އިސްރާއީލުގެ މިނިވަން ދައުލަތެއް މީގެ 77 އަހަރު ކުރިން އުފެއްދުމަށް 15 މޭ 1948 ގައި ފަލަސްތީންގެ 700،000 މީހުން ގެދޮރުން ނެރެލައި، އެ މީހުންގެ މުދާ ފޭރުނު "ނަކްބާ" ދުވަސް އިއްޔެ ފާހަގަކުރިއިރު، ޣައްޒާގައި 2023 ގައި ފެށި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 53،000 މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާއަށް އިއްޔެ ދިން ހަމަލާތަކުގައި 115 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
ނަކްބާއަށް ހަތް ދަހަރު ވީއިރު މިހާރު ވެސް ހުޅަނގު އައްސޭރީގައި އިސްރާއީލު ސަރުކާރުން ދަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ޔަހޫދީން ވަޒަންވެރިކުރަމުންނެވެ.
ނަކްބާ ރަމްޒުކޮށްދެނީ ފަލަސްތީން ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި އިސްރާއީލާ ދެކޮޅަށް އެ މީހުން އަދިވެސް ކުރިއަށްގެންދާ ހިތްވަރެވެ.
މި އަހަރުގެ ނަކްބާ ދުވަސް ފާހަގަކުރީ އެއްވުންތަކާއި ހަނދާން އާކުރުމުގެ ހަފުލާތަކާއި އަދި ސަގާފީ ހަރަކާތްތައް ބާއްވައިގެންނެވެ. މި ރަސްމިއްޔާތުތަކުގައިވަނީ އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ދައްކާ ދެކޮޅުވެރިކަން ވަރުގަދަކޮށްފައެވެ.
ނަކްބާ ދުވަހާ މިއަދުގެ ޣައްޒާގެ ހާލަތާ އެއްގޮތްކަން ފަލަސްތީން ރައްޔިތުން ފާހަގަކުރެއެވެ. އެ ގޮތުން މިހާރު ވެސް ފަލަސްތީން ރައްޔިތުންގެ ގެދޮރާއި މުދާ ދަނީ ޔަހޫދީ ދައުލަތުން އަތުލަމުންނެވެ. އަދި އަނިޔާވެރިކަން ދެއްކުމުގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން މަނާކުރިތާ މިހާރު ދެ މަސްވީއެވެ. މިހެންވެ ޣައްޒާގެ ބައި މިލިއަނެއްހާ ރަށްވެހިންވަނީ ބަނޑަށްޖެހުމުގެ ތުންފަތްމަތީގައިކަމަށް އދ.އިން ބުންޏެވެ.
ނަކްބާ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ފެންވަރުގައި މުޒާހާރާ ބޭއްވުމުގެ އިތުރުން އޮންލައިން ކެމްޕޭންތައް ވެސް ކުރިއަށްގެންދިޔައެވެ. ގެދޮރުން ބޭރުކޮށްލި ފަލަސްތީން ރައްޔިތުންނަށް އަލުން އަބުރާ އައުމުގެ ހައްގު ދިނުމަށް ވެސް ގޮވައިލިއެވެ.
"ނަކްބާއަކީ ހަމައެކަނި ތާރީހީ ހާދިސާއެއް ނޫން. އެއީ މިހާރު ވެސް ކުރިއަށް ދާ ކަމެއް. އިސްރާއީލު އުފެއްދީ ފަލަސްތީންގެ އާބާދީގެ އަޣުލަބިއްޔަތު ވަޒަނުން ބޭރުކޮށްލައިފައި. އިސްރާއީލުން ހިފި ފަލަސްތީންގެ ބިންތައް އަދިވެސް ދުލެއް ނުކުރޭ. ފަލަސްތީންގެ ރެފިއުޖީން އަނބުރާ އައުމުގެ ހައްގު ވެސް އަދިވެސް ނުދޭ،" ފަލަސްތީން މީހަކު ބުންޏެވެ.
ނަކްބާ ދުވަސް ފާހަގަކުރާ އަމާޒުތަކުގެ ތެރޭގައި ފަލަސްތީން ރައްޔިތުންގެ އައިޑެންޓިޓީ ދެމެހެއްޓުން ހިމެނެއެވެ. އެ މީހުންގެ ކާބަފައިންގެ ގެދޮރަށް އެނބުރި އައުމުގެ ހައްގު ހޯދުމަށް މަސައްކަތްކުރުމަކީ ވެސް އަޒުމެކެވެ. ސަބަބަކީ މިހާރު ކުރިއަށް ދާ ފަލަސްތީން-އިސްރާއީލު ކުރިމަތިލުންތަކުގެ އެންމެ އަސާސީ އެއް މައްސަލައަކީ ވެސް މިއެވެ.



advertisment