ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލަން އިސްރާއީލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމާ ހަމާސްއިން ރަސްމީ ގޮތުން ދެކޮޅުހަދައިފިއެވެ.
"އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ ސިޔާސީ ބޭނުންތައް ކުރިއަރުވަން ހުށަހަޅާ ހުށަހެޅުންތަކެއް އަހަރެމެން ގަބޫލެއް ނުކުރާނަން،" ހަމާސްގެ ފަރާތުން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އިސް އޮފިޝަލެއް ކަމަށްވާ ހަލީލު އަލް-ހައްޔާ ނެރުނު ވީޑިއޯ ބަޔާނެއްގައި ބުންޏެވެ.
އިސްރާއީލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީންގެ ތެރެއިން 10 އަސީރުން މިނިވަންކުރުމުން ޣައްޒާއަށް ދޭ ހަމަލާތައް 45 ދުވަހަށް މެދުކަނޑައިލައިނެ ކަމަށެވެ.
ހަމާސްއިން ބުނީ އެ ގްރޫޕްގެ ދަށުގައިވާ ހުރިހާ ޔަހޫދީ އަސީރުން ދޫކޮށްލާނީ ޣައްޒާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓައިލައި، ފަލަސްތީންގެ ގައިދީން ދޫކޮށްލުމަށް ވެސް އެއްބަސްވުމުން ކަމަށެވެ.
ހަމާސްގެ ދަށުގައި މިހާރު 59 އަސީރުން ތިބި ކަމަށް ބެލެވޭއިރު އިސްރާއީލުން ބުނަނީ އޭގެ ތެރެއިން ދިރިހުރީ 24 އަސީރުން ކަމަށް ބެލެވޭ ކަމަށެވެ.
އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒަލަލް ސްމޮޓްރިޗް ބުނީ "މިއީ ހަމާސްގެ މައްޗަށް ނަރައިގެ ދޮރުތައް ހުޅުވައިލަންވީ ވަގުތު" ކަމަށެވެ.
އަލް-ހައްޔާ ބުނީ ނަތަންޔާހޫގެ ރޭވުމަކީ ފަލަސްތީން ނަސްލު ނައްތައިލުމާއި އެ މީހުން ބަނޑަށްޖެއްސުމުގެ ހަނގުރާމަ ކުރިއަށްގެންދިއުން ކަމަށެވެ. އެއީ އަސީރުން ގުރުބާން ކުރަންޖެހުނު ނަމަވެސްމެއެވެ.
އިސްރާއީލުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ ހަމާސް އެއްކޮށް ނައްތައިލެވެންދެން ޣައްޒާ ހަނގުރާމަ ހުއްޓައިނުލާނެ ކަމަށެވެ. އެ ގޮތުން އޮކްޓޫބަރު 2023 ގެ ހަތެއްގައި ފެށި ހަނގުރާމަ ޖަނަވަރީ މަހު ދެ މަސް ދުވަހަށް ހުއްޓައިލައިފައި މި ދިޔަ މަހު އަނެއްކާ ހަމަލާތައް ދޭން ފެށުމުން މިހާތަނަށް ފަލަސްތީންގެ 51،065 މީހުން ވަނީ ޝަހީދުވެފައެވެ.
ހަމާސްއަށް ޕްރެޝަރު ކުރަން ކަމަށް ބުނެ ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ވެސް އިސްރާއީލުން ވަނީ ހުއްޓުވައިފައެވެ. އަދި ހަމަލާތައް ވަރުގަދަކުރުމުން ޣައްޒާގެ ބައި މިލިއަނެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.



advertisment