އިނގިރޭސި ވިލާތުގައި ހުތުރު މަހުލޫގުން ހިމާޔަތްކުރާ އަގްލީ އެނިމަލް ޕްރިސަވޭޝަން ސޮސައިޓީން 2013 ގައި ދުނިޔޭގެ އެންމެ ހަތުރު މަހުލޫގުކަމަށް ހޮވި "ބްލޮބް" މަސް، ނިއު ޒިލެންޑްގެ އެންމެ ކަމުދާ މަސްކަމަށް ހޮވައިފިއެވެ.
ތިމާވެށި ހިމާޔަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ނިއު ޒިލެންޑްގެ މައުންޓަންސް ޓު ސީ ކޮންސަވޭޝަން ޓްރަސްޓުން ބުނީ ބްލޮބް މަހަށް މި މަގާމު ދޭން ނިންމީ ގައުމުގެ ކަނޑުގެ ދިރުންތަކާމެދު މީހުން ހޭލުންތެރިކުރުމަށްކަމަށެވެ. މި މަސް އުޅެނީ ނިއު ޒިލެންޑާއި އަދި އެ ގައުމުގެ އަވަށްޓެރި އޮސްޓްރޭލިއާގެ ކަނޑުތަކުގައެވެ.
އަގްލީ އެނިމަލް ޕްރިސަވޭޝަން ސޮސައިޓީގެ ރަސްމީ މެސްކޮޓަކީ މިހާރު ބްލޮބް މަހެވެ.
ގާތްގަނޑަކަށް އެއް މޭލު އަޑީގައި ދިރިއުޅޭ މި މަސް އެ ފުންކަމުގައި އުޅޭއިރު އާދައިގެން އެހެން މަސްތައްހާ ރީއްޗެވެ. ނަމަވެސް ކަނޑުން މައްޗަށް ގެނައުމުން، އޭގެ އަސްލު ސިފަ ހިފަހައްޓާނެ ޕްރެޝަރު ނެތުމުން، އެއްގަމަށް ގެންނަ އިރު އޮންނަނީ ވަކި އުސޫލެއް ނެތި މޮޑެފައިވާ ފުށްގަނޑެއްގެ ސިފައިގައެވެ.
ބްލޮބް މަސް ބޮޑު ވަނީ ގާތްގަނޑަކަށް އެއް ފޫޓަށެވެ.
ނިއު ޒިލެންޑްގެ އެންމެ ކަމުދާ މަހުގެ މަގާމަށް ބްލޮބް މަސް މިދިޔަ މާރިޗު މަހު ހޮވުނީ ކޮންމެ އަހަރަކު އެއް ފަހަރު މައުންޓަންސް ޓު ސީ ކޮންސަވޭޝަން ޓްރަސްޓުން ބާއްވާ ވޯޓުގައި 5،500 ވޯޓުން 1،300 ވޯޓު ލިބިގެންނެވެ.
މި ޖަމިއްޔާގެ ޕޯލްއަށް ވޯޓު ލީ މީހުން ބްލޮބް މަސް ހުތުރުކަމަކަށް ނުދެކެއެވެ.
"ބްލޮބް މަހަށް ގިނަ ވޯޓު ލިބުނީ އޭގެ ސިފަ އާދަޔާ ހިލާފަށް ރީތިވުމުން،" ޖަމިއްޔާގެ އެއް ޑިރެކްޓަރުކަމަށްވާ ކިމް ޖޯންސް ބުންޏެވެ.
ބްލޮބް މަހަށް ވޯޓުލުމަށް ނިއު ޒިލެންޑްގެ ދެ ރޭޑިއޯ ޕްރެސެންޓަރުންކަމަށްވާ ސެރާ ގެންޑީ އަދި ޕޯލް ފްލިން ވެސް ގޮވައިލިއެވެ.
"އެހެން މަސްތައް ހަބަރަށް އަރާވަރުން އަހަރެމެން އަދި ނިއު ޒިލެންޑްގެ ރައްޔިތުންނަށް ވެސް ފުދިއްޖެ،" ދެ މީހުން ބުނެފައިވެއެވެ.



advertisment