Support Us

އަލްއުލާގައި ހުންނަ އާރް.ސީ.ޔޫގެ ހައިވާނުން ހިމާޔަތްކުރާ ހިޔާގައި އަންހެން އަރަބިއަން ލެޕާޑެއް އޭގެ ތުއްތު ދަރިފުޅާއެކު

200 އަށްވުރެ މަދުވެފައިވާ އަރަބިއަން ލެޕާޑް ހިމާޔަތްކުރަނީ

ދުނިޔޭގައި 200 އަށްވުރެ ވެސް މަދުވެފައިވާ އަރަބިއަން ލެޕާޑް ހިމާޔަތްކުރަން ރޯޔަލް ކޮމިޝަން އޮފް އަލްއުލާ (އާރް.ސީ.ޔޫ) އާއި އަރަބިއަން ލެޕާޑް ފަންޑް އަދި ސްމިތްސޯނިއަން އިންސްޓިޓިއުން އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްމިތްސޯނިއަންގެ ނެޝަނަލް ޒޫ އެންޑް ކޮންސަވޭޝަން ބަޔޮލޮޖީ އިންސްޓިޓިއުޓަށް އަރަބިއަން ލެޕާޑް ޖޯޑެއް، އަނބުރާ ދޭ ގޮތަށް އާރް.ސީ.ޔޫއިން ދޭނެއެވެ. ބޭނުމަކީ ހިމާޔަތްކުރުމުގެ މަސައްކަތާއި ޖެނެޓިކް ޑައިވާސިޓީ ޕްރޮމޯޓްކުރުމާއި އަދި ދުނިޔެއިން މަދުވެފައިވާ މި ބާވަތުގެ ލެޕާޑާމެދު ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކުރުމަށް ސައިންޓިފިކް ޕްރޮގްރާމެއް ހިންގުންކަމަށް ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކުރިއެވެ.

ސައިންޓިފިކް ނަމުން "ޕެންތެރަ ޕާޑަސް އެންމިރް"ގެ ނަން ދީފައިވާ އަރަބިއަން ލެޕާޑަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ބޮޑު ބުޅަލުގެ ބާވަތެކެވެ. އެ ގޮތުން ޖަންގަލިތަކުގައި މިހާރު އުޅެނީ ގާތްގަނޑަކަށް 120 އަރަބިއަން ލެޕާޑްކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ގާތްގަނޑަށް 20 އަރަބިއަން ލެޕާޑް އުޅެނީ ސައުދީ އަރަބިއްޔާގެ އަސީރު އަދި ހިޖާޒުގެ ހުޅަނގު ދެކުނު ފަރުބަދަތަކުގައެވެ.

އާރް.ސީ.ޔޫއިން ހައިވާނުން ހިމާޔަތްކުރާ، އަލްއުލާގައި ހުންނަ ހިޔާއެއްގައި މި ދިޔަ އަހަރު 27 އަރަބިއަން ލެޕާޑް އުޅުނުކަމަށް، އެ ކޮމިޝަންގެ އިސް އޮފިޝަލަކާ ހަވާލާ ދީ އަރަބް ނިއުސްއިން ރިޕޯޓުކުރިއެވެ.

އާރް.ސީ.ޔޫ އާއި ސްމިތްސޯނިއަން އިންސްޓިޓިއުޓުން އެއްބަސްވުމުގައި ސޮއިކުރަނީ

ސްމިތްސޯނިއަންއާއެކު އާރް.ސީ.ޔޫއިން އެއްބަސްވުން ގާއިމުކުރުމުގެ އެއް ބޭނުމަކީ އާރް.ސީ.ޔޫއިން ހިންގާ އަރަބިއަން ލެޕާޑް ވިއްސުމުގެ މަޝްރޫއު ކުރިއަށްގެންދިއުމެވެ.

"ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ ބިރު ވަރަށް ބޮޑަށް އޮތް އަރަބިއަން ލެޕާޑް ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުކުރުން ހާއްސަ ގޮތެއްގައި މުހިންމު. އެ ސޮރުމެން ދިރިއުޅޭ އަސްލު ތަންތަނުން ބޭރުގައި ވެސް އެ ސޮރުމެންގެ އާބާދީއެއް ގާއިމުކުރުން މުހިންމު،" އާރް.ސީ.ޔޫއިން ބުންޏެވެ.

އާރް.ސީ.ޔޫ އާއި ސްމިތްސޯނިއަންއިން ގާއިމުކުރި އެއްބަސްވުމުގެ އިތުރު އަމާޒުތަކުގެ ތެރޭގައި އަރަބިއަން ލެޕާޑާ ބެހޭ އިތުރު ސައިންޓިފިކް ތަހުލީލުތައްކުރުން ހިމެނެއެވެ. އަދި އެމެރިކާގައި އަރަބިއަން ލެޕާޑް އާއްމުންނަށް ދައްކައިލުމުގެ އިންތިޒާމު ހަމަޖެއްސުން ވެސް ހިމެނެއެވެ. އެއީ އެ ސޮރުމެންނަށް އިންސާނީ މުޖުތަމައުން ތަރުހީބު ހޯދުމުގެ ބޭނުމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *