Support Us

ކ-ވ: ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން، މިސްރުގެ ރައީސް އަބްދުލްފައްތާހު އަލްސީސީ އަދި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދޭއް

ފަލަސްތީންގެ މިނިވަން ދައުލަތެއް ދާދި އަވަހަށް ބަލައިގަންނާނަން: ފްރާންސް

ފަލަސްތީންގެ މިނިވަން ދައުލަތެއް ބަލައިގަންނާނެ ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތް ނަގައިފައި ދުނިޔޭގެ ތާރީހުގައި ދެވަނައަށް އެންމެ ބޮޑަށް އިސްތިއުމާރު ހިންގައިފައިވާ ފްރާންސުން، ފްރާންސް ޓީވީ ފަހަކަށް އިއްޔެ ދެއްވި އިންޓަވިޔުއެއްގައި އޭނާ ވިދާޅުވީ މި ކަން ނިންމަވާނީ އަންނަ ޖޫން މަހު ސައުދީ އަރަބިއްޔާއާ ގުޅިގެން ފަލަސްތީނާއި އިސްރާއީލު މައްސަލައިގައި އދ.އިން ބާއްވާ ޖަލްސާއެއްގައި ކަމަށެވެ.

"ފަލަސްތީން ބަލައިގަންނަ މިސްރާބާ ދިމާއަށް ދާންޖެހޭ. އަންނަ މަސްތަކުގެ ތެރޭގައި އަހަރެމެން އެ ކަން ކުރާނަން. އަހަރެން މި ކަން ކުރަން މި އުޅެނީ އެއްވެސް މީހެއް ރުއްސާކަށް ނޫން. އަހަރެން މި ކަން ކުރާނީ މިއީ ކޮންމެވެސް މަރުހަލާއެއްގައި ކުރަން ހައްގު ކަމަކަށް ވާތީ،" މެކްރޮން ވިދާޅުވިއެވެ.

ފަލަސްތީންގެ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާރްސަނު އަގާބީކަޔާން ޝާހީން އޭ.އެފް.ޕީއަށް ވިދާޅުވީ ފްރާންސުން ފަލަސްތީންގެ މިނިވަން ދައުލަތެއް ބަލައިގަތުންވާނީ "ފަލަސްތީން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރުމުގެ ރަނގަޅު މިސްރާބަށް އަޅާ ފިޔަވަޅެއް" ކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިސްރުގެ ރެޑް ކްރެސެންޓުން ޣައްޒާއަށް ފޮނުވާ އެހީ ދޭ ގުދަނެއް ކައިރީގައި އަންގާރަ ދުވަހު ތަގުރީރެއް ދެއްވަނީ

މެދުއިރުމަތީގައި ފަލަސްތީންގެ ވަކި ދައުލަތަކާއި އިސްރާއީލުގެ ވަކި ދައުލަތެއް ގާއިމުކުރުމަށް ފްރާންސުން ތާއީދުކުރާތާ އެތައް ޒަމާނެއްވެއްޖެއެވެ. އޮކްޓޫބަރު 2023 ގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމަށް ފަހު ވެސް ފްރާންސުން ވަނީ މި ސިޔާސަތުގައި ހިފަހައްޓައިފައެވެ.

ދާދި ފަހުން މިސްރަށް ކުރެއްވި ދަތުރެއްގައި މެކްރޮންވަނީ ފަލަސްތީން-އިސްރާއީލު މައްސަލައިގައި މިސްރުގެ ރައީސް އަބްދުލްފައްތާހު އަލްސީސީ އާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދޭކާ ބައްދަލުކުރައްވައި، ޣައްޒާ އާއި ހުޅަނގު އައްސޭރި އިސްރާއީލުން އަތުލުމާއި ފަލަސްތީން ރައްޔިތުން ބޭރުކޮށްލުމާ ދެކޮޅުހައްދަވައި ކަމަށް ވިދާޅުވެފައެވެ.

މެކްރޮން ވިދާޅުވީ ފަލަސްތީން ބަލައިގަތުމުން އޭގެ ބަދަލުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކުން އިސްރާއީލު ބަލައިގަތުމަށް ވެސް މަގުފަހިވާނެ ކަމަށެވެ. އިސްރާއީލުގެ މިނިވަން ދައުލަތެއް މި ވަގުތު ބަލައިނުގަންނަ މެދުއިރުމަތީގެ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، އީރާން، އިރާގު، ސޫރިޔާ އަދި ޔަމަން ހިމެނެއެވެ.

މެކްރޮން ވިދާޅުވީ ފަލަސްތީން ބަލައިގަތުމުން އިސްރާއީލުގެ މިނިވަން ދައުލަތެއް ވެސް އޮތުމުގެ ހައްގު އިސްރާއީލަށް އޮންނަން ޖެހޭނެ ކަމަށް ފްރާންސުން ގަބޫލުކުރާ ކުރުމާ ދެކޮޅު ހަދާ ގައުމުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފްރާންސަށް މަގުފަހިވާނެ ކަމަށެވެ.

"މީގެ ތެރޭގައި އީރާން ހިމެނޭ. އަހަރެމެން ބޭނުންވަނީ މެދުއިރުމަތީގައި ވަށާޖެހޭ ސަލާމަތްތެރިކަމެއް ގާއިމުކުރަން،" މެކްރޮން ވިދާޅުވިއެވެ.

ފްރާންސުން ފަލަސްތީން ރަސްމީ ގޮތުން ބަލައިގަތްފި ނަމަ އެ ކަން ވާނީ ފްރާންސުން ތަންފީޒުކުރާ ސިޔާސަތަށް ގެންނަ ބޮޑު ބަދަލަކަށެވެ. މި ކަމުގެ ސަބަބުން އިސްރާއީލު ހިތްހަމަނުޖެހޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ފަލަސްތީން ބަލައިގަތުމަކީ ގައުމުތަކުންކުރަން މި ދަނޑިވަޅު ރަނގަޅު ނޫން ކަމެއް ކަމަށް އިސްރާއީލު ބުނާތީއެވެ.

އިސްރާއީލުގެ ހާރިޖީ ވަޒީރު ގިޑިއޯން ސާރް ބުނީ "އެއް ގައުމަކުން އަމިއްލައަށް ގިނިކަންޏާ ފަލަސްތީން ބަލައިގަތުންވާނީ ހަމާސްއަށް ލިބޭ ކުރިއެރުމަކަށް" ކަމަށެވެ.

"މި ވަގުތުގެ ހަގީގަތްތަކަށް ބަލައިފި ނަމަ މި ކަން ވެގެންދާނީ ޓެރަރިޒަމަށް ލިބޭ އިނާމަކަށް،" އޭނާ އެކްސްގައި ލިޔުނެވެ.

"މި ފަދަ އަމަލުތަކުގެ ސަބަބުން ސުލްހަ އާއި ސަލާމަތްތެރިކަމާއި މި ސަރަހައްދަށް ހަމަޖެހުން ގެނައުމަށް ކުރާ މަސައްކަތަށް ކާމިޔާބެއް ނުލިބޭނެ. އެއާ ހިލާފަށް މި ކަމުން ނިކުންނާނީ އިދިކޮޅު ނަތީޖާ: މި ހުރިހާ ކަމެއް ދުރަށް ދާނީ،" ސާރް އިތުރަށް ބުންޏެވެ.

އދ.ގެ 193 މެންބަރު ގައުމުތަކުގެ ތެރެއިން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް ބަލައިގަންނަނީ 146 ގައުމުންނެވެ. ވޭތުވެދިޔަ އަހަރު ފަލަސްތީން ބަލައިގަތް ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަރްމީނިއާ، ސްލޮވީނިއާ، އަޔާލެންޑް، ނޯވޭ، ސްޕެއިން، ބަހާމަސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމެއިކާ އަދި ބާބޭޑޯސްއެވެ.

ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން ބައިނަލްއަގުވާމީ މުޖުތަމައުގެ ތާއީދު އިތުރުވަމުން އައި ނަމަވެސް ހުޅަނގުގެ މައިގަނޑު ބައިވަރު ގައުމުތަކުން އަދިވެސް ވަނީ ފަލަސްތީން ބަލައިނުގަތުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް އަދި ޖަރުމަނީ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *