Support Us

އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީން ރެޑް ކްރެސެންޓްގެ ސިއްހީ އެހީތެރިންގެ ހަށިގަނޑުތައް ގެންދަނީ

މެޑިކުން ޝަހީދުކޮށްލި މައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގަކަށް ގޮވައިލައިފި

ޣައްޒާގެ 14 ސިއްހީ އެހީތެރިންނާއި އދ.ގެ މުވައްޒަފެއް އިސްރާއީލު ސިފައިން މި ދިޔަ މަހު ގަސްދުގައި މަރައިލި މައްސަލައިގެ ބައިނަލްއަގުވާމީ މިނިވަން ތަހުގީގެއް ކުރުމަށް ފަލަސްތީން ރެޑް ކްރެސެންޓާއި ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވައިލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި އެތެރޭގެ ތަހުގީގެއްގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރުމުން އޮސްޓްރޭލިއާ އާއި އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ އިސްރާއީލު އަސްކަރިއްޔާގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލިދާނެ މައްސަލައެއް ކަމަށެވެ.

"ހޮސްޕިޓަލްތަކާއި އިންސާނީ އެހީ ދޭ މަސައްކަތްތެރިންނަށް އިސްރާއީލު ސިފައިން ހަމަލާ ދިނުމަކީ ހަނގުރައިމައިގެ ޖަރީމާއެއް،" އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗްއިން ބުންޏެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ ފަލަސްތީން ރެޑް ކްރެސެންޓްގެ މެޑިކުންނާއި ޣައްޒާގެ މަދަނީ ދިފާއީ މަސައްކަތްތެރިންނާއި އދ.ގެ މުވައްޒަފަކު މަރައިލުމަކީ ނިޒާމެއްގެ ދަށުން ހިންގާ ޖަރީމާތަކެއްގެ ބައެއް ކަމަށެވެ. އެ ގޮތުން އޮކްޓޫބަރު 2023 ގައި ޣައްޒާ ހަނގުރާމަ ފެށި ފަހުން ސިއްހީ މަސައްކަތްތެރިންނާއި ޣައްޒާގައި ހުންނަ ސިއްހީ އެހީ ދޭ ތަންތަނަށް އިސްރައީލުން ވަނީ ހަމަލާ ދީފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ އިސްރާއީލު އަސްކަރިއްޔާ ޖަވާބުދާރީ ކުރުވޭނީ ބޭރުގެ ފަރާތްތަކުން ތަހުގީގެއް ކުރުމުން ކަމަށެވެ. ސަބަބަކީ އިންސާނުން ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކަނޑައަޅައިފައިވާ ގާނޫނުތައް އިސްރާއީލު ސިފައިން ނިޒާމީ ގޮތެއްގެ ދަށުން މުގުރަމުންދާތީއެވެ.

ފަލަސްތީން ރެޑް ކްރެސެންޓާއި ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ އިސްރާއީލު ސިފައިން 15 މެޑިކުން މަރައިލި މައްސަލައިގެ ބައިނަލްއަގުވާމީ މިނިވަން މުސްތަގިއްލު ތަހުގީގެއް ކުރަން ޖެހޭނެ ކަމަށެވެ.

"ކުއްލި ހާލަތްތަކުގައި ސިއްހީ އެހީ ދޭ ފަރާތްތަކަށް އިސްރާއީލު ސިފައިން ގަސްދުގައި ހަމަލާ ދެނީ،" އެ ދެ އިދާރާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ޕޯސްޓް މޯޓަމުން ދެއްކި ގޮތުގައި މަރައިލި މެޑިކުންގެ ހަށިގަނޑުގެ މަތީ ބަޔަށް ބަޑިޖަހައިފައިވަނީ. މިއީ ގަސްދުގައި މަރައިލުމުގެ ނިޔަތުގައި ކުރި ކަމެއް،" ފަލަސްތީން ރެޑް ކްރެސެންޓުން ބުންޏެވެ.

ޝަހީދުކޮށްލި މެޑިކުންގެ ހަށިގަނޑުތައް އިސްރާއީލު ސިފައިން ވަނީ ދާގަނޑަކަށް ލައި ވަޅުގަނޑަކަށް ލައިފައެވެ. އެ ހަށިގަނޑުތައް އޮތް ތަން އދ.އަށް އެންގުމުން އެ ހަށިގަނޑުތައް ނެގުމުގައި މަސައްކަތްކުރި މީހުން ބުނީ ބައެއް މެޑިކުންގެ އަތްފައި ވަނީ ބަނދެފައި ގަޔަށް ބަޑިޖަހައިފައި ކަމަށެވެ.

އިސްރާއީލު އަސްކަރިއްޔާއިން ހިންގި އެތެރޭގެ ތަހުގީގަށް ފަހު އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ޕްރޮފެޝަނަލްކޮށް ބައެއް ކަންތައްތަކުގައި އިސްރާއީލު ސިފައިން ފޭލިވެފައިވާ ކަމަށް އެއްބަސްވާ" ކަމަށާއި މި މައްސަލައިގައި ކޮމާންޑަރެއްގެ ނައިބެއް ވަޒީފާއިން ވަކިކުރި ކަމަށެވެ.

ބަޔާނުގައި ބުނީ "ރޭގަނޑު ރަނގަޅަށް ނުފެންނާތީ" އެމްބިއުލެންސްތަކާއި އަލިފާން ނިއްވާ ލޮރީއަކީ ހަމާސްގެ ވެހިކަލްތަކެއް ކަމަށް ހީވީކަމަށާއި އެ އުޅަނދުތައް ބުލްޑޯޒަރުތަކުން ފިސްފިސްކޮށްލީ "މަގުމަތި ސާފުކޮށްލައި ރައްކާތެރިތަނަކަށް ހަދައިލަން" ކަމަށެވެ.

ނަމަވެސް ޝަހީދުކޮށްލި މެޑިކެއްގެ ފޯންގައިވާ ވީޑިއޯއަކުން ފެންނަނީ މި ވެހިކަލްތަކުގައި ރަނގަޅަށް ފެންނަ ގޮތަށް ނަން ބޯޑުތައް ޖަހައިފައިވާ މަންޒަރާއި ނިވި ދިއްލޭ ބޮކިތައް ވެސް ދިއްލައިގެން ދުއްވި މަންޒަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *