Support Us

ކަޝްމީރުގައި އިއްޔެ މަރައިލި ޓޫރިސްޓުންގެ ޖަނާޒާގައި އިންޑިއާގެ ދާހިލީ ވަޒީރު އަމިތު ޝާހު (ކ) ބައިވެރިވެ ވަޑައިގަންނަވަނީ

ކަޝްމީރުގައި ޓޫރިސްޓުން މަރައިލީ ޕާކިސްތާނާ ގުޅިފައިވާ ގްރޫޕެއްތޯ ތަހުގީގުކުރަނީ

ބައި މިލިއަނެއްހާ ސިފައިން ބައިތިއްބައިގެން އިންޑިއާއިން ކޮންޓްރޯލުކުރާ ކަޝްމީރު ފަޅީގައި ޓޫރިސްޓުންތަކެއް މަރައިލި ހަމަލާދިނީ ޕާކިސްތާންގެ ގްރޫޕެއްކަމަށްވާ ލަކްޝަރޭތޮއިބާއާ ގުޅުން ހުރި ކަޝްމީރު ރެސިސްޓެންސް ނަމަކަށް ކިޔާ ގްރޫޕެއްތޯ ޔަގީންކުރަން ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.

އިންޑިއާގެ 24 ޓޫރިސްޓުންނާއި ނޭޕާލު ރައްޔިތަކާއި އަދި ކަޝްމީރުގެ ޓުއާ ގައިޑެއް މަރުވުމުގެ އިތުރުން، ވަކި ހަމައެއް ނެތި އިއްޔެ ބަޑިޖެހުމުގެ މި ހާދިސާގައި ޕަހަލްގަމް ސަރަހައްދުގައި 17 މީހުން ޒަހަމް ވެސް ވިއެވެ.

"ކުޑަ ސްވިޒަލެންޑް"ގެ ނަމުން މުހާތަބު ކުރެވޭ މަގުބޫލު މި ފަތުރުވެރިންގެ ސަރަހައްދަށް ދިން ހަމަލާއަކީ މި ފަހުގެ ތާރީހުގައި އާއްމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ކަޝްމީރު ރެސިސްޓެންސުން ބުނީ މި ހަމަލާދިނީ ކަޝްމީރުން ބޭރު މީހުންނަށް ކަޝްމީރުގައި ވަޒަންވެރިވުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދޭތީ ކަމަށެވެ.

ކަޝްމީރުގައި އިއްޔެ ދިން ހަމަލާގައި ސަލާމަތްވި ޓޫރިސްޓުން ސިހިފައި

މި ގްރޫޕް ހޯދުމަށް ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ އާއި އިންޑިއާގެ އެހެނިހެން ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދާ މަސައްކަތުގައި ހެލިކޮޕްޓަރު ބޭނުންކުރުމުގެ އިތުރުން ޝައްކު ކުރެވޭ ބައެއް މެންބަރުންގެ ސޫރައިގެ ކުރެހުން ވަނީ އާއްމުކޮށްފައެވެ.

ހަމަލާދިނުމާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދެވި ދަތުރު މެދުކަނޑައިލައްވައިފައިވަނީ އިންޑިއާއަށް އެނބުރި ވަޑައިގަތްފައެވެ.

"މިއީ ބޮޑުވެގެންވާ ނުބައި އަމަލެއް،" މޯދީ ވިދާޅުވިއެވެ.

ދާހިލީ ވަޒީރު އަމިތު ޝާހު ވަނީ ސްރީނަގަރު ސިޓީއަށް ޒިޔާރަތްކުރައްވައި މަރުވި އަދި ޒަހަމްވި މީހުންގެ އާއިލާތަކާއި ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ހަމަލާދިން ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގަތްފައެވެ.

ކަޝްމީރުގައި އިއްޔެ ޓެރަރިސްޓް ހަމަލާ ދިނުމުން އިންޑިއާ ސިފައިން ޕަހަލްގަމްއަށް ޖަމާވަނީ

"ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި، ބާރުގަދަ އަދި ސާފު މެސެޖެއް ދޭނަން މި ހަމަލާގެ ފަހަތުގައިވާ ފަރާތްތަކަށް،" ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވިދާޅުވިއެވެ.

ހަމަލާއާ ގުޅިގެން އިންޑިއާގައި ގައުމީ ފެންވަރުގައި ވަނީ ރުޅިވެރިކަން އުފެދިފައެވެ. އެ ގޮތުން މުޒާހަރާތަކެއް ވަނީ ބާއްވައިފައެވެ. އެއީ މި ހާދިސާގެ ސަބަބުން ކަޝްމީރުގެ ޓޫރިޒަމް ސިނާއަތަށް ގެއްލުން ލިބޭނެތީކަމަށް ބުނެފައެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނީ އިންޑިއާ އާއި ޕާކިސްތާނުން ކަޝްމީރަކީ އެ ދެ ގައުމުގެ ތަނެއް ކަމަށް ދައުވާކުރާ މި ސަރަހައްދުގައި ޓޫރިސްޓުންނަށް ހަމަލާ ދިނުމަކީ ދިފާއީ ގޮތުން ނިކަމެތި މީހުންނަށް ހަމަލާ ދިނުމުގެ ޓްރެންޑެއްގެ ފެށުން ކަމަށް ބެލެވޭ ކަމެއް ކަމަށާއި މިއީ ކަޝްމީރަށް ނުރައްކާތެރި ފާލެއް ކަމަށެވެ.

ކަޝްމީރަށް މިދިޔަ އަހަރު ޖުމުލަ 3.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކުގެ 65،000 ފަތުރުވެރިން ހިމެނެއެވެ.

މި ހަމަލައާ ގުޅިގެން ޕާކިސްތާންގެ ހާރިޖީ ވުޒާރާއިން ވަނީ ކަންބޮޑުވާ ކަމަށް ބުނެ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔައި އަދި ޒަހަމްވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *