ކަށިނެތް މަހުލޫގުން ނުވަތަ އިންވާޓެބްރޭޓް ތެރެއިން ދުނިޔޭގެ އެންމެ ބަރު ހައިވާނުކަމަށްވާ ކޮލޯސަލް ސްކުއިޑް ނުވަތަ ކޮލޯސަލް ބޯވަދިލަމަސް އޭގެ އަސްލު މާހައުލުން ފުރަތަމަ ފަހަރަށް ވީޑިއޯ ކުރެވިއްޖެއެވެ.
ކޮލޯސަލް ބޯވަދިލަމަސް ހޯދުނީ މީގެ 100 އަހަރު ކުރިންނެވެ. މިހެންވެ، އިއްތިފާގަކުން މި ބޯވަދިލަމަސް މި ސޮރުގެ އަސްލު މާހައުލުގައި ދިރިއުޅެނިކޮށް ވީޑިއޯ މި ކުރެވުނީ މި ބާވަތުގެ ބޯވަދިލަމަސް ފެނުނުތާ އަދި އެއަށް ކޮލޯސަލް ސްކުއިޑްގެ ނަން ދިންތާ ގަރުނެއް ފަހުންނެވެ.
މިހާތަނަށް މި ބޯވަދިލަމަހުގެ ވީޑިއޯ ނެގިފައިވަނީ މަސްވެރިން މި ސޮރުމެން ހިފުމުން އެ މީހުންގެ ދާތަކުގައި މަރުވަމުންދާ މަންޒަރެވެ. އަސްލު މާހައުލުގައި ދިރިއުޅޭ މަންޒަރުގެ ވީޑިއޯ މީގެ ކުރިން ނެގިފައެއް ނުވެއެވެ. ދެން މި ސޮރުމެން ފެނިފައިވަނީ ވޭލް ނުވަތަ ބޮޑުމަހާއި އައިންމަތީ ދޫނިތަކުގެ ބަނޑުންނެވެ.
އެޓްލާންޓިކް ކަނޑުގައި އޮންނަ ސައުތު ސޭންޑްވިޗް ޖަޒީރާ ކައިރިން މި ބޯވަދިލަމަސް ފެނުނީ 600 މީޓަރު ނުވަތަ 1،968 ފޫޓު ފުނުންނެވެ.

ސައިންސްވެރިން ބުނަނީ ކޮލޯސަލް ބޯވަދިލަމަސް ހަތް މީޓަރު ނުވަތަ 23 ފޫޓުގެ ދިގުމިނަށް ބޮޑުވާ ކަމަށާއި މި ވަރަށް ބޮޑުވުމުން ބަރުދަނުގައި 500 ކިލޯ ނުވަތަ ބައި ޓަނު ހުންނާނެ ކަމަށެވެ. ކުޑަ އިރު ގާތްގަނޑަކަށް މުޅިން އެތެރެ ފެންނަ މި ބޯވަދިލަމަހުގައި އަށް އަތް ހުރެއެވެ. ބޮޑުވުމުން އެ ސޮރުގެ އެތެރެ ނުފެނެއެވެ.
"ވީޑިއޯ ކުރެވުނު މި ކޮލޯސަލް ބޯވަދިލަމަހަކީ ޅަ އެއްޗެއް. ދިގުމިނުގައި ހުރީ އެންމެ 11.8 އިންޗި (30 ސެންޓިމީޓަރު)،" ދަ ގާޑިއަންއިން ރިޕޯޓުކުރިއެވެ.
އެސެކްސް ޔުނިވާސިޓީގެ އިސް ސައިންސްވެރިޔާ ޑރ. މިޝެލް ޓޭލާ ބުނީ މި ބޯވަދިލަމަސް ފުރަތަމަ ފެނުމުން މިއީ ކޮން އެއްޗެއްކަން ނޭނގުނު ކަމަށާއި "ނަމަވެސް އެ ސޮރު ރީތިކަމުންނާއި އާދަޔާ ހިލާފުކަމުން ވީޑިއޯ ކުރީ" ކަމަށެވެ.
"މިއީ ހިތްތިރިކުރެވޭ ކަހަލަ ހިނދުކޮޅެއް. ޅަ ކޮލޯސަލް ބޯވަދިލަމަހެއް އޭގެ އަސްލު މާހައުލުގައި ނުހަނު ފުނުގައި އުޅެމުން އެ އަންނަނީ އިންސާނުންނަކީ އުޅޭ ބައެއްކަން ވެސް އެ ސޮރުމެންނަށް ނޭނގި،" އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ސައިންސްވެރިޔާ ޑރ. ކެޓް ބޮލްސްޓެޑް ބުންޏެވެ. އޭނާއަކީ މި ވީޑިއޯއިން ފެންނަނީ ކޮލޯސަލް ބޯވަދިލަމަހެއްކަން ކަށަވަރުކޮށްދިން އެކަކެވެ.

"ޔުނިވާސިޓީ އޮފް އެސެކްސްއިން އިސްނަގައިގެން ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކަށް މި ބޯވަދިލަމަސް ފެނުނީ މި ދިޔަ މަހު ކުރި 35 ދުވަހުގެ ދަތުރެއްގައި،" ބީ.ބީ.ސީން ރިޕޯޓުކުރިއެވެ.
ދަތުރު ކުރީ ޝްމިޓް އޯޝަން އިންސްޓިޓިއުޓްގެ ދިރާސާ ކުރާ އުޅަނދެއް ކަމަށްވާ "ފަލްކޯ"ގައެވެ. މި ވީޑިއޯ ކުރީ ކަނޑަށް ފީނުވި ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓް ކުރި "ސަބޭސްޝަން" ކިޔާ އުޅަނދެކެވެ.
މި ދަތުރަކީ ޝްމިޓް އޯޝަން އިންސްޓިޓިއުޓް އާއި އިނގިރޭސި ވިލާތުގެ ޕްލިމަތު ޔުނިވާސިޓީން ގުޅިގެން ނިޕޮން ފައުންޑޭޝަން-ނެކްޓަން އޯޝަން ސެންސަސް އާއި ގޯ ސައުތު ވެސް ބައިވެރިވި ދަތުރެކެވެ. މީގެ އިތުރުން ޖަރުމަނީގެ ޖިއޯމާ ހެލްމްހޯލްޓްޒް ސެންޓަރާއި އިނގިރޭސި ވިލާތުގެ އެންޓާކްޓިކް ސާވޭން ވެސް މި ދަތުރުގައި ބައިވެރިވިއެވެ. ބޭނުމަކީ ކަނޑުގެ އާ ދިރުން ހޯދުމެވެ.
އިނގިރޭސި ވިލާތުގައި ގުދުރަތީ ތަކެތި ދައްކުވައިދޭ ދާރުލްއާސާރު ކަމަށްވާ ނެޗުރަލް ހިސްޓްރީ މިއުޒިއަމުން ބުނީ ދުނިޔޭގެ ކޮލޯސަލް ބޯވަދިލަމަހުގެ އާބާދީ ލަފާކުރަން ދަތި ކަމަށެވެ.

"އަދިވެސް ކޮލޯސަލް ބޯވަދިލަމަހަކީ ފުލޯކު ވާހަކަ އާއި ހަގީގަތާ ދެމެދުގައި ދެކޮޅަށް ކިރޭ ބާވަތެއްގެ މަހުލޫގެއް،" 2022 ގައި އެ ދާރުލްއާސާރުން ބުނެފައިވެއެވެ.
ސައިންސްވެރިން ބުނީ ޖަނަވަރީ މަހު ވަނީ ގްލޭޝަލް ގްލާސް ސްކުއިޑް ބާވަތުގެ ބޯވަދިލަމަހެއްގެ ވެސް ވީޑިއޯ ފުރަތަމަ ފަހަރަށް ނެގިފައި ކަމަށެވެ.
"މިހާ ގާތްގާތުން މި ދެ ބާވަތުގެ ބޯވަދިލަމަހުގެ ވީޑިއޯ ކުރެވުމަކީ ހައިރާންވާވަރުގެ ކަމެއް. މި ކަމުން ހާމަ ވަނީ ދުނިޔޭގެ ދެކުނުގައިވާ ކަނޑުތަކުގައި އުޅޭ އާދަޔާ ހިލާފު އަދި ރީތި މަހުލޫގުން އަހަރެމެންނަށް ފެނިފައިވާލެއް މަދުކަން،" ޝްމިޓް އޯޝަން އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޖިޔޮތިކާ ވިރްމާނީ ބުންޏެވެ.
"މި ފަދަ ހަނދާނުން ނުފިލާ ކަހަލަ ވަގުތުތަކުން އަހަރެމެންނަށް ހަނދާންކޮށްދެނީ ކަނޑުގައި އަދިވެސް އަހަރެމެންނަށް ގޮތްނޭނގޭ އެތައް ކަމެއްވާކަން،" އޭނާ އިތުރަށް ބުންޏެވެ.



advertisment