Support Us

ޣައްޒާއަށް އެއްގަމު މަގުން ވަދެ އިސްރާއީލު ސިފައިން އިސްރާއީލުގެ ދިދަ ހިފައިގެން

ޣައްޒާ، ލުބްނާން، ސޫރިޔާގައި ވަކި މުއްދަތެއް ނެތި ސިފައިން ބައިތިއްބާނަން: އިސްރާއީލު

އިސްރާއީލަށް ހަމަލާ ދީފާނެތީ ކަމަށް ބުނެ ޣައްޒާ، ލުބްނާން އަދި ސޫރިޔާގައި ވަކި މުއްދަތެއް ނެތި އިސްރާއީލު ސިފައިން ބައިތިއްބާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުނެފިއެވެ.

މިއީ އިސްރާއީލުން ޓެރަރިސްޓުން ކަމަށް ދެކޭ ފަރާތްތައް ފައްސައިލުމަށް ފަހު އެ ބިމަކުން އިސްރާއީލު ސިފައިން ބާލައި އުސޫލާ ހިލާފަށް ނިންމި ނިންމުމެކެވެ.

"ބޭނުމަކީ އިސްރާއީލަށް ހަމަލާ ނުދެވޭ ގޮތަށް ސަލާމަތީ ޒޯނެއް ގާއިމު ކުރުން،" ކަޓްޒް ބުންޏެވެ.

އިސްރާއީލުން ބުނީ 2023 ގެ އޮކްޓޫބަރު ހަތެއްގައި ހަމާސްއިން ދިން ފަދަ ހަމަލާއެއް އަލުން ދިނުމަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

ލުބްނާނަށް އެއްގަމު މަގުން ވަދެ އިސްރާއީލު ސިފައިން އިސްރާއީލުގެ ދިދަ ހިފައިގެން

އިސްރާއީލުން މިހާރު ވަނީ ޣައްޒާގެ 30 ޕަސެންޓް ބިން އަތުލައިފައެވެ. އަދި މި ދިޔަ މަހު އަލުން ހަމަލާ ދޭން ފަށައިފައެވެ.

"ހަމާސް ނައްތައިލެވެންދެން އަދި ޔަހޫދީ އަސީރުން މިނިވަންކުރެވެންދެން މި ގޮތުގައި ކުރިއަށްދާނަން،" އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުންޏެވެ.

ހަމާސްއިން ބުނީ ބާކީ ތިބި އަސީރުން ދޫކޮށްލާނީ އިސްރާއީލު ސިފައިން ބާލައި، ޣައްޒާ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމުން ކަމަށެވެ.

އިސްރާއީލުން ބުނީ ހަމާސްގެ އަތްދަށުގައި 59 އަސީރުން ތިބި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ދިރިތިބީ 24 އަސީރުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސޫރިޔާގެ ފަރުބަދައަކަށް އިސްރާއީލު ސިފައިން އަރާ އިސްރާއީލުގެ ދިދަ ހިފައިގެން

ފަލަސްތީންގެ އިސްލާމިކް ޖިހާދު ގްރޫޕުން ނެރުނު ވީޑިއޯއެއްގައި ފެންނަނީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން އަސީރަކު އާދޭސް ކުރާ މަންޒަރެވެ.

އަސީރުންގެ އާއިލާތަކުން ބުނީ އިސްރާއީލު ސަރުކާރުން ދަނީ އަސީރުން މިނިވަން ކުރުމަށްވުރެ ޣައްޒާގެ ބިންތައް އަތުލުމަށް އިސްކަން ދެމުން ކަމަށެވެ.

ޣައްޒާ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްލުމަށް ފަހު ވެސް ނަތަންޔާހޫ ބުނީ ބޭނުންވަނީ ޣައްޒާ ރަށްވެހިން "އެ މީހުންގެ އަމިއްލަ ރުހުމުގައި އެހެން ގައުމުތަކަށް ހިޖުރަ ކުރަން" ކަމަށެވެ.

