އީރާންގެ ނިއުކްލިއާ މަޝްރޫއު ތަރައްގީކުރަން ޔުރެނިއަމް މާއްދާ ފައްކާކުރުން ހުއްޓައިލުމަށް އެމެރިކާއިން ގޮވައިލުމަކީ "ތާކުންތާކުނުޖެހޭ" ވާހަކައެއްކަމަށް އީރާންގެ އެންމެ އިސް ވެރިޔާ އާޔަތުﷲ އަލީ ހާމަނައީ ވިދާޅުވެއްޖެއެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު، އުމާން މެދުވެރިވެގެން މިދިޔަ މަހުން ފެށިގެން މިހާތަނަށްވަނީ ހަތަރު ބައްދަލުވުމެއް ބާއްވައިފައެވެ. ނަމަވެސް ވާހަކަތައް ނާޒުކު ފައްތަރަކަށް ވެއްޓި، އިޓަލީގައި ބާއްވަން އޮތް ފަސްވަނަ ބައްދަލުވުން ބާއްވާނެކަން މިހާރު ޔަގީނެއް ނޫނެވެ.
"އީރާންގެ ނިއުކްލިއާ މަޝްރޫއު ކުރިއަށްގެންދަން އެހެން ބައެއްގެ ހުއްދަ ހޯދާކަށް ނުޖެހޭ،" ހާމަނައީ ވިދާޅުވިއެވެ.

އީރާނުން މިހާރުވަނީ ޔުރެނިއަމް ފައްކާކުރުން 60 ޕަސެންޓާ ހަމައަށް ގެންގޮސްފައެވެ. އީރާނުން ބުނަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއްކަމަށާއި މި މަޝްރޫއު ކުރިއަށްގެންދަން ދުލެއް ނުދޭނެކަމަށެވެ.
"އެންމެ އެއް ޕަސެންޓް ވެސް ޔުރެނިއަމް ފައްކާކުރާކަށް އަހަރެމެންނަށް ހުއްދައެއް ނުދެވޭނެ،" އެމެރިކާއިން ވާހަކަތަކަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޯފް ބުންޏެވެ.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް އެބައާދެވޭކަމަށެވެ.
"ނަމަވެސް އެއްބަސްވުމަކާ ހަމައަށް އާދެވުނަސް ނުވަތަ ނާދެވުނަސް އަހަރެމެން ޔުރެނިއަމް ފައްކާކުރަމުން އަންނާނަން،" އޭނާ ވިދާޅުވިއެވެ.



advertisment