Support Us

ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޝެހެޒާދު ފައިސަލް ބިން ފަރްހާން އަލް ސައުދު

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އިސްތިގުލާލު ގާއިމު ކުރުމާ ސައުދީން ދެކޮޅު

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އިސްތިގުލާލު ގާއިމު ކުރަން އިސްރާއީލުގެ ކެބިނެޓް ފެންވަރުގައި ގޮވައިލުމުން އެ ކަމާ ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށް ސައުދީ އަރަބިއްޔާއިން މިއަދު ބުނެފިއެވެ.

"ފަލަސްތީންގެ އެއްވެސް ބިމެއްގައި އިސްރާއީލުގެ އިސްތިގުލާލު ގާއިމު ކުރަން އަހަރެމެން ދެކޮޅު،" ސައުދީ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެވުޒާރާއިން ބުނީ މި ފަދަ ހުށަހެޅުމަކީ "ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް" ކަމަށެވެ.

"އަހަރެމެން އަބަދުވެސް ތާއީދު ކުރާނީ އދ.އިން ފަލަސްތީނަށް ދީފައިވާ ހައްގުތަކަށާއި 2002 ގައި ސައުދީން ހުށަހެޅި 'އަރަބް ޕީސް އިނިޝިއެޓިވް’އަށް،" ބަޔާނުގައި ބުންޏެވެ.

ދިހަ ޖުމްލައިގެ މި އިނިޝިއެޓިވްގައި ބުނެފައިވަނީ އިސްރާއީލުން ހިފައިފައިވާ މެދުއިރުމަތީގެ ހުރިހާ ބިމަކުން ފައިބައިފި ނަމަ އިސްރާއީލުގެ މިނިވަން ދައުލަތެއް ބަލައިގަންނާނެ ކަމަށެވެ. އެ ގޮތުން މި އިނިޝިއެޓިވްގައި ސައުދީން ގޮވައިލައިފައިވަނީ ފަލަސްތީންގެ ހުޅަނގު އައްސޭރި އާއި ޣައްޒާގެ އިތުރުން ސޫރިޔާގެ ޖޫލާން އުސް ބިންތަކާއި ލުބްނާނުން ފޭބުމަށް ފަހު އިރުމަތީ ގުދުސް ފަލަސްތީންގެ ވެރިރަށް ކަމަށް ހަމަޖައްސައި، ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށެވެ. އެއީ 1967 ގައި އޮތް ބޯޑަރުތަކަށް އިހްތިރާމް ކުރާ ހާލަތުގައެވެ.

މި ބަޔާނުން ދޭހަވަނީ ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމު ނުވާހާ ހިނދަކު އިސްރާއީލާ ގުޅުން ނުބާއްވާނެ ކަމަށް ސައުދީން އަބަދުވެސް ބުނާ ބުނުމުގައި އަދިވެސް ހިފަހައްޓަމުން އަންނަ ކަމެވެ. މި ބަޔާން ސައުދީން މި ނެރުނީ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ޔަހޫދީން ވަޒަންވެރި ކުރުވަން އިސްރާއީލުން ކުރާ މަސައްކަތް ފުޅާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ހަމާސް އާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމު ނުކުރެވިގެން އުޅޭ ވަގުތެއްގައި ވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *