Support Us

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އަދި އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ

ޓްރަމްޕް ޒިޔާރަތްނުކުރައްވާތީ އިސްރާއީލު ހިތްހަމަނުޖެހިއްޖެ

އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަށް ވަޑައިގެންފައި ގައުމުން ބޭރަށްކުރައްވާ ފުރަތަމަ ދަތުރުގައި މެދުއިރުމަތީގެ ތިން ގައުމަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި އިސްރާއީލު ހިމަނުއްވައިފައިނުވާތީ އިސްރާއީލުން ހިތްހަމަނުޖެހޭކަން އެކި ފަރާތްތަކުން ފާޅުކުރަން ފަށައިފިއެވެ.

"އިސްރާއީލު މި ވަގުތު ވަނީ މުޅިން ހާސްކަމެއްގެ ތެރޭގައި،" އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ ކުރީގެ މުސްތަޝާރެއްކަމަށްވާ ޝެލޮމް ލިޕްނާ ބުންޏެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ޓްރަމްޕް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުގެ އައިޓިނަރީގައި "ގަސްދުގައި އިސްރާއީލު ނުހިމެނުއްވުމުން ދޭހަވަނީ އެމެރިކާއިން މިހާރު އިސްކަން ދޭ ކަންތައްތައް ބަދަލުވަމުން އަންނަ"ކަމަށެވެ.

"އިސްރާއީލުގެ ވަށައިގެން އެނބުރުމުގެ ބަދަލުގައި އެމެރިކާއިން މިހާރު ބޮޑަށް ބުރަވަމުން އަންނަނީ ގަލްފު ގައުމުތަކާ ގުޅުންތައް އުފެއްދުމަށް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

ޓްރަމްޕް ހުށަހަޅުއްވާ ރަހްމަތްތެރިކަން ގަލްފު ގައުމުތަކުގެ ވެރިން ބަލައިގަންނަވާކަމަށާއި އިސްރާއީލާ ގުޅުންތައް ވިލަރެސްނުކޮށް އެމެރިކާއާ ވަރުގަދަ ގުޅުންތަކެއް ގާއިމުކުރެވިދާނެކަމަށް މެދުއިރުމަތީގެ ގައުމުތަކުން މިހާރު ގަބޫލުކުރާކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

"އިސްރާއީލުގެ ބަހެއް ނުހޯއްދަވައި ހަމާސް އާއި އީރާނާއެކު އެމެރިކާއިން މަޝްވަރާތައް ބާއްވާތީ އިސްރާއީލުގެ އޮފިޝަލުން ހިތްހަމައެއް ނުޖެހޭ. ގަލްފު ގައުމުތަކާއެކު ޓްރަމްޕް މިހާރު ކުރިއަށް ނެރުއްވާ ޑިޕްލޮމެޓިކް ގުޅުންތަކަކީ އިސްރާއީލަށް ހެޔޮ ފާލެއްކަމަށް ވިދާޅުވިޔަސް، އިސްރާއީލަށް ވަޑައިނުގަތުން ވެފައިވަނީ އިސްރާއީލުގެ ގަޔަށް އެމެރިކާ ޖެހި ކަށްޓެއް ފަދަ އެއްޗަކަށް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން އެމެރިކާ އާއި އިސްރާއީލުގެ ދެމެދުގައި ނުތަނަވަސްކަން ދަނީ އިތުރުވަމުންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

"ޓްރަމްޕްގެ އަމަލުތަކާމެދު އިސްރާއީލުގެ ހުރި ކަންބޮޑުވުންތަކާމެދު އެމެރިކާއިން މިހާރު އަޅައެއްނުލާ،" އެމެރިކާގެ ހާރިޖިއްޔާގެ ކުރީގެ އިސް އޮފިޝަލެއް، އަދި މެދުއިރުމައްޗަށް އެމެރިކާއިން ކުރިން ކަނޑައެޅި މަންދޫބެއްކަމަށްވާ ޑެނިސް ރޮސް ބުންޏެވެ.

"ސަރަހައްދީ މުހިންމު މަޝްވަރާތަކުގައި އިސްރާއީލުން ބައިވެރިނުކުރާތީ އިސްރާއީލުގެ ބައެއް ފަރާތްތަކުގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުރި. ހާއްސަކޮށް އީރާނާއި ހަމާސްއާމެދު ކުރެވޭ މަޝްވަރާތަކުގައި އިސްރާއީލު ބައިވެރިނުކުރާތީ،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

ކަން މިހެން ހުރި ނަމަވެސް ބައެއް ސިޔާސީ ތަޖުރިބާކާރުން ބުނީ ޓްރަމްޕް މިހާރު އަމަލުކުރައްވަމުން ވަޑައިގަންނަވާ ގޮތްތަކަކީ "ފުޅާ ދާއިރާއެއްގައި ރާއްވަވައިގެން ކުރިއަށްގެންދަވާ ޑިޕްލޮމެޓިކް އުކުޅުތަކެއްކަމަށްވުން އެކަށީގެންވާ"ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *