ޣައްޒާގެ 77 ޕަސެންޓް ބިން މިހާރު އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފިކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.
"ފަލަސްތީން ނަސްލު ނައްތައިލުން އިސްރާއީލު ސަރުކާރުން އަދިވެސް ގެންދަނީ ކުރިއަށް. ބައިނަލްއަގުވާމީ ހުރިހާ ގާނޫނެއް އިސްރާއީލުން މުގުރަމުންދާދިއުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އެޅުމަށް ގޮވައިލަން،" އެ އިދާރާއިން ބުންޏެވެ.
ޣައްޒާގެ ބައެއް ސަރަހައްދުތަކަކީ "ރައްކާތެރި ތަންތަން"ކަމަށް އިސްރާއީލުން ކަނޑައެޅިއަސް، އަލްމަވާސީ ފަދަ ތަންތަނަށް ވެސްވަނީ ހަމަލާދީފައެވެ. މިއީ ނިޒާމެއްގެ ދަށުން މީހުން ގެދޮރުން ބޭރުކުރަން އިސްރާއީލުން ކުރާކަމެއްކަމާމެދު ކަންބޮޑުވުންވަނީ އުފެދިފައެވެ.
މިއަދު ފަތިހުން ފެށިގެން އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މަދުވެގެން 22 މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ ހަސަން މަޖްދީ އަބޫ ވަރްދާ އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ހިމެނެއެވެ.

ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓާގެ ޗެއާމަން ރާމީ އަބްދޫ ބުނީ ޣައްޒާގެ ބައެއް އާއިލާތައް އެއްކޮށްހެން ޝަހީދުކޮށްލައިފައިވާކަމުގެ ހެކި ލިބިފައިވާކަމަށެވެ. އެ ގޮތުން 1،010 އާއިލާ އެއްކޮށް ޝަހީދުކޮށްލައިފައިވާއިރު 2،620 އާއިލާ ޝަހީދުކޮށްލިއިރު އެއިން ކޮންމެ އާއިލާއަކުން ސަލާމަތްވީ އެންމެ މީހެކެވެ.
"ޝަހީދުކޮށްލި އިތުރު 4،126 އާއިލާގެ ތެރެއިން އެއިން ކޮންމެ އާއިލާއަކުން ދެ މީހުންނަށްވުރެ ގިނައިން ސަލާމަތެއް ނުވޭ،" ސްވިޒަލެންޑްގައި ގާއިމުކޮށްފައިވާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ މި ޖަމާއަތުގެ ރާމީ ބުންޏެވެ.
އދ.ގެ ފަލަސްތީންގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނީ ވޭތުވެދިޔަ ދެ މަސް ތެރޭގައި 950 ކުޑަކުދިން ޝަހީދުވެފައިވާކަމަށެވެ.
"މިއީ ހިތަށް ވެސް ނުގެނެވޭ ފަދަ ހިތާމަވެރި ހާލަތެއް،" އެ އިދާރާއިން ބުންޏެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔެއަރް ގޮލަން ބުނީ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއަކީ ކޮރަޕްޓް މީހެއްކަމަށެވެ.
"މަގާމުގައި ދެމިހުރުމަށްޓަކައި ހިދުމަތްކުރާ އަދި މަސައްކަތްކުރާ މީހުން އޭނާ ގުރުބާންކުރޭ. އޭނާ މަގާމުން ދުރުކުރާނަން،" ޔެއަރް ބުންޏެވެ.



advertisment