Support Us

ހައިޖެކް ކުރަން އުޅުނު ފްލައިޓް އަނބުރާ ޖައްސައިފައި އަދި އެ ފްލައިޓް ހައިޖެކް ކުރަން މަސައްކަތް ކުރި މީހާ އަކިންޔެލަ ސަވާ ޓޭލާ

ފްލައިޓް ތެރޭގައި ވަޅިން ހަމަލާދިން މީހާ މަރައިލައިފި

ބެލިޒްއިން އުދުއްސައިލި ފްލައިޓެއްގައި އިން އެމެރިކާގެ ފަސިންޖަރަކު އެހެން ދެ ފަސިންޖަރުންނަށާއި ޕައިލެޓަށް ވަޅިން ހަމަލާ ދޭން ފެށުމުން ހަމަލާ އެރި ފަސިންޖަރަކު އޭނާގެ ގަޔަށް ބަޑިޖަހައި މަރައިލައިފިއެވެ.

ޓްރޮޕިކް އެއާ އެއާލައިންގެ ސެސްނާ ކެރަވަން ވީ.3.އެޗް.އައި.ޖީ މަރުކާގެ މަތިންދާބޯޓު ބުރާސްފަތި ދުވަހު ހައިޖެކް ކުރަން އުޅުނީ އުމުރުން 49 އަހަރުގެ އަކިންޔެލަ ސަވާ ޓޭލާއެވެ. އޭނާގެ ގަޔަށް ބަޑިޖެހީ ފްލައިޓަށް ބަޑި އެރުވުން ރަސްމީ ގޮތުން ހުއްދަ ދީފައިވާ ފަސިންޖަރެއް ކަމަށްވާ ފިޓްޒްގެރަލްޑް ބްރައުންއެވެ. ފިޓްޒްގެރަލްޑްއަށް ފުރަގަހުން ވަޅި ހަރައިލުމުން އޭނާގެ އެއް ފުއްމާޕޭ ވަނީ ފަޅައިގެން ގޮސްފައެވެ. ނަމަވެސް އެ ހާލުގައި ވެސް އަކިންޔެލަގެ ގަޔަށް އޭނާ ބަޑިޖެހިއެވެ.

ފިޓްޒްގެރަލްޑްގެ އިތުރުން ހަމަލާދިން އަނެއް ފަސިންޖަރުގެ ނަމަކީ ޖެއާ ކަސްޓަނޭޑާއެވެ. ފިޓްޒްގެރަލްޑް އާއި ޖެއާއަކީ ކޮން ގައުމެއްގެ ބައެއްކަން އަދި ހާމައެއް ނުކުރެއެވެ. ހަމަލާ އެރި ޕައިލެޓްގެ ނަމަކީ ހަވަލް ގްރޭންޖްއެވެ.

ހާދިސާ ހިނގުމުން ފިލިޕް އެސް.ޑަބްލިޔު ގޯލްޑްސަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކުއްލި ހާލަތު އިއުލާންކުރިއެވެ. އަދި އެމެރިކާގެ ސޭން ޕެޑްރޯއަށް ދަތުރުކުރަން އޮތް ފްލައިޓް އެއާޕޯޓު ސަރަހައްދުގައި ދެ ގަޑިއިރެއްހާއިރު އެނބުރިއެނބުރިފައި އަލުން އެއާޕޯޓަށް ޖެއްސިއެވެ. އެއާއެކު ވަގުތުން ފުލުހުންނާއި ސަލާމަތީ ބާރުތަކާއި އެމަޖެންސީ ޓީމުތައް އައިސް ޒަހަމްވި މީހުންނަށް ފަރުވާ ދިނެވެ. ޒަހަމްވި އެއް ފަސިންޖަރުގެ ހާލު ސީރިއަސްއެވެ.

"އެއާޕޯޓު ސަރަހައްދުގައި ފްލައިޓް ބުރުޖަހަމުން ދިޔަ އިރު ތެޔޮ ހުސްވުމުގެ ކަންބޮޑުވުން އޮތް،" އޮފިޝަލަކު ބުންޏެވެ.

އަކިންޔެލަ ގަޔަށް ބަޑިޖަހައި އޭނާ މަރައިލި ފަސިންޖަރަކީ "ބަތަލެއް" ފަދަ ހިތްވަރުގަދަ މީހެއް ކަމަށް ބެލިޒްގެ ފުލުހުންގެ ކޮމިޝަނަރު ޗެސްޓާ ވިލިއަމްސް ބުންޏެވެ.

"އަހަރެމެން މި އަންނަނީ އޭނާ ސަލާމަތްވޭތޯ ދުއާކުރަމުން،" ޗެސްޓާ ބުންޏެވެ.

ފްލައިޓްގައި ތިބީ 14 ފަސިންޖަރުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ދެ ރައްޔިތުން ތިއްބެވެ. އަދި ދެ ފަޅުވެރިން ވެސް ހިމެނެއެވެ.

"ފްލައިޓަށް ވަޅި އެރުވި ގޮތް އަދި ސާފެއް ނޫން،" ފުލުހުން ބުންޏެވެ.

މި ހާދިސާ ތަހުގީގު ކުރަމުން އަންނަނީ ބެލިޒްގައި ހުރި އެމެރިކާގެ އެމްބަސީއާ ގުޅިގެން ކަމަށް ބެލިޒްގެ ފުލުހުން ބުންޏެވެ.

ޓްރޮޕިކް އެއާގެ ސީ.އީ.އޯ މެކްސިމިލިއަން ގްރައިފް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ "ޕައިލެޓު އަމަލު ކުރީ ބަތަލެއް ފަދައިން" ކަމަށާއި ޒަހަމްވި ފަސިންޖަރުންނަށް "ހުރިހާ ގޮތަކުން އެހީވެދޭނެ" ކަމަށެވެ.

"ކޮންމެ ކަހަލަ ހާލަތަކަށް ވެސް އަހަރެމެންގެ ޕައިލެޓުން ވާނީ ވަރުގަދައަށް ތަމްރީންކޮށްފައި. ރައްކާތެރިކަމާއެކު ފްލައިޓް އަނބުރާ ގެނައުމުން އެ މީހުން އެ ދެއްކި ހިތްވަރާއި ހުނަރާއި އަދި ލީޑަޝިޕް އަހަރެމެން ބަލައިގަންނަން،" މެކްސިމިލިއަން ބުންޏެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ޓެމީ ބްރޫސް ބުނީ ގިނަ ބަޔަކު މަރުވެ ނުވަތަ ޒަހަމްވި ހާދިސާއަކަށް މި ކަން ނުވިކަމާމެދު ޝުކުރުވެރިވާ ކަމަށެވެ.
އަކިންޔެލަ ފްލައިޓް ހައިޖެކް ކުރަން އުޅުނު ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް ބެލިޒް އާއި އެމެރިކާގެ އޮފިޝަލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *