Support Us

މި މަހު ކުރީކޮޅު ޣައްޒާގެ އިޖުތިމާއީ ބަދިގެއަކުން ކާބޯތަކެތި ބަލާ އައިސް އިން ފަލަސްތީން ކުޑަކުއްޖަކު ތެއްޔެއް ބޮލުގައި އަޅައިގެން

އދ.އިން ޣައްޒާއަށް ފޯރުކޮށްދިން ކާބޯތަކެތި އެއްކޮށް ހުސްވެއްޖެ

އދ.އިން ޣައްޒާއަށް ފޯރުކޮށްދިން ހުރިހާ ކާބޯތަކެތި މުޅިން ހުސްވެއްޖެ ކަމަށް އދ.ގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ)އިން މިއަދު އިއުލާންކޮށްފިއެވެ.

"މި ކަމުގެ ސަބަބުން އިސްރާއީލުން ބަންދުކޮށްލައިފައިވާ ޣައްޒާގެ ދެ މިލިއަން ފަލަސްތީން ރައްޔިތުންނަށް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވާނެ،" އެ އިދާރާއިން ބުންޏެވެ.

ޑަބްލިޔު.އެފް.ޕީން ބުނީ އެ އިދާރާގައި ހުރި އެންމެ ފަހު ކާބޯތަކެތި ޣައްޒާގައި މިހާރު ހުރި ހަމައެކަނި މަދު އިޖުތިމާއީ ބަދިގެތަކަށް ފޯރުކޮށްދީފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މި ކާބޯތަކެތި ހުސްވާނެ ކަމަށެވެ.

މި ބަދިގެތަކުން މިހާތަނަށް ފޯރުކޮށްދެވުނީ ޣައްޒާގެ ރައްޔިތުންނަށް ދުވާލަކު ބޭނުންވާ އެންމެ 25 ޕަސެންޓްގެ ކާބޯތަކެއްޗެވެ. ނަމަވެސް މިއީ ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކޮށްދިން ބަދިގެތަކެވެ.

ޣައްޒާއަށް އެހީ ދިނުން އިސްރާއީލުން އެއްކޮށް ހުއްޓުވައިލީ މި ދިޔަ މަހު ދޭއްގައެވެ. އެ ގޮތުން ހަމާސްއިން ރަހީނުން ދޫކޮށްލާތޯ ޕްރެޝަރު ކުރަން ކަމަށް އުޒުރު ދައްކައި އިސްރާއީލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ވެއްދުމަށް ހުރަސްއަޅައިފައެވެ.

އިސްރާއީލުގެ މި ނިންމުން އަނބުރާ ގެންދިއުމަށް އިސްރާއީލުގެ ކިބައިން ނޭދޭނެ ކަމަށް އިސްރާއީލުގެ އެންމެ ރަހްމަތްތެރި ގައުމުކަމަށްވާ އެމެރިކާގެ އެމްބެސެޑަރު މައިކް ހަކަބީ ބުންޏެވެ.

"މިހާރު ވެސް ޣައްޒާގެ ބޯޑަރުގައި ތާށިކޮށްލައިފައިވާ 116،000 މެޓްރިކް ޓަނުގެ ކާބޯތަކެތި އެބަހުރި. މީގެން ޣައްޒާގެ އެއް މިލިއަން މީހުންނަށް ހަތަރު މަހު ކާންދެވޭނެ،" ޑަބްލިޔު.އެފް.ޕީން ބުންޏެވެ.

ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނީ ޣައްޒާ މިހާރު އޮތީ ބަނޑަށްޖެހުމުގެ ތުންފަތްމަތީގައި ކަމަށެވެ.

"ޣައްޒާގެ މާރުކޭޓުތަކުގައި އަސާސީ ދެ ތަކެތި ކަމަށްވާ ފުށާއި ތެލެއް ނެތް،" އެ އިދާރާއިން ބުންޏެވެ.

"މިދިޔަ ޖަނަވަރީ މަހުން ފެށިގެން ހަމައެކަނި ދެ މަސް ދުވަހަށް ދެމިގެންދިޔަ ސުލްހަ އިސްރާއީލުން މިދިޔަ މަހު 18 ގައި މުގުރައިލުމުން ޣައްޒާއަށް ލިބުނު ތަސައްލީ މިހާރު އެއްކޮށް ނެތިގޮސްފި،" ޑަބްލިޔު.އެފް.ޕީން ބުންޏެވެ.

އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރައިމައިގައި ފަލަސްތީންގެ 51،000 އަށްވުރެ ގިނަ ރައްޔިތުން މިހާރު ވަނީ ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *