Support Us

ރިޗަޑް ޖެރަލްޑް ޖޯޑަން އަދި އޭނާ ވަގަށް ނަގައި މަރައިލި އެޑްވީނާ މާޓާ (ވަކި ފޮޓޯގައި)

ހުކުމް ކުރިތާ ބައި ގަރުނު ފަހުން ކުރީގެ ސިފައިންގެ މީހަކަށް މަރުގެ އަދަބު

ހުކުމް ކުރިތާ ގާތްގަނޑަކަށް 50 އަހަރު ފަހުން އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކަށް މަރުގެ އަދަބު ދީފިއެވެ. އުމުރުން 79 އަހަރުގެ ރިޗަޑް ޖެރަލްޑް ޖޯޑަން ވެގެން މި ދިޔައީ މިސިސިޕީ ސްޓޭޓްގައި މަރުގެ ހުކުމް ކޮށްފައި، އެ ކަން ތަންފީޒު ނުކޮށް އެންމެ ގިނަ ދުވަހަށް ދިގުލައިގެން ދިޔަ ކުށްވެރިޔާއަށެވެ.

ވިއެޓްނާމް ހަނގުރައިމައިގައި ބައިވެރިވެ، އެ ކަމުގެ ސަބަބުން ސީރިއަސް ނަފުސާނީ ބައްޔެއް ކަމަށްވާ ޕޯސްޓް ޓްރޯމަޓިކް ސްޓްރެސް ޑިސްއޯޑާ (ޕީ.ޓީ.އެސް.ޑީ)އާ ކުރިމަތިލާން ޖެހިފައިވާ ރިޗަޑް ވަނީ 1975 ގައި އެމެރިކާއިން ވިއެޓްނާމުން ފޭބިތާ އެއް އަހަރު ފަހުން، ބޭންކުން ލޯނު ދޭ އޮފިސަރެއްގެ އަންހެނުން ކަމަށްވާ އެޑްވީނާ މާޓާ ވަގަށް ނަގައި، އޭނާ މަރައިލައިފައެވެ. މި ހާދިސާއަކީ ދުރައިލައި ވަރަށް ބޮޑަށް ރާވައިގެން އެޑްވީނާގެ އާއިލާގެ އަތުން "ރެންސަމް" ފައިސާ ހޯދަން ވެގެން ރިޗަޑް ހިންގި ވަރަށް އަނިޔާވެރި ރޭވުމެއް ކަމަށް ވަނީ ސާބިތުވެފައެވެ.

ނަފުސާނީ ގޮތުން އަދިވެސް ރަނގަޅު ނޫން ކަމަށް އޭނާގެ ދިފާއުގައި ވަކާލާތު ކުރާ މީހުން ބުނަމުން އައި ނަމަވެސް ރިޗަޑްއަށް މަރުގެ ހުކުމް ތަންފީޒު ކުރީ ވިހަ އިންޖެކްޝަން ޖަހައިގެން، އެމެރިކާ ގަޑިން އިއްޔެ 6:16 ގައެވެ.

"ރިޗަޑްއަށް މާ ކުރިން ވެސް މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ،" އެޑްވީނާގެ ފިރިހެން ދަރިފުޅު އެރިކް، އެސޯސިއޭޓަޑް ޕްރެސް (އޭ.ޕީ)އަށް ބުންޏެވެ.

އޭނާ ބުނީ އޭނާގެ އުމުރުން 11 އަހަރުގައި މަންމަ މަރައިލުމުގެ ހާދިސާ ހިނގައިފައިވާއިރު ރިޗަޑް އޭނާގެ މަންމަ މަރައިލީ ރިޗަޑްއަށް އޮޅުންގަނޑެއްގެ ތެރޭގައި ހުރެގެން ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ.

"އޭނާއަށް ބޭނުންވާނީ އަދަބު ލިބުން،" އެރިކް ބުންޏެވެ.

މިސިސިޕީ ސްޓޭޓްގައި ވޭތުވެދިޔަ ދަހަރުގައި ތިންވަނައަށް މި ތަންފީޒު ކުރި މަރުގެ ހުކުމް، އެންމެ ފަހުން ރިޗަޑްގެ މައްޗަށް ތަންފީޒުކުރީ، ހަނގުރާމައިން ކުރިމަތިވި ނަފުސާނީ މައްސަލަތަކާ ހުރެ އޭނާއަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އެދި ކުރި އިސްތިއުނާފާ ސުޕްރީމް ކޯޓުން އިއްޔެ މެންދުރު ފަހު ދެކޮޅުހެދުމުންނެވެ. އޭނާގެ އިސްތިއުނާފު ބޭރުކޮށްލަން އެންމެ ފަހު ވަގުތު އެ ކޯޓުން ނިންމީ ކީއްވެކަމުގެ ތަފުސީލީ ކޮމެންޓެއް ފަނޑިޔާރު ދީފައެއް ނުވެއެވެ.

މިސިސިޕީގެ ސުޕްރީމް ކޯޓުގައި ހުރި 1976 ވަނަ އަހަރުގެ ލިޔެކިޔުންތަކުގައި ބުނެފައިވާ ގޮތުގައި ރިޗަޑް ވަނީ އެޑްވީނާގެ ފިރިމީހާ ޗާލްސް މަސައްކަތްކުރި ބޭންކަށް ގުޅައިފައެވެ. އަދި ލޯން ދޭ އޮފިސަރަކާ ވާހަކަ ދައްކަން ބޭނުން ކަމަށް ބުނުމުން ބޭންކުން ބުނީ ރިޗަޑްއާ ވާހަކަ ދައްކަން އެ ވަގުތު ހުސްކޮށް ހުރީ ޗާލްސް ކަމަށާއި ނަމަވެސް ޗާލްސްއާ ވާހަކަ ނުދައްކާ ރިޗަޑް ވަގުތުން ފޯނު ކަނޑައިލި ކަމަށާއި އެއަށްފަހު ޗާލްސް ދިރިއުޅޭ ގޭގެ އެޑްރެސް ޓެލެފޯން ޑިރެކްޓްރީއަކުން ހޯދައި، ޗާލްސްގެ އަންހެނުން އެޑްވީނާ ކިޑްނެޕްކޮށްގެން ގެންގޮސް މަރައިލީ ކަމަށެވެ.

ކޯޓުގެ ޑޮކިއުމެންޓްތަކުން ބުނެފައިވަނީ ރިޗަޑް، އެޑްވީނާ ގެންދިޔައީ ޖަންގައްޔަކަށް ކަމަށެވެ. ދެން އެޑްވީނާގެ ގަޔަށް ބަޑިޖަހައި، އޭނާ މަރައިލައި، ޗާލްސްއަށް ފޯންކޮށްފައި އެޑްވީނާ ސަލާމަތުން ހުރި ކަމަށް ބުނެ، 25،000 ޑޮލަރު (385،125ރ.) ދޭން އެދުނު ކަމަށެވެ.

ޗާލްސް އާއި ދެ ފިރިހެން ދަރިން ރިޗަޑްއަށް މަރުގެ ހުކުމް ތަންފީޒުކުރި ތަނަކަށް ހާޒިރެއް ނުވިއެވެ. އެ ތަނަށް ދާނީ އާއިލާގެ އެހެން މެންބަރުން ކަމަށް، ކަމާ ބެހޭ ފަރާތްތަކަށް އެރިކް ވަނީ ކުރިން އަންގައިފައެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން 1970 ގެ އަހަރުތަކުގެ ތެރޭގައި ހުކުމްކޮށްފައި ތިބި 22 މީހުން މި އަހަރު ފެށުނުއިރު ތިއްބެވެ. ރިޗަޑްއަކީ އޭގެ ތެރެއިން އެކަކެވެ.

ވޭތުވެދިޔަ ފަސް ވަރަކަށް ދަހަރު ތެރޭގައި އޭނާއަށް ހަތަރު ޝަރީއަތް ހިންގިއެވެ. އަދި އެތައް ފަހަރަކު އޭނާގެ މައްސަލަ ވަނީ އިސްތިއުނާފު ކޮށްފައެވެ.

ރިޗަޑްގެ ޝަރީއަތްތަކުގައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ބުނެ ހުށަހަޅައިފައިވާ ޕެޓިޝަނެއް ސުޕްރީމް ކޯޓުން ހޯމަ ދުވަހު ބޭރުކޮށްލިއެވެ.

"ގާނޫނުގެ ދަށުން އޭނާއަށް ލިބިދޭން ޖެހޭ ހައްގެއް ކަމަށްވާ، ޝަރީއަތުގައި ބައިވެރިވުމެއް ނެތި އޭނާގެ ދިފާއުގައި މަސައްކަތް ކޮށްދެވިދާނެ ފަދަ މިނިވަން ނަފުސާނީ ޑޮކްޓަރެއްގެ ސިއްހީ ހިދުމަތް އޭނާއަށް ދުވަހަކު ވެސް ދީފައެއް ނުވޭ. މިހެންވެ ރިޗަޑް ވިއެޓްނާމް ހަނގުރައިމައިގައި ތަހައްމަލުކުރި ވޭނީ ތަޖުރިބާތަކުގެ މައުލޫމާތު ޝަރީއަތްތަކުގައި ބައިވެރިވި ޖޫރީ މެންބަރުންނަށް ލިބިފައެއް ނުވޭ،" ރިޗަޑްގެ ގާނޫނީ ވަކީލެއް ކަމަށްވާ ކްރިސީ ނޮބައިލް ބުންޏެވެ.

ދާދި ފަހުން މިސިސިޕީގެ ގަވަރުނަރު ޓޭޓް ރީވްސްއަށް ހުށަހެޅި ޕެޓިޝަނެއްގައި ވަނީ ކްރިސީ ފާޅުކުރި ހިޔާލާ އެއްގޮތް ކަންތައްތަކެއް ހުށަހަޅައިފައެވެ. އެއީ ޖެހިޖެހިގެން ތިން ބުރަށް ވިއެޓްނާމަށް ރިޗަޑް ފޮނުވައިލުމުން ޕީ.ޓީ.އެސް.ޑީގެ މައްސަލަ ވަރަށް ސީރިއަސް މިންވަރަކަށް އޭނާގެ ސިކުނޑިއަށް ކޮށްފައިވާ ކަމަށާއި މިއީ އޭނާ ކުށް ކުރަން ދިމާވި ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ.

"ހަނގުރައިމައިގައި އޭނާ ފޯރުކޮށްދިން ހިދުމަތާއި އެ ހަނގުރާމައިން އޭނާއަށް ލިބުނު ނަފުސާނީ ގެއްލުމުގެ މައްސަލައަށް އޭނާގެ ޝަރީއަތުގައި ބަލައިފައެއް ނުވޭ،" ރިޗަޑްގެ ފަރާތުން ހުށަހެޅި އެ ޕެޓިޝަން ލިޔުނު، އަސްކަރީ އިންސާފާ ބެހޭ ގައުމީ މުއައްސަސާގެ ރައީސް ފްރޭންކްލިން ރޮސަންބްލެޓް ބުންޏެވެ.

އޭނާ ބުނީ މީގެ 10 އަހަރު ކުރިއަށްވުރެ މިހާރު އެނގޭ މައުލޫމާތު އިތުރު ކަމަށެވެ.

"ވިއެޓްނާމް ހަނގުރައިމައިގައި ވެސް ހަމަ ކަށަވަރުން އެތައް ކަމެއް އެނގިގެން ދިޔަ. މި ބުނީ، ހަނގުރައިމައިން ލިބޭ ނަފުސާނީ ގެއްލުން ސިކުނޑިއަށް ކުރާ މިންވަރާއި އަދި ހަނގުރާމައަށް ފަހު އާދައިގެ ދިރިއުޅުމަކަށް ރުޖޫއަވުމުން ވެސް ހަނގުރާމައެއްގައި ބައިވެރިވެފައިވާ ކުރީގެ ސިފައިންގެ މީހަކަށް ނަފުސާނީ ގޮތުން ކުރަމުންދާ އަސަރު،" ފްރޭންކްލިން ބުންޏެވެ.

އެކަމަކު މި ވާހަކަ "ނުގަންނާނެ" ކަމަށް އެރިކް ބުންޏެވެ.

"އަހަރެންނަށް އެނގޭ ރިޗަޑް ކުރި ކަންތައް. އޭނާ ބޭނުންވީ ފައިސާ. އަދި އަހަރެންގެ މަންމަ ގެންދެވޭނެ ގޮތެއް އޭނާއަކަށް ނެތް. ދެން އޭނާ ކުރީ އޭނާ އެ ކުރި ކަމެއް،" އެރިކް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *