ޣައްޒާއަކީ ދިރިއުޅެން އެކަށީގެން ނުވާ ތަނަކަށް ވެދާނެ ކަމަށް ފަލަސްތީންގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާއިން އިންޒާރުދީފިއެވެ.
މިއީ ޣައްޒާގައި އިސްރާއީލުން އަސްކަރީ އޮޕަރޭޝަން ފުޅާކުރަމުންދާތީ ކުރިމަތިވެދާނެ ގޮތެއް ކަމަށް އެ ތަނުން ބުންޏެވެ.
"އަހަރެންގެ ބިރަކީ ޣައްޒާއަކީ ވަކި ހިސާބަކުން ފަލަސްތީން ރައްޔިތުން ދިރިއުޅެން އެކަށީގެން ނުވާ ބިމަކަށް ވުން،" އިސްރާއީލުން ކުރިއަށްގެންދާ އުމްރާނީ ސުންނާފަތިކުރުމާއި ފަލަސްތީން ރަށްވެހިން ގެދޮރުން ބޭރުކުރުމާ ބެހޭ ގޮތުން ފިލިޕް ލައްޒަރިނި އިއްޔެ ބުންޏެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް އަދިވެސް އިތުރަށް ވަރުގަދަ ކުރާނެ ކަމަށާއި ޣައްޒާގެ އިތުރު ބިންތައް ވެސް ހިފާނެ ކަމަށެވެ. އަދި ބަހަނާއެއްގެ ގޮތުގައި ބުނީ ފަލަސްތީންގެ ރައްޔިތުން "އެހެން ތަންތަނަށް ބަދަލުކުރާނީ އެ މީހުންގެ ރައްކާތެރިކަމަށް" ކަމަށެވެ.
ވޭތުވެދިޔަ 18 މަސް ދުވަސް ތެރޭގައި ޣައްޒާ ހަނގުރާމައިގައި ފަލަސްތީންގެ 52،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
އދ.ގެ އޮފިޝަލުންނާއި އެހީ ދޭ ޖަމާއަތްތަކުން ބުނީ ޣައްޒާއަށް އެހީ ދިނުމުގެ ކަންތައްތައް އިސްރާއީލުގެ ބާރުގެ ދަށަށް ގެންނަން އުޅުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަކަށް ވެދާނެ ކަމަށާއި ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހުމުގެ މައްސަލަ ވެސް އިތުރަށް ގޯސް ވެދާނެ ކަމަށެވެ.
ޣައްޒާއަށް އެހީ ވެއްދުމަށް އިސްރާއީލުން ހުށަހަޅައިފައިވާ ރޭވުމަކީ "ޕްރެޝަރުކުރަން ބޭނުންކުރާ އުކުޅެއް" ކަމަށާއި މިއީ "އަސާސީ އިންސާނީ އުސޫލުތަކާ ހިލާފު ކަމެއް" ކަމަށް ވެސް އދ. އާއި އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ.



advertisment