Support Us

ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި މަރުވި ދެ އަންހެން ދަރިންގެ ތެރެއިން އެއް ދަރިފުޅުގެ ހަށިގަނޑު އަތަށް ލައިގެން އަބްދުލް ހާދީ ބަޝީރު ރޮނީ

އެމެރިކާގެ ސުލްހައިގެ ޕްލޭނަށް "ރަނގަޅު ގޮތަކަށް އެއްބާރުލުން ދޭނަން": ހަމާސް

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ރޭވުމަށް "ރަނގަޅު ގޮތަކަށް އެއްބާރުލުން ދޭނެ" ކަމަށް ހަމާސްއިން މިއަދު ބުނެފިއެވެ.

މިހާރު 21 މަސް ވެފައިވާ ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅި މި އާ ޕްލޭންގައިވާ ކަންތައްތަކާ މަޝްވަރާ ކުރުމަށް "ސީރިއަސްކޮށް ވާހަކަ ދެއްކުމަށް ތައްޔާރު" ކަމަށް ހަމާސްއިން ބުނެފި ކަމަށް، ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކުގައި ބައިވެރިވާ ގަތަރާއި މިސްރު މެދުވެރިކޮށް ހަމާސްއިން ދިން ބަޔާނެއްގައި ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ކަމަށް މަރުހަބާ ވިދާޅުވިއެވެ.

"އެ މީހުން އަހަރެންނަށް ދިނީ ރަނގަޅު ޖަވާބެއްތަ؟ އެހެންވީއިރު އެއީ ރަނގަޅު ގޮތެއް،" ޓްރަމްޕް ވިދާޅުވި ކަމަށް އަލް ޖަޒީރާއިން ރިޕޯޓު ކުރިއެވެ.

މި ޕްލޭނަށް އިސްރާއީލުން އަދި ވަކި ޖަވާބެއް ނުދޭ ކަމަށް އަލް ޖަޒީރާއިން ބުންޏެވެ.

މި ރޭވުމުގައި ވަނީ ދެ މަސް ދުވަހަށް ޣައްޒާ ހަނގުރާމަ މެދުކަނޑައިލައި، ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީން ވަކި މަރުހަލާތަކެއްގެ ދަށުން ދޫކޮށްލައި، ޣައްޒާއަށް އެހީ ދިނުމަށް އިސްރާއީލުން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތައިލައި އަދި ޣައްޒާއަށް ދާއިމީ ސުލްހަ ގެނައުމަށް ވާހަކަތައް ފެށުމެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ގައުމުތަކުން މިހާރު އަންނަނީ އެމެރިކާގެ މި ޕްލޭންގައިވާ ކަންތައްތައް ތަފުސީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މި ޕްލޭން ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދު އެކަނިވެސް ވަނީ މަދުވެގެން 42 މީހުން ޝަހީދުކޮށްލައިފައެވެ.

"އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ކާބޯތަކެތި ފޯރުކޮށްދޭ މަރުކަޒުތަކަށް އެއްވާ މީހުން ހަލަބޮލިވުމުން އިސްރާއީލު ސިފައިން އަނެއްކާވެސް ދަނީ ބަޑިޖަހަމުން،" ޣައްޒާގެ ސިއްހީ އޮފިޝަލަކު ބުންޏެވެ.

ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 57،000 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާއިރު މިނިވަން ދިރާސާތަކުން ދައްކާ ގޮތުގައި ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 84،000 މީހުން ޝަހީދުކޮށްލައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *