Support Us

"މައްކާ ރޫޓް އިނިޝިއެޓިވް"އިން މިލިއަނެއްހާ ހައްޖާޖީންނަށް ހިދުމަތް ދީފި

ރާއްޖެ ވެސް ބައިވެރިކޮށްފައިވާ "މައްކާ ރޫޓް އިނިޝިއެޓިވް" ޕްރޮގްރާމް 2017 ގައި ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން ފެށި ފަހުން މިހާތަނަށް ސައުދީ ނޫން އެހެން ގައުމުތަކުގެ މިލިއަނެއްހާ ހައްޖާޖީންނަށް ހައްޖުގެ ދަތުރު ފަސޭހަކޮށްދިނުމުގެ ހިދުމަތް ދީފިއެވެ.

މި ޕްރޮގްރާމްގެ ހަތްވަނަ އަހަރު މިހާރު ފާހަގަކުރަމުން އަންނައިރު މި ޕްރޮގްރާމްގެ ތާރީހީ ކާމިޔާބުން ދައްކުވައިދެނީ ސައުދީގެ ކުރިއަރައިފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި ހުނަރު ހުރި މުވައްޒަފުން، ހައްޖާޖީންނަށް ހައްޖުވުމުގެ ފަސޭހަ ތަޖުރިބާއެއް ފޯރުކޮށްދެމުން އަންނަ ގޮތް ކަމަށް ސައުދީ ސަރުކާރުގެ ނޫސް އެޖެންސީ، ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ)އިން ރިޕޯޓުކުރިއެވެ.

"މި ޕްރޮގްރާމުން ހައްޖާޖީންނަށް ފޯރުކޮށްދެނީ ލާމަސީލު ދީނީ، ސަގާފީ އަދި ރޫހީ ދަތުރެއް. މި ދަތުރު ފެށެނީ ހައްޖުވެރިންގެ ގައުމުތަކުގެ ވައިގެ ބަނދަރުން ފުރައިގެން މަދީނާގެ ޝެހެޒާދު މުހައްމަދު ބިން އަބްދުލްއަޒީޒު ބައިނަލްއަގުވާމީ ވައިގެ ބަނދަރު އަދި ޖިއްދާގެ ރަސްގެފާނު އަބްދުލްއަޒީޒް ވައިގެ ބަނދަރަށް. މި ކަން ފަހިކޮށްދެނީ މި ހިދުމަތާ ގުޅިފައިވާ ބައިވެރިންނާއި ހިދުމަތް ދޭ ފަރާތްތަކުން 24 ގަޑިއިރު ގުޅިގެން ހިދުމަތް ދޭތީ،" އެސް.ޕީ.އޭއިން ބުންޏެވެ.

މައްކާ ރޫޓް އިނިޝިއެޓިވް މި އަހަރު އޮޕަރޭޓް ކުރަނީ ހަތް ގައުމެއްގެ 11 އެއާޕޯޓުންނެވެ. އެއީ މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަނގްލަދޭޝް، މަޣްރިބް ކަރަ، ތުރްކިޔެ އަދި ކޯޓް ޑިވާރްއެވެ.

މި ޕްރޮގްރާމް 2017 (1438ހ.) ގައި ސައުދީގެ ދާހިލީ ވުޒާރާއިން ފެށީ "ޕިލްގްރިމް އެކްސްޕީރިއެންސް ޕްރޮގްރާމް" ("ހައްޖާޖީންގެ ތަޖުރިބާ މަޝްރޫއު")ގެ ނަމުގައެވެ. މިއީ ސައުދީގެ "ވިޝަން 2030″ ނުވަތަ 2030 ވަނަ އަހަރުގެ ތަރައްގީގައި ހިމަނާފައިވާ އަސާސީ ތަސައްވުރެކެވެ. މި ޕްރޮގްރާމް ފެށީ މެލޭޝިއާއިންނެވެ. އެއީ 1،692 ހައްޖުވެރިންނާއެކުއެވެ.

ޕްރޮގްރާމް ދެން ގެންދިޔައީ ފުޅާކުރަމުންނެވެ. އެ ގޮތުން 2018 (1439ހ.)ގައި މެލޭޝިއާ އަދި އިންޑޮނޭޝިއާ ބައިވެރިކުރިއެވެ. އެއީ 103،057 ހައްޖާޖީންނެވެ. އެއަށް ފަހު 2019 (1440ހ.)ގައި މެލޭޝިއާ އަދި އިންޑޮނޭޝިއާގެ އިތުރުން ޕާކިސްތާން، ބަނގްލަދޭޝް އަދި ތޫނިސް ހިމެނިއެވެ. އެއީ 171،919 ހައްޖުވެރިންނެވެ.

މަޣްރިބް ކަރައިން މައްކާ ރޫޓް އިނިޝިއެޓިވްގައި ބައިވެރިވީ 2022 (1443ހ.)ގައެވެ. އެ ފަހަރު ވެސް މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ބަނގްލަދޭޝް ބައިވެރިވިއެވެ. އެއީ މުޅިއެކު 98،816 ހައްޖުވެރިންނެވެ. އޭގެ ފަހުން 2023 (1444ހ.)އާ ހަމައަށް އައި އިރު މި ޕްރޮގްރާމްގައި މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަނގްލަދޭޝް، މަޣްރިބް ކަރަ، ތުރްކިޔެ އަދި ކޯޓް ޑިވާރުން 242،272 ހައްޖުވެރިން ބައިވެރިވިއެވެ.

މި ދިޔަ އަހަރު (1445ހ.) މި ހަތް ގައުމުން ވަނީ 322،901 ހައްޖުވެރިން ބައިވެރިވެފައެވެ. އެހެންކަމުން މައްކާ ރޫޓް އިނިޝިއެޓިވް ފެށި ފަހުން މި ޕްރޮގްރާމުގެ ހިދުމަތް މިހާތަނަށްވަނީ ޖުމުލަ 940،657 ހައްޖުވެރިންނަށް ފޯރުކޮށްދެވިފައެވެ.

މި ޕްރޮގްރާމުން ހައްޖާޖީންގެ ގައުމުތަކުގައި ހައްޖުގެ ދަތުރުގެ ކަންތައްތައް ފަސޭހަކޮށްދެއެވެ. މީގެ ތެރޭގައި ބަޔޯމެޓްރިކް މައުލޫމާތު އެއްކުރުން، އިލެކްޓްރޯނިކް ހައްޖު ވިސާ ދޫކުރުން އަދި އެ ގައުމުތަކުގެ އެއާޕޯޓުތަކުގައި ޕާސްޕޯޓް ކޮންޓްރޯލްގެ އިޖުރާއަތްތައް ފަސޭހަކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ހައްޖާޖީންގެ ސިއްހީ އިޖުރާއަތްތައް ފުރިހަމަކުރުމާއި ސައުދީގައި ތިބޭ ތަންތަނާއި ހޮޓާތަކަށް ގެންދިއުމަށް ލަގެޖް ޓެގްކުރުމާއި އެ ތަކެތި ވަކި ކުރުން ހިމެނެއެވެ. އަދި މައްކާ އާއި މަދީނާގައި ތިބޭ ތަންތަނާއި ހޮޓާތަކަށް ކަނޑައަޅައިފައިވާ މަގުތަކުން ދަތުރުކުރުމަށް ބަސްތަކަށް ސީދާ ގެންދިއުން ވެސް ހިމެނެއެވެ. ހައްޖުވެރިން ތިބޭ ތަންތަނާއި ހޮޓާތަކަށް އެ މީހުންގެ ދާގީނާ ގެންގޮސްދެނީ މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޕާޓްނާ އެޖެންސީތަކުންނެވެ.

ސައުދީގެ ދާހިލީ ވުޒާރާއިން ތައާރަފުކުރި މައްކާ ރޫޓް އިނިޝިއެޓިވްގައި ބައިވެރިވެފައިވާ ސައުދީގެ ރަސްމީ އިދާރާތަކަކީ ހާރިޖިއްޔާ، ހައްޖާއި އުމްރާއާ ބެހޭ ވުޒާރާ، ސިއްހީ ވުޒާރާ، މީޑިއާއާ ބެހޭ ވުޒާރާ، މަދަނީ އުދުހުންތަކާ ބެހޭ އާއްމު އިދާރާ، ޒަކާތާ ބެހޭ ވުޒާރާ، ޓެކުހާއި ކަސްޓަމްސްއާ ބެހޭ އިދާރާ، ސައުދީގެ ޑޭޓާ އަދި އޭ.އި އިދާރާ، އައުގާފާ ބެހޭ އާއްމު އިދާރާ، "ހައްޖުވެރިންގެ ތަޖުރިބާ މަޝްރޫއު" ނުވަތަ "ޕިލްގްރިމް އެކްސްޕީރިއެންސް ޕްރޮގްރާމް" އަދި ޕާސްޕޯޓްތަކާ ބެހޭ ޖެނެރަލް ޑިރެކްޓަރެޓްއެވެ. މި ހުރިހާ އިދާރާތަކުގެ އަމާޒަކީ ހައްޖުވެރިންނަށް ހައްޖަކީ ފަސޭހަކަމާއެކު ފުރިހަމަކޮށްލެވޭނެ އަޅުކަމަކަށް ހެދުންކަމަށް އެސް.ޕީ.އޭއިން ބުންޏެވެ.

"ހައްޖުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު އެ މީހުންނަށް ސިކުނޑީގެ ހަމަޖެހުމާއެކު ހައްޖުވުމަށާއި އެ މީހުންގެ އަމިއްލަ ގައުމުތަކުގައި ހައްޖު ދަތުރާ ގުޅޭ އަސާސީ އިޖުރާއަތްތައް ފުރިހަމަކޮށް، މައްކާއަށް ދަތުރުކުރުމުގެ އަމާޒު ފުރިހަމަކުރުމުގައި މައްކާ ރޫޓް އިނިޝިއެޓިވް ކުރިއަށްގެންދާނެ،" އެ ނޫސް އެޖެންސީން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *