Support Us

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ތަސްވީރު (ވ) އަދި އެ ތަސްވީރު ނެގުމަށް ފަހު އެ ތަނުގައި ބެހެއްޓި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރު

އޮބާމާގެ ތަސްވީރު ނަގައިފައި ޓްރަމްޕްގެ ތަސްވީރެއް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ގްރޭންޑް ފޯޔޭގައި ހުރި އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ބައްޕައަކަށް އުފަން ރައީސް ބަރަކް އޮބާމާގެ ތަސްވީރު ނެގުމަށް ފަހު އެ ތަނުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގައި އޭނާގެ ކަނާތު ކަންފަތަށް ވަޒަން އަރައިފައިވާ ގޮތް ދައްކުވައިދޭ ތަސްވީރެއް ބަހައްޓައިފިއެވެ.

ގްރޭންޑް ފޯޔޭއަކީ ވައިޓް ހައުސްއަށް ވަންނަ މެހެމާނުންނަށް މަރުހަބާ ކިޔާ ތަނެވެ. އަދި އެމެރިކާގެ ކުރީގެ ރައީސުންގެ ތަސްވީރުތައް ބަހައްޓައިފައި ހުރި ތަނުގެ އިތުރުން އެމެރިކާގެ ތާރީހީ ބައެއް ތަކެތި ވެސް މެހެމާނުންނަށް ދައްކައިލަން ބަހައްޓައިފައިވާ މާލަމެވެ. ވައިޓް ހައުސަށް ވަންނަ މެހެމާނުންނަށް މަރުހަބާ ކިޔަން ރައީސުން ވަޑައިގަންނަވަނީ ވެސް މި ހޯލަށެވެ.

އޮބާމާގެ ތަސްވީރު މިހާރު ގެންގޮސް ހަރުކޮށްފައިވަނީ އީސްޓް ރޫމްގައެވެ. އެއީ ސަގާފީ ހަފުލާތަކާއި ރިސެޕްޝަންތަކާއި ރައީސުންގެ ދަރިންގެ ކައިވެނިތައް ވެސް ބާއްވާ މާލަމެވެ. އެމެރިކާގެ ޓްވިން ޓަވަރަށް ދިން ހަމަލާގެ ފަހަތުގައިވާ އުސާމާ ބިން ލާދިން އެމެރިކާ ސިފައިންނަށް ޝަހީދު ކޮށްލެވިއްޖެކަން، މުސްލިމް ބައްޕައަކަށް އުފަން ނަމަވެސް ނަސޯރާ ދީނުގެ އޮބާމާ އިއުލާން ކުރެއްވީ ވެސް މި ހޯލުގައެވެ.

ސެޕްޓެމްބަރު 2022 ގައި ބެހެއްޓި އޮބާމާގެ ތަސްވީރު އީސްޓް ރޫމަށް ބަދަލުކޮށް، އެ ތަސްވީރު ހުރި ތަނުގައި، ޓްރަމްޕް އަވަހާރަކޮށްލަން މި ދިޔަ އަހަރު ދިން ހަމަލާގެ ތަސްވީރެއް ބަހައްޓައި، އެ ތަސްވީރުގެ ފޮޓޯއެއް ވައިޓް ހައުސްގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާ ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

"ވައިޓް ހައުސްގައި ބައެއް އާ ތަސްވީރު،" އެ އެކައުންޓްގައި ލިޔެފައިވެއެވެ.

ތަސްވީރު ބިނާކޮށްފައިވަނީ މި ދިޔަ އަހަރު ޖުލައި 13 ގައި އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގައި ތަގުރީރު ކުރައްވަނިކޮށް ޓްރަމްޕާ ދިމާއަށް ބަޑި ޖެހި މަންޒަރުގެ ފޮޓޯތަކެއް ނެގި އޭ.ޕީ އާއި ދަ ނިއު ޔޯކް ޓައިމްސްގެ ފޮޓޯގްރާފަރުން ނެގި ފޮޓޯތައް ގުޅުވައިލައިގެން ކަމަށް ބެލެވެއެވެ. އެއީ ހަމަލާ ދިން އުމުރުން 20 އަހަރުގެ ޓޯމަސް މެޓްހިއު ކްރޫކްސް ފޮނުވައިލި ވަޒަން ޓްރަމްޕްގެ ކަނާތު ކަންފަތް ގާނައިލިތާ ސިކުންތުކޮޅެއްގެ ތެރޭގައި ނެގި ފޮޓޯތަކެކެވެ. އޭގެ ސިކުންތުކޮޅެއް ފަހުން އެމެރިކާގެ ސަލާމަތީ ބާރުތަކުން ވަނީ ޓޯމަސްގެ ގަޔަށް ބަޑިޖަހައި މަރައިލައިފައެވެ. ޓޯމަސް ދިން ހަމަލާގައި ޓްރަމްޕްގެ އިތުރުން ބައިވަރު މީހުން ޒަހަމްވިއެވެ. އަދި އެކަކު މަރުވިއެވެ.

އޮބާމާގެ ތަސްވީރުގެ ބަދަލުގައި ޓްރަމްޕްގެ މި ތަސްވީރު ބެހެއްޓުމުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ މި ކަމަށް ތައުރީފުކޮށްފައެވެ.

"މިހާރު މާ ރަނގަޅު،" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ޕާޓީގެ މެންބަރު މާޖޮރީ ޓޭލާ ގްރީން އެކްސްގައި ލިޔުނެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނީ ޓްރަމްޕްގެ ތަސްވީރު ފާރުގެ ފްރޭމަށް ރަނގަޅަށް ނުފެތޭ ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އޮބާމާގެ ތަސްވީރު އާއްމުކުރި ރަސްމިއްޔާތަށް އެއިރުގެ، އަދި ހަމަ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ރައީސް ޖޯ ބައިޑަން ވަނީ އޮބާމާއަށް ދައުވަތު ދެއްވައިފައެވެ. މިއީ ވޭތުވެދިޔަ ދަހަރުގައި ވެރިކަމުގައި ހުންނެވި ރައީސަކު ކުރީގެ ރައީސްއެއްގެ ތަސްވީރެއް ބެހެއްޓި ހަފުލާއަކަށް އެ ތަސްވީރުގައި ދައްކައިދޭ ރައީސަށް ދައުވަތު އެރުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް، ވައިޓް ހައުސްގައި ބަހައްޓައިފައިވާ އޭނާގެ ތަސްވީރާއެކު

އޮބާމާގެ އަނބިކަނބަލުން މިޝެލްގެ ތަސްވީރެއް ވެސް ވައިޓް ހައުސްގައި ބަހައްޓައިފައިވެއެވެ. ކުރެހުންތެރިޔާ ރޮބަޓް މެކާޑީއަށް އޭނާ ޝުކުރު އަދާކުރައްވައިފައިވެއެވެ.

އޮބާމާ އާއި މިޝެލްގެ ތަސްވީރު ބެހެއްޓި ހަފުލާގައި ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވެފައިވަނީ މި ފަދަ ތަސްވީރުތައް ފެނުމުން ކުރިމަގުގެ ޖީލުތަކަށް އޭނާ އާއި މިޝެލްގެ ތަސައްވުރެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަހަރެމެންނަށް މިހާ ހިސާބަށް އާދެވިފައިވާކަން އެނގުމުން އެ ކުދިންނަށް ވެސް މިހާ ހިސާބަށް އާދެވޭނެކަމުގެ އުއްމީދު އެ ކުދިންނަށް ލިބޭނެކަމަށް އަހަރެމެން އުއްމީދުކުރަން. އެ ކުދިންނަށް ވެސް އާދަޔާ ހިލާފު ކަންތައްތައް ކުރެވޭނެ،" އޮބާމާ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *