ތައިލެންޑްގައި ސައިޒުގެ ގޮތުން ބޮޑު ބޮނޑުގެ ބާވަތެއްކަމަށްވާ މޮނިޓާ ބޮނޑެއް ދެންމެ ވިހޭ ކުއްޖެއް ކައިލައިފިއެވެ.
ތުއްތުކުއްޖާގެ ހަށިގަނޑު ފެނުނީ ހަ ފޫޓު ދިގުމިނުގައި ހުރި ބޮނޑުގެ އަނގައިގެ ތެރެއަށް ލައިގެން ހަފަމުން ދަނިކޮށެވެ. އެއީ މަސައްކަތްތެރިން ދިރިއުޅޭ އަވަށެއްގައެވެ.
ފުލުހުންނަށާއި ސިއްހީ އެހީތެރިންނަށް އާދެވުނުއިރު ކުއްޖާގެ ހަށިގަނޑު އޮތީ ބޮނޑުގެ އަނގައިގެ ތެރޭގައެވެ. ކުއްޖާގެ ބޯ ވަނީ ވަކިވެފައެވެ.
"ކުއްޖާގެ ޖިންސު ވެސް ދެނެނުގަނެވޭ،" އޮފިޝަލަކު ބުންޏެވެ.
ކުއްޖާ މަރުވި ސަބަބާއި މަރުވި ވަގުތު ދެނެގަންނަން ވަނީ އޮޓޮޕްސީއެއް ހަދަން ފޮނުވައިފައެވެ.
ކުއްޖާގެ މަންމައަކީ ކާކުތޯ ދެނެގަންނަން ޑީ.އެން.އޭ ޓެސްޓެއް ހަދަން ވަނީ ހަމަޖައްސައިފައެވެ.
ކަމާ ބެހޭ އިދާރާތަކުން ލަފާކުރަނީ ކުއްޖާ ވިހެއުމަށް ފަހު އެއްލައިލީ ކަމަށާއި މޮނިޓާ ބޮނޑަށް އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އޭގެ ފަހުންކަމަށެވެ.
މަންމަ ފެނޭތޯ އޮފިޝަލުން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ. ކުއްޖާ ވިހޭއިރު ދިރިހުއްޓާ އެއްލައިލިކަން ކަށަވަރު ކުރެވިއްޖެ ނަމަ މަންމައާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެއެވެ.



advertisment