ވަރަށް ފިނި ރެއެއްގައި، އަރަބި ބަދަވީއެއްގެ ފޭލިގެ ދޮށަށް ޖަމަލެއް އައެވެ. އަދި ފޭލިގޭ ވެރިމީހާ ކިބައިން އެދުނެވެ.
"މިރެއަކީ ވަރަށް ވެސް ފިނި ރެއެކެވެ. މިރޭގެ ގަދަ ފިނިކަމުން ރައްކާތެރިވުމުގެ ގޮތުން އަހަރެންގެ ނޭފަތް އިނބަގެ ފޭލިގެތެރެއަށް ލެވިދާނެ ހެއްޔެވެ؟" ބަދަވީ މީހާ ޖަމަލުގެ މައްޗަށް ހަމްދަރުދީވެ، ޖަމަލުގެ ބޭނުން ފުއްދައިދިނެވެ. ފޭލިގޭ ތެރެއަށް، ޖަމަލުގެ ނޭފަތް ލުމުގެ ހުއްދަ ދިނެވެ.
އަނެއްކާ ވެސް ޖަމަލު ބުނި އަޑު އިވުނެވެ. "މިރޭ ވަރަށް ވެސް ފިންޏެވެ. މި ރޭގެ ގަދަ ފިނިން ރައްކާތެރިކަމެއް ލިބިގަތުމަށްޓަކައި، އަހަރެންގެ ބޯ ވެސް ފޭލިގޭ ތެރެއަށް ލެވިދާނެ ހެއްޔެވެ؟" އަނެއްކާ ވެސް، ބަދަވީ މީހާ ހިތުގައި ޖަމަލުގެ މައްޗަށް ހަމްދަރުދީވުމެއް އިތުރަށް އުފެދި، ޖަމަލުގެ ބޯ ފޭލިގެ ތެރެއަށް ލުމުގެ ހުއްދަ ދިނެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ޖަމަލު ބުންޏެވެ. "އަހަރެންގެ ކަރު ވެސް ފޭލިގެ ތެރެއަށް ލެވިދާނެ ހެއްޔެވެ؟ ފިނިގަދަކަމުން ކަރުތެރެ ގޯސްވެ، ރޯގާ ޖެހިދާނެހެން ހީވާން ފަށައިފިއެވެ." އަނެއްކާ ވެސް، ޖަމަލުގެ މައްޗަށް ފޭލިގޭގެ ވެރިމީހާގެ ހިތުގައި ހަމްދަރުދީ އުފެދި، ޖަމަލުގެ ކަރު ވެސް ފޭލިގޭ ތެރެއަށް ލުމުގެ ހުއްދަ ދިނެވެ.
"މިހާރު އަހަރެންގެ ހަށިގަނޑު ރޫރޫ އެބަ އަޅައެވެ. އެހެންވެ، އަހަރެންގެ ހަށިގަނޑު ވެސް ފޭލިގެ ތެރެއަށް ލެވިދާނެ ހެއްޔެވެ؟" ޖަމަލު ބުންޏެވެ. ދެން، ބަދަވީ މީހާ ޖަމަލުގެ ހަށިގަނޑު ވެސް ފޭލިގެ ތެރެއަށް ލުމުގެ ހުއްދަ ދިނެވެ.
ދެން ވެސް ޖަމަލު ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އަދި ޖަމަލު ބުންޏެވެ. "މި ފޭލިގެ ހާދަ ކުޑައެވެ. އަހަރުމެން ދެ މީހުންނަށް މި ފޭލިގެއަކު ނުތިބެވޭނެއެވެ. އެހެންވެ، ކަލެއަށް ޖެހޭނީ ފޭލިގެއިން ނިކުންނާށެވެ."
އެންމެ ފަހުން، ފޭލިގެއިން، އޭގެ ވެރިމީހާ ބަދަވީ ކަލޭގެއަށް ޖެހުނީ، ނިކުންނާށެވެ!
އާދެ، ހުރިހާ ވަގުތެއްގައި ހުރިހާ ކަމަކަށް ދޫ ދޭންވެއްޖެ ނަމަ، ބަދަވީ ކަލޭގެއަށް ޖެހުނު ހާލު ޖެހޭ ގޮތް ވެއެވެ. މިކަން ފަރުދީ ހަޔާތުންނާއި އަދި ޖަމާއީ ހަޔާތުން ވެސް ފެނިގެން ދެއެވެ. މިފަދައިން ކަންތައް ކުރެވުމުން، ބައެއް ފަހަރު ތިމާގެ ގޯތިގެދޮރު ގެއްލޭ ގޮތް ވެއެވެ. އަދި، ގައުމުތަކުގެ މިނިވަންކަން ވެސް ގެއްލި ދިޔަ ގޮތް ވެސް ތާރީޚުން ފެނެއެވެ.
