ޖަރުމަނީގެ އިނގިލި ރެސްލިން ނުވަތަ ފިންގާ ރެސްލިން މުބާރާތް ބާއްވައިފިއެވެ. މިއީ މި ގޮތަށް ބޭއްވި 64 ވަނަ މުބާރާތެވެ.
އާދީއްތަ ދުވަހު ބޭއްވި މި ފަހަރުގެ މުބާރާތުގައި 180 މީހުން ވާދަކުރިއެވެ. ބެލެވޭ ގޮތުގައި 19 ވަނަ ގަރުނުގައި ފެށި މި މުބާރާތަކީ މީހުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން ބާއްވަން ފެށި މުބާރާތެކެވެ.
ޖަރުމަނީގެ ބަހުން "ފިންގާހާކަލްން" ކިޔާ މި މުބާރާތުގައި ދެ ވާދަވެރިން މޭޒެއްގެ ދެކޮޅުގައި އިށީނދެއެވެ. ދެ މީހުންގެ މެދު އިނގިލީގައި ކުޑަ ލެދަރު ވާކޮޅެއް އޮޅައިލައެވެ. ރެފްރީގެ އިޝާރާތާއެކު ދަމަން ފަށައި، ވާދަވެރިޔާ މޭޒުމައްޗަށް ތިރިކޮށްލެވޭތޯ މަސައްކަތްކުރެއެވެ. މި ކަމަށް ނަގަނީ މަދު ސިކުންތުކޮޅެކެވެ. އަދި އާއްމު ގޮތެއްގައި ބައިވެރިވާ މީހުންގެ މެދު އިނގިލީގެ ހުޅުތައް ނައްޓައިގެންދެއެވެ. ބައެއް ފަހަރަށް މެދު އިނގިލިން ވާކޮޅު ނެއްޓިގެން ގޮސް ވާދަވެރިޔާ ފަހަތަށް ވެއްޓިދާނެތީ އޭނާ ހިފަހައްޓަން އެހީތެރިން ފަހަތުގައި ތިބެއެވެ.
ކޮންމެ ބުރަކުން މޮޅުވާ މީހަކު އަނެއް ބުރަށް ދެއެވެ. ހަށިގަނޑުގެ ބަރުދަނަށާއި އުމުރަށް ބަލައިފައި އެކި ކެޓިގަރީން މޮޅުވާ މީހުން ހޮވައެވެ.

ސަގާފީ ގޮތުން މި މުބާރާތުގައި ބައިވެރިވަނީ ހަމައެކަނި ފިރިހެނުންނެވެ.
މިހާރު ފިންގާހާކަލްންއަކީ ވަރަށް ރޭވިގެން ހިންގާ މުބާރާތެކެވެ. އެ ގޮތުން މޭޒާއި މެދު އިނގިލީގައި އައްސާ ވާކޮޅުގެ މިން ވެސް ވަނީ ކަނޑައަޅައިފައެވެ.
"މި ކުޅިވަރު ކުޅޭ ނުވަ ކްލަބް ޖަރުމަނީގައި އަދި ހަތަރު ކްލަބް އަވަށްޓެރި އޮސްޓްރިއާގައި އެބަހުރި. މިއީ އެއްގޮތަކަށް ވެސް ނުރައްކާތެރި ކުޅިވަރެއް ނޫން. ދޭތެރެއަކުން މެދު އިނގިއްޔަށް ކުޑަވަރެއްގެ ޒަހަމެއް ލިބިދާނެ. މާ ނުރައްކާތެރި ކުޅިވެރެއްހެން ބައެއް މީހުންނަށް ހީވަނީ ބައެއް ފަހަރަށް ކުދިކުދި ޒަހަމްތަކާއި އިނގިލިން ލޭ އަންނާތީ،" ފިންގާ ރެސްލިން ހިންގާ ޖަރުމަނީގެ އެންމެ ދުވަސްވީ އެއް ކްލަބްގެ ޗެއާމަން ގިއޯގް ހެއިލާ ބުންޏެވެ.

މި ކުޅިވަރުގައި ވާދަކުރާ މީހެއްކަމަށްވާ މެކްސިމިލިއަން ވޮއެލްފްލް ބުނީ ފިންގާ ރެސްލިންއަކީ ހަމައެކަނި ބާރުގެ ބޭނުންކުރަންޖެހޭ ކުޅިވަރެއް ނޫން ކަމަށާއި ހުނަރަކީ ވެސް މުހިންމު އެއްޗެއް ކަމަށެވެ.
"ތަފާތު އުކުޅުތައް ބޭނުންކުރަންޖެހޭ. މިސާލަކަށް، މޭޒު ދޮށުގައި އިށީންނާނީ ކިހިނެތްތޯ. އަހަރެންގެ ހަށިގަނޑުގެ ބާރު އަހަރެންގެ މެދު އިނގިލީގައި އޮޅާފައިވާ ވާކޮޅަށް ފޮނުވައިލާނީ ކިހިނެތްތޯ. އަދި މެދު އިނގިއްޔަށް ތަމްރީން ވެސް ދޭން ޖެހޭ،" އޭނާ ކިޔައިދިނެވެ.
މުބާރާތް ފެށުމުގެ ކުރިން ވާދަވެރިން ވޯމް-އަޕް ކުރުމަށް ކުރާ ކަންތައްތަކުގެ ތެރޭގައި މެދު އިނގިލިން ބަރު އުފުލުން ހިމެނެއެވެ.



advertisment