ޣައްޒާއިން ހަމާސް ނައްތައިލައި، ހަމާސްއިން ރަހީނުކޮށްފައިވާ ހުރިހާ ޔަހޫދީން މިނިވަންކުރަން ކަމަށް ބުނެ އިސްރާއީލުން ވަރުގަދަކުރި ހަމަލާތަކުގައި ހަފުތާއެއްގެ ތެރޭގައި 464 މީހުން ޝަހީދުކޮށްލައިފިއެވެ. އެ ގޮތުން މިއަދު އެކަނިވެސް 132 މީހުން ޝަހީދުކޮށްލިއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ގެދޮރުން ބޭރުކޮށްލި އާއްމުން ހިމާޔަތް ހޯދައިގެން ތިބި ޓެންޓްތަކަށް ދިން ހަމަލާތަކުގައި ކުޑަކުދިން ވަނީ ދިރިހުއްޓައި އަނދައިފައެވެ.
އެންމެ ނުރައްކާތެރި އެއް ހަމަލާދިނީ ޚާން ޔޫނިސްއަށެވެ؛ އެ ތަނުގައި 36 މީހުން ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.
އިސްރާއީލުން ދަނީ ހޮސްޕިޓަލްތައް އަމާޒުފަތްގަނޑަކަށް ހަދަމުންނެވެ. އެ ގޮތުން އުތުރު ޣައްޒާގައި ސަލާމަތުން ހުރި ހަމައެކަނި ހޮސްޕިޓަލްކަމަށްވާ އިންޑޮނޭޝިއަން ހޮސްޕިޓަލްވަނީ އިސްރާއީލުން ހުރަސްއެޅުމުން ބަންދުކުރަންޖެހިފައެވެ.
"މިއީ އަނިޔާވެރި ކުށެއް. އެމެރިކާއިން މި ކަމުގެ ޒިންމާ ނަގަންޖެހޭނެ،" އިސްރާއީލުގެ ހަމަލާތަކާ ގުޅޭ ގޮތުން ހަމާސްއިން ބުންޏެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 53،339 މީހުން ޝަހީދުވެފައިވެއެވެ. އަދި 121،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
ޣައްޒާގައި އެއްގަމުމަގުން އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރަމުންދާތީ އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރޭސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ދަނީ އިސްރާއީލަށް ފާޑުކިޔަމުންނެވެ.



advertisment