ލުބްނާނުން ބުނީ މި ދިޔަ އަހަރުގެ ނޮވެމްބަރު މަހު ލުބްނާނާއި އިސްރާއީލާ ދެމެދުގައި ގާއިމުކުރި ސުލްހައިގެ އެއްބަސްވުމާ ހިލާފަށް ލުބްނާންގެ ދެކުނު ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން ބައިތިއްބާތީ ލުބްނާން ސިފައިންނަށް އެ ސަރަހައްދަށް ނުވަދެވޭ ކަމަށެވެ.

ދެކުނު ލުބްނާނަށް އިސްރާއީލުން އިއްޔެ ވެސް ދިން ޑްރޯން ހަމަލާއެއްގައި ދެ މީހުން ވަނީ މަރުވެފައެވެ. އެހެންކަމުން ނޮވެމްބަރު މަހަށް ފަހު މިހާތަނަށް އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި 70 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ސޫރިޔާގައި ބަޝާރުލްއަސަދުގެ ސަރުކާރު ވެއްޓުމަށް ފަހު އިސްރާއީލު ސިފައިން ގާއިމުކުރި އަސްކަރީ މަރުކަޒުތަކުން އަދިވެސް އިސްރާއީލު ސިފައިން ނުބާލައެވެ. އިސްރާއީލުން ބުނީ ސޫރިޔާގެ މިހާރުގެ ސަރުކާރާ ހަވާލުވެފައިވާ ހައިއަތު ތަހްރީރުއްޝާމްއަކީ "ޓެރަރިސްޓް ގްރޫޕެއް" ކަމަށެވެ.

ކަޓްޒްގެ އިތުރުން އިސްރާއީލުގެ ސަގާފަތާ ބެހޭ ވަޒީރު މިކީ ޒޮހަރް ބުނީ ވޭތުވެދިޔަ ހަ ހަފުތާގައި ޣައްޒާއަށް އެއްވެސް ވަރަކަށް އިންސާނީ އެހީ ވެއްދުމަށް ހުރަސްއެޅީ ހަމާސްއަށް ޕްރެޝަރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. މި ކަމުގެ ސަބަބުން ޣައްޒާގެ އާއްމު ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

"އެހީ ފޯރުކޮށްދިނުން ކުރިއަށް ގެންދަން ޖެހޭނީ އިންސާނިއްޔަތުކަމެއްގެ ގޮތުގައި،" އދ.އިން ބުންޏެވެ.

ދެ މަސް ދުވަހުގެ ސުލްހައަކަށް ފަހު އިސްރާއީލުން މި ދިޔަ މަހު 18 ގައި އަލުން ހަމަލާތައް ދޭން ފެށުމުން މިހާތަނަށް 1،200 "ޓެރަރިސްޓް އަމާޒުފަތްގަނޑަ"ށް ހަމަލާ ދެވިއްޖެ ކަމަށް އިސްރާއީލުން ބުންޏެވެ.

އިސްރާއީލުން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި އާއިލާގެ 10 މެންބަރުންނާއެކު ޝަހީދުވި ފަލަސްތީންގެ ނޫސްވެރިޔާ ފާތިމަތު ހަސޫނާ

އިސްރާއީލުން އިއްޔެ ދިން ވައިގެ ހަމަލާތަކުގައި އެކަނި ވެސް ވަނީ ފަލަސްތީންގެ 35 ރައްޔިތުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ ފާތިމަތު ހަސޫނާ އާއި އޭނާގެ އާއިލާގެ 10 މެންބަރުން ހިމެނެއެވެ.

އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގައި 1،200 އެއްހާ ޔަހޫދީން މަރުވިއެވެ. އަދި އެ ހަމަލާގައި ހަމާސްއިން ވަނީ 251 ޔަހޫދީން ރަހީނުކޮށްފައެވެ. އޭގެ އެއް ދުވަސް ފަހުން އިސްރާއީލުން ފެށި ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ފަލްސްތީންގެ 50،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *