އިސްރާއީލުން ކުރިއަށްގެންދާ ޣައްޒާ ހަނގުރާމައަށް ހާއްސަ ސަމާލުކަމެއް ދީގެން މަޝްވަރާ ކުރެވޭނެކަމަށް ބެލެވޭ އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން އިރާގުގެ ވެރިރަށް ބަޣްދާދުގައި މިއަދު ފަށައިފިއެވެ.
އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓު ފެށީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ރަސްމީ ދަތުރު ނިންމަވައިލެއްވިތާ އެއް ދުވަސް ފަހުންނެވެ. ޓްރަމްޕްގެ ދަތުރުގެ ސަބަބުން ޣައްޒާ ހަނގުރާމަ ނިމި، ޣައްޒާއަށް އަލުން އިންސާނީ އެހީ ވެއްދުމަށް މަގުފަހިވާނެކަމުގެ އުއްމީދު މެދުއިރުމަތީގައިވަނީ އާވެފައެވެ.
ބަޣްދާދުގައި ބާއްވާ 34 ވަނަ އަރަބް ލީގް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިރާގަށް ފުރަތަމަ ވަޑައިގަތީ އިއްޔެ ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއެވެ. ގަލްފުގެ ގިނަ ގައުމުތައް ތަމްސީލުކުރަން ހަމަޖައްސައިފައިވަނީ ވަޒީރުންގެ ފެންވަރުގައިކަމަށް ބެލެވެއެވެ.
މެދުއިރުމަތީގެ ސަރަހައްދީ މައްސަލަތަކަށް އަލިއަޅުވާލާނެކަމަށް ބެލެވޭ ސަމިޓުގައި ބައްޝާރުލްއަސަދަށް ފަހު ސޫރިޔާ މިހާރު އޮތް ހާލަތާމެދު ވެސް މަޝްވަރާކުރާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން އީރާނާއި އެމެރިކާއާ ދެމެދު މިހާރު ކުރިއަށްދާ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޝްވަރާތަކާމެދު ވެސް ވާހަކަދެކެވޭނެކަމަށް ބެލެވެއެވެ.
މިއީ 2012 އަށް ފަހު އިރާގުގައި ފުރަތަމަ ފަހަރަށް ބާއްވާ އަރަބް ލީގް ސަމިޓެވެ. މި ބައްދަލުވުމުގައި މެހެމާނުންގެ ގޮތުގައި އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް އާއި ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް ބެލެވެއެވެ. ޕެޑްރޯއަކީ ޣައްޒާގައި އިސްރާއީލުން އަމަލުތައް ބަހައްޓާ ގޮތަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ލީޑަރެވެ.
އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެނައުމަށް ޓްރަމްޕް ހުށަހަޅުއްވައިފައިވާ ރޭވުމާ ދެކޮޅަށް އަރަބި ގައުމުތަކުން މި ދިޔަ މާރިޗު މަހު މިސްރުގެ ވެރިރަށް ގާހިރާގައި ނިންމައިފައިވާ ނިންމުންތައް އަރަބް ލީގް ސަމިޓްގައި މަޝްވަރާކުރާނެއެވެ.
"ޣައްޒާ އާރާސްތުކުރުމަށް ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ބަދަލުގައި އަރަބި ގައުމުތަކުންވަނީ ޣައްޒާ އާރާސްތުކުރުމަށް އެއްބަސްވުމަކަށް އައިސްފައި،" އަރަބް ލީގް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އިރާގްގެ ހާރިޖީ ވަޒީރު ފުއާދު ހުސައިން ވިދާޅުވިއެވެ.
އަރަބި ގައުމުތަކުގެ ރޭވުމުގައި ހިމެނެނީ ޣައްޒާގެ 2.4 މިލިއަން މީހުން ޣައްޒާގައި ތިބެގެން ޣައްޒާ އާރާސްތުކުރެވޭނެ ގޮތަށެވެ.
ޓްރަމްޕް ސައުދީއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ސޫރިޔާގެ އިންތިގާލީ ރައީސް އަހްމަދު އައްޝަރާއާ ބައްދަލުކުރައްވައިފައެވެ. އައްޝަރާއަކީ ބައްޝާރު ވެރިކަމުން ދުރުކުރެއްވުމުގެ ހަނގުރައިމައިގައި އިސްކޮށް އުޅުއްވި ފަރާތެވެ. ޓްރަމްޕް ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލައްވައިނެކަމަށެވެ.
އެމެރިކާއިން 2003 ގައި އިރާގަށް ހަމަލާ ދިނުމަށް ފަހު އެތައް އަހަރެއްވަންދެން އައްޝަރާވަނީ އިރާގުގެ ޖަލެއްގައި ހައްޔަރުކޮށްފައެވެ. އެއީ އަލްގައިދާއާ ގުޅުން ހުރިކަމުގެ ތުހުމަތުގައެވެ. އަރަބް ލީގް ސަމިޓަށް އޭނާ ވަޑައިނުގަންނަވާނެއެވެ. ސަބަބަކީ އޭނާ އިރާގަށް ވަޑައިގަތުމާ އިރާގުގެ ނުފޫޒުގަދަ ގިނަ ސިޔާސީ ވެރިން ދެކޮޅުހެދުމުންނެވެ. އޭނާގެ ބަދަލުގައި ސޫރިޔާ ތަމްސީލުކުރައްވާނީ ހާރިޖީ ވަޒީރު އަސްއަދު އައްޝައިބާނީއެވެ.
އިސްރާއީލުން އީރާނަށް އަސްކަރީ ހަމަލާދޭނެކަމަށް އިންޒާރުދީފައިވާތީ އަރަބި ގައުމުތަކުން އެ ގޮތަށް އެ ކަން ވާން ނޭދޭކަމާ ޓްރަމްޕް ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އީރާނާއެކު އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އިޝާރާތެއް ބުރާސްފަތި ދުވަހު ކުރެއްވުމަށް ފަހު ޓްރަމްޕް އިއްޔެ ވިދާޅުވީ "އީރާނުން އަވަސް ފިޔަވަޅެއް ނާޅައިފި ނަމަ ކަމެއް ގޯސްވުން އެކަށީގެންވާ"ކަމަށެވެ.
އެތައް ދަހަރެއް ފަހުން އިރާގަށް ހަމަޖެހުމެއް އައިސްފައިވަނީ އަދިކިރިޔާއެވެ. މި ކަން ދުނިޔެއަށް ހާމަކުރަން އިރާގުން ބޭނުންވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
"އަރަބް ލީގް ސަމިޓަކީ އިރާގަށް ވަރަށް މުހިންމު ބައްދަލުވުމެއް. އަރަބް ލީގްގެ މެންބަރު ގައުމުތަކުގެ ދޭތެރޭގައި ގުޅުން ގާއިމުކުރުމުގެ މެދުވެރިއެއްގެ ދައުރު އަލުން އަދާކުރަން އިރާގު ބޭނުންވޭ،" އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.



advertisment