Support Us

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްތަޝީ (ކ) އަދި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޮފް

އީރާން-އެމެރިކާ ނިއުކްލިއާ ވާހަކަތައް 3 ވަނަ ބުރަކަށް

އީރާނާއި އެމެރިކާއާ ދެމެދު ނުސީދާކޮށް ފަށައިފައިވާ ނިއުކްލިއާ މަޝްވަރާތަކުގެ ތިންވަނަ ބުރެއް ބާއްވަން ނިންމައިފިއެވެ.

"އަންނަ ހޮނިހިރު ދުވަހު ތިންވަނަ ބުރު ބާއްވާނަން. (އިއްޔެ އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވި) ދެވަނަ ބުރު ނިމުނީ އޮއްޓަރު ހުރި ގޮތެއްގައި،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްތަޝީ ވިދާޅުވިއެވެ.

ތިންވަނަ ބައްދަލުވުން ބޭއްވުމުގެ ކުރިން މި ހަފުތާގައި ފަންނީ ތަޖުރިބާކާރުން ބައްދަލުކުރަން ވެސް ހަމަޖައްސައިފައިވެއެވެ.

އެމެރިކާގެ އޮފިޝަލަކު ބުނީ ދެވަނަ ބުރުގައި "ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބުނު" ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތަކުގެ ދެވަނަ ބުރު އިއްޔެ ކުރިއަށް ދިޔަ އިރު އެ ބައްދަލުވުން ބޭއްވި އިޓަލީގައި ހުންނަ އުމާންގެ އެމްބަސީގެ ދޮރެއް ކައިރީގައި ފުލުހުން ފޯރިމަރަނީ

ދެވަނަ ބުރު ބޭއްވީ އަރާގްތަޝީގެ ޑެލިގޭޝަނާއި އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޮފްގެ ޑެލިގޭޝަނާ މެދުގައެވެ.

ބައްދަލުވުން އޮތީ ރޯމްގައި ހުންނަ އުމާންގެ އެމްބަސީގައި ކަމަށް އަރާގްތަޝީ ވިދާޅުވިއެވެ. ބައްދަލުވުން ހަތަރު ގަޑިއިރަށް ދެމިގެންދިޔައެވެ. އީރާންގެ ޑެލިގޭޝަނާއި އެމެރިކާގެ ޑެލިގޭޝަން ތިބީ ވަކި ދެ ކޮޓަރިއެއްގައެވެ. އެ ދެ ޑެލިގޭޝަންގެ ދެމެދުގައި ވާހަކަތައް ކުރިއަށް ދިޔައީ ދެ ޑެލިގޭޝަންގެ ދެމެދުގައި މެސެޖް ބަދަލުކޮށްގެންނެވެ. މި މެސެޖްތައް ހިފައިގެން އެއް ކޮޓަރިން އަނެއް ކޮޓަރިއަށް އިރުއިރުކޮޅާ ދެކޮޅަށް ދެކޮޅަށް ހިންގެވީ އުމާންގެ ހާރިޖީ ވަޒީރު ބަދްރުއްބޫސްއައިދީ ކަމަށް އިރާނުގެ އޮފިޝަލުން ބުންޏެވެ.

"ބައެއް ކަހަލަ ސިޔާސަތުތަކާއި އަމާޒުފަތްގަނޑުތަކަށް ވާސިލުވުމަށް އަހަރެމެންނަށް އެއްބަސްވުންތަކަކަށް އާދެވުނު. މަޝްވަރާތައް ކުރިއަށް ދިޔައީ އޮއްޓަރު ހުރި މާހައުލެއްގައި. ކުރިއެރުން އެބަ ލިބޭ،" އަރާގްތަޝީ ވިދާޅުވިކަމަށް އީރާންގެ ދައުލަތުގެ މުޅިން ރަސްމީ ނޫން ތަސްނީމް ނޫސް އެޖެންސީން ރިޕޯޓުކުރިއެވެ.

"ފަންނީ ތަޖުރިބާކާރުންގެ މެދުގައި މި ހަފުތާގައި ބާއްވާ ބައްދަލުވުންތަކަށް ފަހު، އަހަރެމެންނަށް ރަނގަޅު ހިސާބަކަށް އާދެވޭނެ. ހައްދުފަހަނަޅައިވަރަށް އުއްމީދުކުރާކަށް ނުވާނެ. އަދި ހައްދުފަހަނަޅައިވަރަށް އުއްމީދު ގެއްލުވައިލުމުގެ ސަބަބެއް ވެސް ނެތް،" އަރާގްތަޝީ އިތުރަށް ވިދާޅުވިއެވެ.

ދެވަނަ ބުރު ބޭއްވީ އޭގެ ހަފުތާއެއް ކުރިން ފުރަތަމަ ބުރު އުމާންގެ ވެރިރަށް މަސްގަތުގައި ބޭއްވުމަށް ފަހުއެވެ. އެ ބައްދަލުވުމަކީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް 2018 ގައި ވަޑައިގަތުމަށް ފަހު، 2015 ގައި ބައިނަލްއަގުވާމީ މުޖުތަމައުން އީރާނާއެކު ގާއިމުކުރި ތާރީހީ ނިއުކްލިއާ ސުލްހައިގެ މުއާހަދާ އުވާލެއްވުމަށް ފަހު އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި އިސް އޮފިޝަލުންގެ ފުރަތަމަ ބައްދަލުވުމެވެ.

އީރާނަށް 1979 ގައި އިސްލާމީ އިންގިލާބު އައިތާ ކުޑަ ދުވަސްކޮޅެއް ފަހުން އެމެރިކާއިންވަނީ ޑިޕްލޮމެޓިކް ގުޅުން ކަނޑައިލައިފައެވެ.

ޖަނަވަރީ މަހު ޓްރަމްޕް އަލުން ރައީސް ކަމަށް ވަޑައިގަތުމަށް ފަހު އޭނާވަނީ އީރާނާ ދެކޮޅަށް އެންމެ ވަރުގަދަ ޕްރެޝަރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ދިޔަ މަހު އީރާންގެ އެންމެ މަތީ ވެރިޔާ އަލީ ހާމަނައީއަށް ޓްރަމްޕް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ޓްރަމްޕް ވަނީ، ނިއުކްލިއާ މަޝްވަރާތައް އީރާނުން އަލުން އާނުކޮށްފި ނަމަ، އަދި ޑިޕްލޮމެޓިކް ގޮތުން ވާހަކަތައް ފޭލިވެއްޖެ ނަމަ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވާނެ ކަމަށް އިންޒާރު ދެއްވައިފައެވެ.

"އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރަން އަހަރެން އަވަސްއަރުވައިލައިގެނެއް ނޫޅެން. އަހަރެންނަށް ވިސްނެނީ އީރާން ވާހަކަދައްކަން ބޭނުންވާހެން،" ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

ހުކުރު ދުވަހު އަރާގްތަޝީ ވިދާޅުވީ މަޝްވަރާތަކުގެ ފުރަތަމަ ބުރުގައި "އެމެރިކާއިން ކޮންމެވެސް ވަރަކަށް ސީރިއަސްކަމެއް ދެއްކި" ކަމަށާއި ނަމަވެސް އެމެރިކާގެ "ނިޔަތާއި އަމާޒަކީ ކޮބައިކަމާމެދު ސުވާލު އުފެދޭ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *