން ހަމަލާއިން މާ ބޮޑު ނަތީޖާއެއް ނުނެރެވުމުން އިރާނާ ދެކޮޅަށް ދަތި ކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.
އިއްޔެ ދިން އިންޒާރަކީ އިރާނުން އަދިވެސް އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމް ތަރައްގީ ކުރަމުން ގެންދާކަމުގެ ހަބަރު ލިބުމުން އެމެރިކާއަށް ލިބުނު ނުތަނަވަސްކަމުގެ ނަތީޖާ ކަމަށް ރިޕޯޓުތައް ބުންޏެވެ. އެ ގޮތުން 2015 ގައި އިރާނުން އެއްބަސްވި މިންވަރަށް ވުރެ އިތުރަށް ޔުރެނިއަމް މާއްދާ ފައްކާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުންޏެވެ.
"އިރާނުން މި މަގުން ހިނގުން ކުރިއަށް ގެންދާ ނަމަ، އިތުރު އިގުތިސާދީ ޕްރެޝަރުތައް ކުރިމަތި ކުރުމަށް އަހަރެމެން ފަހެއް ނުޖެހޭނަން،" އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު މެޓްހިއު މިލާ އިއްޔެ ބުންޏެވެ.
އެމެރިކާއިން ބުނީ ޑިޕްލޮމެޓިކް ގޮތުން އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓައި ނުލެވިދާނެ ހާލަތަކަށް ހިނގައިދައިނެތީ އިރާނަށް "އަދަބު ދިނުމުގެ ފިޔަވަޅުތަކެއް ޔޫރަޕްގެ އެކުވެރިންނާ ގުޅިގެން ވިލަރެސް ކުރަމުންދާ" ކަމަށެވެ.
އެމެރިކާއިން މި ގޮތަށް އިންޒާރު ދިނީ، އިރާނުން ފައްކާ ކުރަމުން އަންނަ ޔުރެނިއަމް މާއްދާގެ ސްޓޮކްތައް އިތުރު ކުރަމުން އަންނަ ކަމަށާއި ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އިރާނަށް ދާދި އަވަހަށް ލިބިދާނެ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ)އިން އިންޒާރު ދިނުމާ ގުޅިގެންނެވެ.
އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒު ކަމަށްވާ ފުރުދޫ، ނާތާންޒު އަދި އިސްފަހާނަށް ހަމަލާ ދިނުމާ ގުޅިގެން، އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ އެއްވެސް މަރުކަޒެއް ބަލައި ފާސް ކުރުމުގެ ހުއްދަ ނުދޭން އިރާންގެ ޕާލަމަންޓުން މިހާރު ވަނީ ފާސްކޮށްފައެވެ.
ތިން މަރުކަޒަށް ދިނީ އެހާ ކާމިޔާބު ހަމަލާތަކެއް ކަމަށް ނުވުމުން އިސްރާއީލުން މިހާރު ދަނީ ފުރުދޫއަށް އަލުން ހަމަލާ ދޭން ތައްޔާރު ވަމުން ކަމަށާއި މި ހަމަލާ ދޭނީ އެމެރިކާގެ އެހީގައި ކަމަށް ބެލެވޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓު ކުރިއެވެ.
އެމެރިކާގެ ރައީސް ކަމުގައި މިހާރު ހުންނެވީ ޑޮނަލްޑް ޓްރަމްޕް ކަމަށްވާއިރު، އޭނާ ވަނީ ކުރީގެ ރައީސް ޖޯ ބައިޑެން އިރާނާމެދު ގެންގުޅުއްވި ލުއިފަސޭހަ ގޮތްތައް ދޫކޮށްލައްވައިފައެވެ. އެ ގޮތުން، ބައިނަލްއަގުވާމީ ދުނިޔެއާ އިރާނުން ހެދި ނިއުކްލިއަ މުއާހަދާއިން ޓްރަމްޕް އެމެރިކާ ބޭރުކޮށްލައްވައި، އެންމެ ފަހުން އިސްރާއީލާ ގުޅިގެން އިރާނަށް ހަމަލާ ދިނީއެވެ.
ޣައްޒާ ހަނގުރާމަ އަދިވެސް ކުރިއަށް ދާތީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެފައިވަނީ އިސްރާއީލާ ގުޅިގެން އެމެރިކާއިން އިރާނަށް ހަމަލާ ދިނުމުންނެވެ.



advertisment