އެމެރިކާއިން އެއް ޓްރިލިއަން ޑޮލަރު (15،398 ބިލިއަން ރުފިޔާ)ގެ އިންވެސްޓްމެންޓެއް ގަލްފުގެ ގައުމުތަކުން ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގަލްފުގެ ތިން ގައުމަކަށް މިއަދު ދަތުރެއް ފަށްޓަވައިފިއެވެ.
ގަތަރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ވެސް ހިމެނޭ ގޮތަށް ރާވައިފައިވާ ހަތަރު ދުވަހުގެ ދަތުރުގައި ޓްރަމްޕް މިއަދު ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.
ވެރިރަށް ރިޔާޒްގެ ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ޓްރަމްޕަށް މަރުހަބާ ދެންނެވީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއެވެ. މަރުހަބާ ދެންނެވުމަށްޓަކައި ސައޫދީގެ ސަގާފީ ކޮފީ މީރުކޮށްލެއްވުމަކާއި އެފް-15 ގެ ހަ ޖެޓު ސައުދީ ވައިގެ ސަރަހައްދުގައި ބުރެއްޖަހައިލިއެވެ.
ދިފާއީ އަދި ހަކަތައާ ބެހޭ އެއްބަސްވުންތަކުގެ އިތުރުން އެމެރިކާގެ އަތުން މިސައިލް ގަތުމާ ބެހޭ 3.5 ބިލިއަން ޑޮލަރު (53 ބިލިއަން ރުފިޔާ)ގެ އަގުހުރި އެއްބަސްވުމެއްގައި ސައުދީން ސޮއިކުރުމަށް ހަމަޖައްސައިފައިވެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބުރޫ ނާރާ ގޮތް ހެދުމަށް ސައުދީން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އެއްބަސްވެފައެވެ. އެއީ އެމެރިކާގެ އިގުތިސާދުގައި ތަކެތީގެ އަގުބޮޑުވުން ނުވަތަ އިންފްލޭޝަން ނިސްބަތް ވެސް ދަށް ނުވާނެ ގޮތް ހެދުމަށްޓަކައެވެ.
އެމެރިކާގެ ރިޔާސަތަށް ދެވަނަ ފަހަރަށް ވަޑައިގަތުމަށް ފަހު ގައުމުން ބޭރަށްކުރައްވާ ފުރަތަމަ ދަތުރުގައި ސައުދީގެ ފަރާތުން ޓްރަމްޕް ހޯއްދަވަން ބޭނުންވާ އިންވެސްޓްމެންޓްގެ ދާއިރާތަކުގެ ތެރޭގައި ދިފާއީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ އިތުރުން ސެމިކޮންޑަކްޓަރު ވެސް ހިމެނެއެވެ.
މަދަނީ ބޭނުންތަކަށް ނިއުކްލިއާ ހަކަތަ އުފައްދާ މަޝްރޫއެއް ހިންގުމަށް އެމެރިކާގެ ބެލުމުގެ ދަށުން ވަކި މިންވަރަކަށް ޔުރެނިއަމް މާއްދާ ފައްކާކުރުމަށް ސައުދީއަށް ހުއްދަ ދޭ އެއްބަސްވުމެއް ގާއިމުކުރުމަށް ޓްރަމްޕާއި ސަލްމާން އިއުލާންކުރައްވާނެކަމަށް ވެސް ބެލެވެއެވެ.
ސައުދީއާއެކު އިގުތިސާދީ އަދި ޑިޕްލޮމެޓިކް ގުޅުންތައް ހަރުދަނާކުރުމުގެ އިތުރުން މެދުއިރުމަތީގެ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ވެސް އެމެރިކާ އާއި ސައުދީން މަޝްވަރާކުރުމަށް ހަމަޖައްސައިފައިވެއެވެ. އޭގެ ތެރޭގައި ޣައްޒާ އަދި ޔަމަން މައްސަލަ ހިމެނެއެވެ.
ސިޔާސީ ތަޖުރިބާކާރުން ބުނީ ފަހަކަށް އައިސް އެމެރިކާ އާއި ސައުދީގެ ގުޅުން ބޮޑަށް ބަދަލުވަމުން އަންނަނީ ވިޔަފާރީގެ ގުޅުމަކަށްކަމަށެވެ.
"ސައުދީން އެމެރިކާއަށް ބާއްވާ ވަފާތެރިކަން ފަހުންފަހުން އައިސް ނެތެމުންދަނީ،" އެމެރިކާއިން ކުރިން ސައުދީއަށް ކަނޑައެޅި އެމްބެސެޑަރެއްކަމަށްވާ ޗާލްސް ފްރީމަން ބުންޏެވެ.
އިގުތިސާދީ އަދި ދިފާއީ އެއްބަސްވުންތަކެއް ގާއިމުކުރެއްވުމުގެ ބޭނުމުގައި ޓްރަމްޕް ގަލްފަށްކުރައްވާ މި ދަތުރުގެ މައިގަނޑު އެއް ކަމަކީ ސައުދީއާ ގުޅިގެން އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމެވެ.
މި ފޯރަމްގައި ގަތަރުން އެމެރިކާގެ އަތުން ބޮއިން މަތިންދާބޯޓާއި އެމް.ކިއު-9 ރީޕާ ޑްރޯން ގަތުމަށް 300 ބިލިއަން ޑޮލަރު (4،619 ބިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.
މި ދަތުރުގައި ގަލްފް ކޫޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ)ގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއެކު ޓްރަމްޕް ސަމިޓެއް ބާއްވަވާނެއެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަހްރައިން، ކުވައިތު، އުމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔޫ.އޭ.އީއެވެ. ޖީ.ސީ.ސީ ގައުމުތަކާއެކު ޓްރަމްޕް މަޝްވަރާކުރައްވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޣައްޒާ، ޔަމަން އަދި އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނެއެވެ.
ޓްރަމްޕްގެ ދަތުރުގައި އެމެރިކާ އާއި ގަލްފުގެ ގައުމުތަކާ ދޭތެރޭގައި ވިޔަފާރި އާއި ޓެކްނޮލޮޖީގެ ގުޅުންތައް ފުޅާކުރުމަށްޓަކައި އެމެރިކާގެ ޑެލިގޭޝަންގައި އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގައި ނަގާކިޔާ ވިޔަފާރިވެރިންކަމަށްވާ އީލޯން މަސްކް އާއި މާކް ޒަކާބާގް އަދި ސޭމް އޯލްޓްމަން ހިމަނުއްވައިފައިވެއެވެ. އެއީ ޓެކްނޮލޮޖީ އަދި އީޖާދުކުރަނިވި ފޯރަމްތަކުގައި ބައިވެރިވުމަށެވެ.
ގަތަރަށް ޓްރަމްޕް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ. ޔޫ.އޭ.އީއަށް ހުކުރު ދުވަހުއެވެ.



advertisment