އިސްރާއީލުން ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އަޅައިފައި އޮތް އޮތުން 11 ހަފުތާއަށް ފަހު ދޫކޮށްލުމުން އިއްޔެ ވެއްދި 90 އަށްވުރެ ގިނަ ލޮރީގެ އިންސާނީ އެހީއަކީ ޣައްޒާގެ 2.1 މިލިއަން ރަށްވެހިންނަށް ބޭނުންވާ މިންވަރާ ކައިރި ވެސް ނުކުރާ އަދަދެއް ކަމަށް އދ.އިން ބުނެފިއެވެ.
އދ.ގެ ޓީމުތަކުން ވަނީ ތުއްތު ކުދިންގެ ކާނާ އާއި ފުށާއި ބޭސް ބެހުމުގެ މަސައްކަތާ ހަވާލުވެފައެވެ.
"ދާދި ފަހުން ބަނޑުހައިހޫނުކަމާ ގުޅޭ މައްސަލަތަކުގައި 29 މީހުން މަރުވެފައިވޭ،" ހުޅަނގު އައްސޭރި ހިންގާ ޕަލަސްތީނިއަން އޮތޯރިޓީ (ޕީ.އޭ)ގެ ސިއްހަތާ ބެހޭ ވަޒީރު މާޖިދު އަބޫ ރަމަޟާން މިއަދު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ރެޑް ކްރޮސް ޖަމާއަތުން ބުނީ "ދާދި މަދު އަދަދެއްގެ ލޮރީތަކެއްގެ އެހީއަކީ ހިތާމަވެރި މިންވަރެއްގެ އެހީ" ކަމަށެވެ. އަދި ގޮވައިލީ ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން ދީފައިވާ ހުއްދަ އެ ގޮތަށް ދެމުން ކުރިއަށް ގެންދިއުމަށެވެ.
ހަމާސް ނައްތައިލަންކަމަށް ބުނެ އިސްރާއީލުން ޣައްޒާގައި ފުޅާކޮށްފައިވާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ޣައްޒާގެ ބައި މިލިއަން މީހުން ބަނޑަށްޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުނެއެވެ.
އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ބުނީ ޣައްޒާގައި ބަނޑުހައިހޫނުކަން ނުރައްކާތެރި މިންވަރަކަށް ގޮސްފައިވަނީ އަސާސީ ކާބޯތަކެތި މަދުވުމާއެކު ކާބޯތަކެތީގެ އަގު ބޮޑުވަމުންދިއުމާއެކު ވެސް ކަމަށެވެ.
ޣައްޒާއަށް އިއްޔެ ވެއްދި ކޮންމެ ލޮރީއެއްގެ ފުށުގެ މާރުކޭޓުގެ އަގަކީ 400،000 ޑޮލަރު (ހަ މިލިއަން ރުފިޔާ)އެވެ.
އިސްރާއީލުން ޣައްޒާއަށް އެހީ އާއި ވިޔަފާރި މުއްދާ ވެއްދުން މަނާކުރީ މާރިޗު މަހު ދޭއްގައެވެ. އޭގެ ދެ ހަފުތާ ފަހުން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިއެވެ. އެއީ ޖަނަވަރީ މަހު ހަމާސްއާއެކު ގާއިމުކުރި ސުލްހަ އުވައިލައިފައެވެ. ސަބަބެއް ކަމަށް ދެއްކީ ހަމާސްއިން އަދިވެސް ރަހީންކޮށްގެން އުޅޭ 58 ޔަހޫދީން ދޫކޮށްލުމަށް ޕްރެޝަރު ކުރުމަށެވެ. އިސްރާއީލުން ގަބޫލުކުރަނީ އޭގެ ތެރެއިން 23 ޔަހޫދީން އަދިވެސް ދިރިހުރި ކަމަށެވެ.
އިސްރާއީލުން ބުނަނީ ޣައްޒާގައި އެހީ މަދު ނޫން ކަމަށާއި ހަމާސްގެ ހަނގުރާމަވެރިންނަށް ދިނުމަށާއި ފައިސާ ހޯދުމަށް ޣައްޒާއަށް ވައްދާ މުދާ ހަމާސްއިން ވަގަށް ނަގާ ކަމަށެވެ. ނަމަވެސް ހަމާސްއިން ވަނީ މި ކަން ދޮގުކޮށްފައެވެ. އަދި އދ.އިން ވެސް ބުނީ ޣައްޒާއަށް ވަންނަ އެހީ ހަމާސްއިން އަތުނުލާ ކަމަށެވެ.
"ކާބޯތަކެއްޗާއި ބޭސް ޣައްޒާގެ އާބާދީއަށް ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އިސްރާއީލުގެ ޒިންމާއެއް،" އދ.އިން ބުންޏެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އިއްޔެ ބުނީ "ވަކި އަދަދެއްގެ ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް ހުއްދަ ދިނީ ޣައްޒާގައި އިސްރާއީލުން އަލަށް ފުޅާކުރި އަސްކަރީ އޮޕަރޭޝަން ކާމިޔާބުކޮށް، ޣައްޒާ އެއްކޮށް އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށް" ކަމަށެވެ.
"އާހިރުގައި ހަމާސް މުޅިން ބަލިވާނެ،" ނަތަންޔާހޫ ނޫސް ކޮންފަރެންސެއްގައި ބުންޏެވެ.
ނަތަންޔާހޫ އިތުރަށް ބުނީ ޣައްޒާގައި އެހީ ދިނުމަށް އެމެރިކާ ބައިވެރިވުމުން ވެސް "ޣައްޒާ ހަނގުރާމަ އިސްރާއީލަށް ކާމިޔާބުވުމަށް އިތުރު އާލާތަކަށްވާނެ" ކަމަށެވެ.
މި ރޭވުމާ އދ. އާއި އެހީ ދޭ އެހެނިހެން ޖަމާއަތްތަކުން ވަނީ ދެކޮޅުހަދައިފައެވެ. ސަބަބަކީ މި ފަދަ ޕްލޭނެއް "އަސާސީ އިންސާނީ ސުލޫކާ ހިލާފުވެ، އެހީއަކީ ހަތިޔާރަކަށް ހެދިދާނެ" އެއްޗަކަށްވާތީއެވެ.
އިސްރާއީލުން މިއަދު އެކަނިވެސް 107 މީހުން ޝަހީދުކޮށްލި ކަމަށް ޣައްޒާގައި ހަމާސްއިން ހިންގާ ސިއްހީ ވުޒާރާއިން ބުންޏެވެ.
އދ.އިން ބުނީ ޣައްޒާގެ 81 ޕަސެންޓް ބިން މި ވަގުތު ވަނީ ފަލަސްތީން ރައްޔިތުން ދޫކޮށްދާން ޖެހޭނެ ސަރަހައްދުތަކަށް ހަދައިފައި ނުވަތަ އަސްކަރީ އޮޕަރޭޝަން ހިންގާތީ ފަލަސްތީން ރަށްވެހިން ނުކުންނަން އަމުރުކޮށްފައިވާ ސަރަހައްދުތަކަށް ހަދައިފައި ކަމަށެވެ.
މާރިޗުން ފެށިގެން މިހާތަނަށް 600،000 މީހުން ގެދޮރުން ބޭރުކޮށްލައިފައިވާ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން 161،000 މީހުންނަކީ މި ދިޔަ ހަފުތާގައި ގެދޮރުން ބޭރުކޮށްލި މީހުންނެވެ.
އިސްރާއީލުން ޣައްޒާ ހަނގުރާމަ ފެށީ 2023 ގެ އޮކްޓޫބަރު ހަތެއްގައި ބޯޑަރު ހުރަސްކޮށް ހަމާސްއިން އިސްރާއީލަށް ހަމަލާ ދީ 1،200 ޔަހޫދީން މަރައިލައި 251 ހަޔޫދީން ރަހީން ކުރުމުންނެވެ. ޖެހިގެން އައި ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 53،762 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 16،500 ކުޑަކުދިން ހިމެނެއެވެ.



advertisment