Support Us

ސެންޓިނެލް ރަށުގެ މަތިން ނަގައިފައިވާ ފޮޓޯއެއް އަދި ވަކި ފޮޓޯގައި މިކައިލޯ ވިކްޓޮރޮވިޗް ޕޮލްޔަކޯފް

އިންޑިއާއިން އެރުން މަނާކޮށްފައިވާ އަންޑަމަން ޖަޒީރާއިން އެމެރިކާ މީހަކު ހައްޔަރަށް

އިންޑިއާގެ 750 މޭލު އިރުމަތިން އޮންނަ، އިންޑިއާއިން އެރުން މަނާކޮށްފައިވާ އަންޑަމަން އަދި ނިކޯބާ ޖަޒީރާތަކުގެ ސެންޓިނެލް ރަށަށް އެރި އެމެރިކާ މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 24 އަހަރުގެ މިކައިލޯ ވިކްޓޮރޮވިޗް ޕޮލްޔަކޯފްއަކީ ޔޫޓިއުބަށް ވީޑިއޯ ލާ މީހެކެވެ. އޭނާ މަސައްކަތްކުރީ އެތައް ހާސް އަހަރެއް ވަންދެން އެ ރަށުގައި އެކަހެރިކޮށް އުޅޭ ބާގައެއްގެ މީހުންނާ ބައްދަލުކުރެވޭތޯއެވެ.

ސެންޓިނެލްއާ ތިން މޭލާ ކައިރިން ބޯޓުފަހަރު ދަތުރުކުރުން ވެސް އިންޑިއާއިން އޮންނަނީ މަނާކޮށްފައެވެ.

ސެންޓިނެލްގެ ރަށްވެހިންނަކީ އެ ރަށުން ބޭރަށް ނުގޮސް، ލޮންސި އާއި ދުނި ބޭނުންކޮށްގެން އެ ރަށުގެ ބޯ ޖަންގަލިތަކުން ޖަނަވާރު ޝިކާރަކޮށްގެންނާއި ފަޅުން މަސް ފަދަ ތަކެތި ބާނައިގެން ދިރިއުޅޭ ބައެކެވެ.

އަންޑަމަން ޖަޒީރާގެ ގޮނޑުދޮށެއްގައި އެ ރަށުގެ ރަށްވެހިން

ސެންޓިނެލް ރަށްވެހިންނަކީ "ބިދޭސީން"ނާ މެދު ޝައްކުގެ ނަޒަރަކުން ބަލާ ބައެކެވެ. އެ ރަށުގެ ގޮނޑުދޮށަށް ފައިބާ ކޮންމެ މީހަކަށް ހަމަލާދެއެވެ. އެ ގޮތުން 2018 ގައި ގަވައިދާ ހިލާފަށް އެ ރަށު ގޮނޑޮދަށަށް އެރި އެމެރިކާގެ ނަސޯރާ ދީން ފަތުރާ ފާދިރީއެއްގެ ގަޔަށް ދުނި ޖަހައި އޭނާ މަރައިލައި އޭނާގެ ހަށިގަނޑު ބީޗްގައި ވަޅުލިއެވެ. އޭގެ ކުރިން 2006 ގައި އޮޅިގެން އެ ރަށަށް އެރުނު ދެ މަސްވެރިން ވެސް ވަނީ މަރައިލައިފައެވެ.

އަންޑަމަންގެ ވެރިރަށް ޕޯޓް ބްލެއާގެ ކޯޓަކަށް އަންނަ އަންގާރަ ދުވަހު ޕޮލްޔަކޯފް ހާޒިރު ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ގަވައިދާ ހިލާފަށް ސެންޓިނެލްއަށް އެރިކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މީގެ އިތުރުން ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ.

ސެންޓިނެލްގެ ބީޗްގައި އޭނާ އެއް ގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް ކަށިގަނޑެއް ފުމުމުން ވެސް ރަށްވެހިންގެ ހަބަރެއް ނުވުމުން ވީޑިއޯކޮޅެއް ނެގުމަށް ފަހު ޑައެޓް ކޯކް ދަޅަކާއި ކާށްޓެއް ބީޗްގައި ބާއްވައިފައި ގޮނޑުދޮށުން ވެލިކޮޅެއް ހޮވައިގެން ރަށުން ފައިބައިގެން އޭނާ އައި ބޯޓަށް އަރައިގެން ދިޔައީއެވެ.

"މިއީ އޭނާއަށް އެޑްވެންޗާއަކަށް ވެދާނެ. އެކަމަކު މިއީ އިންޑިއާގެ ގާނޫނުތަކާ ހިލާފުވުން. ބިދޭސީން ސެންޓިނެލް ރަށްވެހިންނާ ބައްދަލުކުރުމުން ސެންޓިނެލް ރަށްވެހިންގެ ދިރިހުރުމަށް ނުރައްކާވެދާނެ،" ޕޮލްޔަކޯފްގެ ތަހުގީގުގައި ބައިވެރިވާ ފުލުހަކު ނަން ނުޖަހަން ޝަރުތުކޮށްފައި އޭ.ޕީއަށް ބުންޏެވެ.

އިންޑިއާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓްގެ އޮފިޝަލަކު ވަނީ ޖަލަށް ޒިޔާރަތްކޮށް ޕޮލްޔަކޯފްއާ ބައްދަލުކޮށްފައެވެ.

"ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ އެމެރިކާގެ ރައްޔިތުންނަށް އެހީވުމަކީ އަހަރެމެން ސީރިއަސްކޮށް ނަގާ ކަމެއް. މި ކަން މިހާރު މޮނިޓާ ކުރަމުން މި އަންނަނީ،" އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޒާތީ މައުލޫމާތުތައް ރައްކާތެރިކުރަން ކަމަށް ބުނެ މި މައްސަލައިގައި އެ އިދާރާއިން އިތުރު އެއްޗެއް ނުބުނެއެވެ.

އިންޑިއާގެ ފުލުހުން ބުނީ ޕޮލްޔަކޯފް ސެންޓިނެލްއަށް ދަތުރުކުރީ ކަނޑާއި އޮއިވަރާއި ރަށަށް އެރެން ހުރި ގޮތްތައް ކުރިން ދިރާސާކޮށްފައި ކަމަށެވެ.

އޭނާ ފެނިގެން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރީ އިންޑިއާގެ މަސްވެރިންނެވެ. ޕޮލްޔަކޯފް ހައްޔަރުކުރީ ޕޯޓް ބްލެއާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *