Support Us

ޣައްޒާއަށް އެހީ ވެއްދި އިރު އެހީ ހިފައިގެން ޣައްޒާއަށް ވަންނަން އުޅުނު ލޮރީއަކަށް އިސްރާއީލުގެ އެކްޓިވިސްޓުން ހުރަސްއަޅަނީ

ޣައްޒާއަށް އެހީ ވެއްދުމަށް ނަތަންޔާހޫ ނިންމުމުން އިސްރާއީލުގެ ސިޔާސީ މީހުން ނުރުހިއްޖެ

ޣައްޒާއަށް "ކޮންމެވެސް ވަރެއްގެ އެހީ" ވެއްދުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ނިންމުމުން އެ ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަރުހަބާ ކިއި ނަމަވެސް އިސްރާއީލުގެ ސިޔާސި ފަރާތްތަކާއި ގްރޫޕްތަކުން ނުރުހުން ފާޅުކޮށްފިއެވެ.

ޣައްޒާއަށް "ކޮންމެވެސް ވަރަކަށް ނަމަވެސް އެހީ ވެއްދުމަކީ ބޮޑުވެގެންވާ ކުށެއް"ކަމަށް ހަރުކަށި ފިކުރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރް ބެން-ވިއަރު ބުންޏެވެ.

އިޓަމާރްގެ ޕާޓީއަށް ނިސްބަތްވާ ތަރިކައާ ބެހޭ ވަޒީރު އަމިޝެއި އެލިޔާހޫ ބުނީ ނަތަންޔާހޫގެ ނިންމުމަކީ "ބޮޑު ހިތާމައެއް"ކަމަށެވެ.

"އިންސާނީ އެހީ މިހާރު ވައްދަން ފަށައިފި ނަމަ (ޣައްޒާ) ހަނގުރާމަ ކާމިޔާބުކުރަންކުރާ މަސައްކަތަށް ނުރައްކާވާނެ. އަދި (ހަމާސްއިން) ރަހީނުކޮށްފައިވާ ޔަހޫދީން ދޫކޮށްލުމަށް އެޅޭނެ އިތުރު ހުރަހަކަށް ވާނެ،" އަމިޝެއި ބުންޏެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ނަތަންޔާހޫގެ ލިކޫޑު ޕާޓީގެ މެންބަރުން ވެސް ވަނީ އޭނާގެ ނިންމުމާ ދެކޮޅުހަދައިފައެވެ. އެ ގޮތުން އަވިހައި ބޯސްޓަން ބުނީ މިއީ "މޮޔަ ނިންމުމެއް" ކަމަށެވެ. އަދި މޮޝޭ ސާޑަ ބުނީ ހަމާސް ނައްތައިލަން ޣައްޒާގައި އެއްގަމު މަގުން އިސްރާއީލު އަސްކަރިއްޔާއިން އޮޕަރޭޝަންތައް ފުޅާކުރަމުންދާ ވަގުތެއްގައި އެހީ ވެއްދުންވާނީ "ނުބައި އަދި ސުލޫކީ މިންގަނޑުތަކާ ހިލާފު ނިންމުމެއް" ކަމަށެވެ.

ނުފޫޒުގަދަ އަދި ހަރުކަށި ފިކުރުގެ ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް، ނަތަންޔާހޫގެ ނިންމުމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނާކަމަށް ދަ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކުރިއެވެ.

"ނަމަވެސް ޣައްޒާއަށް އެތިފުކެއްގެ މިންވަރުގެ އެހީއެއް ވެސް ވަދެ، ހަމާސްއަށް ލިބިއްޖެ ނަމަ ސަރުކާރުން ވަކިވާނެ" ކަމަށް ބެޒަލެލް އިސްރާއީލުގެ މީޑިއާއަށް ކުރިން ބުނިކަމަށް އެ ނޫހުން ރިޕޯޓުކުރިއެވެ.

ޣައްޒާއަށް މީގެ ކުރިން އެހީ ވައްދާ ލޮރީތަކަށް ހުރަސްއަޅާ އިސްރާއީލުގެ ގްރޫޕަކުންވަނީ ޣައްޒާއަށް އެހީ ވައްދާނެ ލޮރީތަކަށް ހުރަސްއެޅުމަށް އަލުން ނުކުތުމަށް އެ ގްރޫޕްގެ އެކްޓިވިސްޓުންނަށް ގޮވައިލައިފައެވެ.

"މި ކަމުގެ ޒިންމާ ނަގަން ޖެހޭނީ ނަތަންޔާހޫ. ރަހީނުކޮށްފައިވާ އެންމެ ފަހު ޔަހޫދީ މީހާ މިނިވަންކުރެވެންދެންނޫނީ ހަމާސް ހިތްހަމަޖައްސައިދީ، އެހީއެއް ނުދެވޭނެ،" ކަނާތުފިޔައިގެ ޒާވް-9 ގްރޫޕުން ބުންޏެވެ.

ޣައްޒާއަށް ކޮންމެވެސް ވަރަކަށް އެހީ ވެއްދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަރުހަބާ ކިއި ނަމަވެސް ގައުމުތަކާއި އެހީ ދޭ ޖަމާއަތްތަކުން ބުނީ ޣައްޒާގެ ހުރިހާ އެންމެންނަށް ބޭނުންވާ ވަރަށް އެހީ ވައްދަން އިސްރާއީލުން ހުއްދަ ދޭން ޖެހޭނެ ކަމަށެވެ. އަދި ވައްދާ އެހީ އެ ބޭނުންވާ މީހުންނަށް ފޯރުކޮށްދިނުމަށް އިސްރާއީލުން މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *