އިސްރާއީލުން އަރައިފައިވާ ހުޅަނގު އައްސޭރި ހިފުމަށް ކެހިވެރި ގޮތަކަށް ރާވަމުންދާ ކަމަށް ފަލަސްތީންގެ ހާރިޖިއްޔާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި ހަމަލާތަކާއި އަނިޔާވެރިކަން އުފައްދައި، އެ ކަން އުޒުރަކަށް ހަދައިގެން ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ.
ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ނާބްލުސްގައި ހުންނަ ފައިސާ މާރުކުރާ ތަންތަނަށް އިސްރާއީލު ސިފައިން އަސްލު ވަޒަނާއި ކަރުނަ ގޭސް ބޭނުންކޮށްގެން ހަމަލާ ދީ، އެކަކު މަރައިލައި، 30 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލުމާ ގުޅިގެން، ފަލަސްތީންގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި އެމެރިކާ އަދި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލީ ނަސްލު ނައްތައިލުމާއި މީހުން ގެދޮރުން ނެރެލުމާއި އަދި ހުޅަނގު އައްސޭރި ހިފުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.
މި މަހު އިސްރާއީލުން ތައާރަފުކުރި ސިޔާސަތްތަކުގެ ތެރޭގައި ހިމެނޭ ބިން ރަޖިސްޓްރީ ކޮށްދިނުން ކޮންޓްރޯލް ކުރުމާއި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރީ އިދާރީ ހިންގުމެއްގެ ބަދަލުގައި މަދަނީ އިދާރީ ހިންގުމެއް ހިންގުމަކީ ރަސްމީ ގޮތުން އިއުލާން ނުކޮށް، ނުރަސްމީކޮށް ހުޅަނގު އައްސޭރި ހިފަން އިސްރާއީލުންކުރާ ކަމެއް ކަމަށް ފަލަސްތީން ހާރިޖިއްޔާއިން ބުންޏެވެ.
"މިއީ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ގަސްދުގައި ނައްތައިލައި، ފަލަސްތީންގެ ބިމުގައި ފަލަސްތީން ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ރަށްވެހިން ކަމަށް ހަދަން އިސްރާއީލުން ގަސްދުގައިކުރާ ކަމެއް،" އިންޒާރު ދިނުމުގެ ގޮތުން ފަލަސްތީންގެ އޮފިޝަލެއް ބުންޏެވެ.
ނާބްލުސްގެ ފައިސާ މާރުކުރާ ވިޔަފާރިތަކަށް ރެއިޑްތައް ޖެހީ އެ ތަންތަނުން ޓެރަރިޒަމަށް ފައިސާ ހަރަދުކުރާ ކަމަށް ތުހުމަތުކޮށްފައި ކަމަށް ވިއަސް އެ ތުހުމަތުތަކަށް ހެކި ދައްކައިފައި ނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.
މި ރެއިޑްތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި މެދުއިރުމަތީގެ ހަމަޖެހުން ނަގައިލަފާނެ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.
ރެއިޑްތަކާ ބެހޭ ގޮތުން އިސްރާއީލުގެ ފުލުހުންނާއި އަސްކަރިއްޔާއިން ރަސްމީ ބަޔާނެއް ނުނެރުނަސް ނަން ހާމަ ނުކޮށް އިސްރާއީލުގެ ސިފައިންގެ މީހަކު އިސްރާއީލުގެ މީޑިއާއަށް ބުނީ ރެއިޑްތަކުން ހޯދުނު މައުލޫމާތު މިއަދުގެ ވަގުތެއްގައި ފަހުން ހާމަ ކުރާނެ ކަމަށެވެ.
"ފައިސާ މާރުކުރާ ފިހާރަތަކުން ބުނީ އެއްވެސް ބާވަތެއްގެ ހެއްކެއް އިސްރާއީލު އަސްކަރިއްޔާއިން ހުށަނާޅާ ކަމަށް،" އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.
މިއީ ޣައްޒާ ހަނގުރާމަ ފެށި ފަހުން މި ފަދަ ރެއިޑްތައް ޖެހި ހަތަރު ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ރެއިޑް ޖެހީ 2023 ގެ ޑިސެމްބަރުގައެވެ. އެ ފަހަރު ފައިސާ މާރުކުރާ ފަސް ތަނެއް ރެއިޑްކޮށް ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) އަތުލައިފައިވެއެވެ. އޭގެ ފަހުން މި ދިޔަ އަހަރު އޮގަސްޓް އަދި ސެޕްޓެމްބަރުގައި ވެސް ރެއިޑްތައް ޖަހައިފައިވެއެވެ.



advertisment