ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިސްރާއީލުން ހުރަސްއެޅިތާ ނުވަ ހަފުތާ ވެފައިވާއިރު ކާބޯތަކެއްޗާއި ބޭސް ހޯދުމަށް ހަތިޔާރު އެޅި އާއްމުންނާއި ގޭންގްތަކުން ތަންތަން ލޫޓުވައިތީ އޭގެ ތެރެއިން ބައެއް މީހުންނަށް މަރުގެ އަދަބު ދީފި ކަމަށް ޣައްޒާ ހިންގާ ހަމާސްއިން ބުނެފިއެވެ.
މަންޒަރު ދުށް މީހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކާބޯތަކެއްޗާއި ބޭސް ހޯދުމަށް އދ. އާއި އެހީ ދޭ ޖަމާއަތްތަކުގެ ގުދަންތަކާއި ބޭކަރީތަކާއި ފިހާރަތައް ދަނީ ލޫޓުވަމުންނެވެ.
ހަމާސްއިން ބުނީ މި ފަދަ ހަތިޔާރު އެޅި ގޭންގްތަކުގެ ތެރޭގައި އިސްރާއީލާ ގުޅިފައިވާ ފަރާތްތައްވެއެވެ. މީގެ އިތުރުން ހުޅަނގު އައްސޭރި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އާ ގުޅުން ހުރި މީހުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ހަމާސްއިން ބުންޏެވެ. ނަމަވެސް ޕީ.އޭއިން މި ކަމާ ދެކޮޅުހެދިއެވެ.
"ގުދަންތައް ރައްކާތެރިކުރަން ތިބޭ ސަލާމަތީ ބާރުތަކާ ކުރިމަތިލައި އެ ތަންތަން ލޫޓުވަމުން ދަނީ،" ހަމާސްއިން ބުންޏެވެ.
ހަމާސްއިން މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ސަލާމަތީ އާ ފައުޖެއް ވެސް ވަނީ ނެރެފައެވެ.
އިންސާނީ އެހީ ދޭ ޖަމާއަތްތަކުން ބުނީ ބަނޑުހައިހޫނުކަމުގައި ޣައްޒާގެ 3،500 ކުޑަކުދިން މަރުގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ސާފު ފެން ނެތުމުން ތަފާތު ބަލިތަކަށް ވެސް އެ ކުދިން ހުށަހެޅިފައިވާ ކަމަށެވެ.
އދ.ގެ ފަލަސްތީން ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނީ އެ ތަނުން ފޯރުކޮށްދޭ ހުރިހާ އެހީއެއް މިހާރު އެއްކޮށް ހުސްވެފައިވާ ކަމަށާއި ބާކީ ހުރި އިޖުތިމާއީ ބަދިގެތައް ބަންދުކުރަމުންދާ ކަމަށެވެ.
އިސްރާއީލުން މާރިޗު މަހުގެ ފުރަތަމަ ހަފުތާގައި ޣައްޒާއަށް ވައްދާ އެހީއަށް ހުރަސްއަޅައި، ޣައްޒާ ހަނގުރާމަ އަލުން ފެށުމާ ގުޅިގެން ޣައްޒާ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސް ނުލިބުމުން ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ އިސްރާއީލު ކުށްވެރިކުރަމުންނެވެ. ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 50،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.



advertisment