Support Us

އަސްކަރިއްޔާއަށް އިތުރު ބާރުތައް ދޭ ބިލާ ދެކޮޅަށް އިންޑޮނޭޝިއާގެ ވެރިރަށް ޖާކަރްތާގައި ޕާލަމަންޓްގެ ކުރިމަތީގައި ރައްޔިތުން މުޒާހަރާކުރަނީ

އިންޑޮނޭޝިއާ އަލުން އަސްކަރީ ވެރިކަމަކާ ދިމާއަށް؟

އިންޑޮނޭޝިއާގައި 2004 ގައި ތަންފީޒުކުރަން ފެށި އަސްކަރީ ބާރުތަކާ ބެހޭ ގާނޫނަށް ޕާލަމަންޓްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ގެނައި ބަދަލުތަކެއްގެ ސަބަބުން 1998 ގައި ގެނައި ޑިމޮކްރެސީ ރޫޅާލައި އަލުން އަސްކަރީ ވެރިކަމަކަށް ދިއުމުގެ ބިރުވެރިކަން އުފެދިއްޖެއެވެ.

މިދިޔަ މަހު ލަގްޒަރީ ހޮޓަލެއްގައި ސިއްރުން ބޭއްވި ބައްދަލުވުމެއްގައި ފާސްކުރި މި ބިލާ ދެކޮޅުހެދުމުގެ ގޮތުން ޕާލަމަންޓް ދޮށުގައި އިއްޔެ ވެސް ވަނީ މުޒާހަރާކުރާ މީހުން ބަނޑަހަޖަހައިފައެވެ. މި މަހު ދެވަނަ ދުވަހު ވެސް މި ފަދަ މުޒާހަރާތައް ވަރުގަދަވުމުން މުޒާހަރާ ރޫޅައިލަން ފުލުހުން ވަނީ ފެން ވެސް ޖަހައިފައެވެ.

ބިލުގައި ސަރުކާރުގެ މަދަނީ މަގާމުތަކަށް އަސްކަރީ އޮފިޝަލުން އިސްކުރުން ހުއްދަކުރެއެވެ. ރައީސް ޕްރަބޯވޯ ސުބިއާންތޯގެ ކޯލިޝަން ސަރުކާރުން ހުށަހެޅި ބިލުގައި ހުށަހަޅައިފައިވާ ބަދަލުތަކުގެ ތެރޭގައި އަސްކަރިއްޔާގެ މަތީ މަގާމުތަކުގައި ތިބި މީހުން ރިޓަޔާކުރާ އުމުރުވަނީ މަތިކޮށްފައެވެ.

ސުބިއާންތޯއަކީ ކުރީގެ އަސްކަރީ ޖެނެރަލެކެވެ. އަދި 1967 އިން 1998 އަށް ޚުދުމުހުތާރު އަސްކަރީ ވެރިކަމެއް ހިންގި ސުހަރްތޯގެ ދަނބިދަރިއެވެ. އޭޝިއާގެ މާލީ ކާރިސާގައި ކުރި މުޒާހަރާތަކުގެ ސަބަބުން އިސްތިއުފާދެއްވި ސުހަރްތޯ ވަނީ ގާތްގަނޑަކަށް އެއް މިލިއަން މީހުން މަރައިލައިފައެވެ. އެއީ ކޮމިއުނިސްޓު ނަޒަރިއްޔާތު ގެންގުޅޭ މީހުން ކަމަށް ތުހުމަތުކޮށްފައެވެ.

އަސްކަރިއްޔާއަށް އިތުރު ބާރުތައް ދޭ ބިލާ ދެކޮޅަށް އިންޑޮނޭޝިއާގެ ވެރިރަށް ޖާކަރްތާގައި ޕާލަމަންޓްގެ ކުރިމަތީގައި ރައްޔިތުން މުޒާހަރާކުރަނީ

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނީ ގާނޫނަށް ގެނައި މި ބަދަލުތަކުގެ ސަބަބުން އަސްކަރިއްޔާއަށް އަލުން ދެ މެންޑޭޓެއް ސަރުކާރުގައި ދިނީ ކަމަށެވެ. އެއީ ސުހަރްތޯގެ ވެރިކަމުގައި ފަދައިން ދިފާއީ ދާއިރާގެ އިތުރުން ސަރުކާރު ހިންގުމުގެ ދާއިރާ ވެސް ކޮންޓްރޯލްކުރުމެވެ. މިހެންވެ މީގެ ސަބަބުން 1998 ގެ ފަހުން ގެންނަން ފެށި ޑިމޮކްރެޓިކް އިސްލާހުތައް އަލުން ނައްތައިލަނީކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރިއެވެ.

މި ބިލް ފާސްކުރުމާ ގުޅިގެން ވެރިރަށް ޖާކަރްތާގައި ބޭއްވި މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލުންތައް ހިނގިއެވެ. މުޒާހަރާކުރި މީހުން އަޑުއުފުލަމުން ދިޔައީ އަސްކަރިއްޔާ އާއި އިންޑޮނޭޝިއާގެ ހުރިހާ ބާރުތަކެއް ކޮންޓްރޯލްކުރާ ކުޑަ ގްރޫޕާ ދެކޮޅަށެވެ.

އެކްޓިވިސްޓުން ބުނީ ގާނޫނަށް ބަދަލުތައް ގެނައީ މި ކަމާ ދެކޮޅުހަދާ މީހުންނަށް އެކި ގޮތްގޮތުން ޖެއްސުންކޮށްފައިކަމަށެވެ. ޕާލަމަންޓުން މި ބިލް ފާސްކުރީ އާއްމުންގެ ހިޔާލު އެއްވެސް ވަރަކަށް ނުހޯދާ ތާނގައި މި ބަދަލުތައް ފާސްކުރީ ވަރަށް އަވަސްއަރުވައިލައިގެންނެވެ.

އަސްކަރިއްޔާއަށް އިތުރު ބާރުތައް ދޭ ބިލާ ދެކޮޅަށް އިންޑޮނޭޝިއާގެ ވެރިރަށް ޖާކަރްތާގައި ޕާލަމަންޓްގެ ކުރިމަތީގައި މުޒާހަރާކުރި މީހުން ގަޔަށް ފުލުހުން ފެން ޖަހަނީ

"މި ބިލުގެ ސަބަބުން އިންސާނީ ހައްގުތައް ނިގުޅައިގަނޭ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށް ހުރަސްއަޅާ،" އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗްގެ އަންދްރިއަސް ހާސޯނޯ ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިންޑޮނޭޝިއާގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ކޮންތުރާ-އެސްއިން ބުނީ މި ބިލުގެ ސަބަބުން އަސްކަރިއްޔާ ޒިންމާދާރު ނުކުރުވޭނެ ކަމަށާއި ރައްޔިތުން އަނިޔާވެރިކަމަށް އަލުން ހުށަހެޅޭނެ ކަމަށެވެ. ސުހަރްތޯގެ ވެރިކަން ވެއްޓުނު 1998 ގައި އުފެއްދި މި ޖަމިއްޔާއަކީ އިންޑޮނޭޝިއާގައި ގަދަކަމުން ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ވެސް ބަލާ ޖަމިއްޔާއެކެވެ. އަދި އަނިޔާ ލިބިފައިވާ މީހުންގެ ހައްގުތަކާއި މަދަނީ އަދި ސިޔާސީ ހައްގުތައް ހޯދައިދިނުމުގެ އިތުރުން މަރުގެ ހުކުމް ތަންފީޒުކުރުން ނައްތައިލުމަށް ވެސް ވަކާލާތުކުރާ އެން.ޖީ.އޯއެކެވެ.

އަސްކަރިއްޔާއަށް އިތުރު ބާރުތައް ދޭ ބިލާ ދެކޮޅަށް އިންޑޮނޭޝިއާގެ ވެރިރަށް ޖާކަރްތާގައި ޕާލަމަންޓްގެ ކުރިމަތީގައި މުޒާހަރާކުރި މީހުން ގަޔަށް ފުލުހުން ފެން ޖަހަނީ

ގާތްގަނޑަކަށް 150 އަށްވުރެ ގިނަ ގައުމުގެ 10 މިލިއަން މެންބަރުން ހިމެނޭ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ މި ބިލަކީ ޑިމޮކްރެޓިކް ގޮތުން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި ސުހަރްތޯގެ އަނިޔާވެރިކަން ފަދަ ސިފަތައް އަލުން ފެންނަން ފަށާނެ ކަމަށެވެ. އެ ގޮތުން ސުހަރްތޯގެ ވެރިކަމުގައި ގަދަކަމުން ގެއްލުވައިލުމާއި ސިޔާސީ އަނިޔާވެރިކަން ފަދަ ކަންތައްތައް އަލުން ހިނގަން ފަށާނެ ކަމަށެވެ.

އިންޑޮނޭޝިއާގެ ދިފާއީ ވަޒީރު ސަޖާފުރީ ސަޖާމުއްދީން ވިދާޅުވީ މި ބިލުން ހުށަހަޅާ ބަދަލުތަކަކީ އަސްކަރިއްޔާ ޒަމާނީ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *