Support Us

ހުޅަނގު އައްސޭރީގައި އިއްޔެ ބޭއްވި ހަޅުތާލުގައި ފަލަސްތީންގެ ކުޑަ ދެ ކުދިން ޝުއޫރު ފާޅުކުރަނީ

ޣައްޒާއަށް ތަރުހީބު ދޭ ފަލަސްތީން މީހުންނަށް ޕީ.އޭ ހުރަސްއަޅާ: ހަމާސް

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ ރަށްވެހިން ޣައްޒާއަށް ތާއީދުކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް، ހަމާސްއާ ސީޔާސީ ގޮތުން ވާދަވެރި ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އިން ހުރަސްއަޅާ ކަމަށް ހަމާސްއިން މިއަދު ތުހުމަތުކޮށްފިއެވެ.

އިސްރާއީލުން މި ދިޔަ މަހު 18 ގައި އަލުން ހަމާލަތައް ފެށި ފަހުން ޣައްޒާގައި ފަލަސްތީންގެ ޝަހީދުންގެ އަދަދު 50،600 އަށް އަރައި އަދި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު 935 އަށް އެރުމުން ހުޅަނގު އައްސޭރީގެ ރަށްވެހިން އިއްޔެ ވަނީ އެއް ދުވަހުގެ ހަޅުތާލެއްކޮށްފައެވެ.

ޕީ.އޭގެ ހެޑްކުއާޓަރު ހުންނަ، ހުޅަނގު އައްސޭރީގެ މެދުތެރޭގައިވާ ރާމަﷲ ސިޓީގައި އިއްޔެ ހަޅުތާލުކުރި ބައިވަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.

"މިއީ އަހަރެމެންގެ ބުރަކަށްޓަށް ވަޅި ހަރައިލުން. މީގެން ފައިދާކުރާނީ އިސްރާއީލަށް. ޣައްޒާގެ ރަށްވެހިންނަށް ތާއީދުކުރާ ހުރިހާ ހަރަކާތެއް ސީދާކޮށް، އަދި ސާފުކޮށް، ޕީއޭއިން ދަނީ ހުއްޓުވައިލަން މަސައްކަތް ކުރަމުން،" ހަމާސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހުޅަނގު އައްސޭރީގައި އިއްޔެ ބޭއްވި ހަޅުތާލުގައި ފަލަސްތީންގެ އަންހެނުން ޝުއޫރު ފާޅުކުރަނީ

ޣައްޒާ ހަނގުރާމަ ނިމުމުން ޣައްޒާގެ މައްޗަށް ވެރިކަން ކުރަންވާނީ ޕީ.އޭ ކަމަށް ބުނާ އަވަށްޓެރި އަރަބި ގައުމުތައް މިހާރު ވަނީ އިތުރުވެފައެވެ.

ޕީ.އޭއަށް ޣައްޒާގެ ކޮންޓްރޯލު ގެއްލުނީ ހަމާސްއިން 2006 ގައި ފަލަސްތީން ލެޖިސްލެޓިވް ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރުމުންނެވެ. ނަމަވެސް ދެން ހަމާސްއާ ސިޔާސީ ގޮތުން ވާދަވެރި އަނެއް ޖަމާއަތް ކަމަށްވާ ފަތަހު އާއި ހަމާސްއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގައި، ޣައްޒާގެ ކޮންޓްރޯލު ހަމާސްއިން ނެގީ 2007 ގައެވެ.

ޣައްޒާ ހަނގުރާމަ ފެށުނު ދުވަސް ކަމަށްވާ އޮކްޓޫބަރު 2023 ގެ ހަތް ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި މަދުވެގެން 181 ކުޑަކުދިން ހިމެނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އިރުމަތީ ގުދުސްގައި ޝަހީދުކޮށްލި މީހުން ހިމެނެއެވެ.

ޣައްޒާ ހަނގުރާމަ ހޫނުވަމުންދާ ވަރަކަށް ހުޅަނގު އައްސޭރީގެ ރަށްވެހިންނާ ދެކޮޅަށް ދައްކާ އަނިޔާވެރިކަން ވެސް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާ އާއި ފަލަސްތީނުގެ ރަށްވެހިންގެ ބިން ގަދަކަމުން އަތުލަމުންދާ ޔަހޫދީންގެ އަނިޔާވެރިކަން ވެސް ހިމެނެއެވެ.

އިސްރާއީލުގެ ސިފައިން ވަނީ ސީދާ ބަޑިޖަހައިގެން ވެސް އެތައް ބަޔަކު ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން ރެއިޑު ޖެހުމާއި ވައިގެ މަގުން ހަމަލާ ދިނުން ހިމެނެއެވެ.

މި ފަދަ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމް ވެސް ވެފައެވެ. އަދި ފަލަސްތީން ރަށްވެހިންގެ ގެދޮރު ތަޅައިލުމުން އެތައް ބަޔަކު ވަނީ މަގުމަތިވެފައެވެ. އެ ގޮތުން ޣައްޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ހުޅަނގު އައްސޭރީގައި 40،000 ނުވަތަ 1.2 ޕަސެންޓް މީހުން ވަނީ މަގުމަތިވެފައެވެ. އަދި ޣައްޒާއިން 400،000 މީހުން ވަނީ ގެދޮރުން ބޭރުކޮށްލައިފައެވެ. މިއީ ޣައްޒާގެ އާބާދީގެ 18 ޕަސެންޓް ރަށްވެހިންނެވެ.

ހުޅަނގު އައްސޭރީގައި އިއްޔެ ބޭއްވި ހަޅުތާލުގައި ފަލަސްތީންގެ ރައްޔިތުން ޝުއޫރު ފާޅުކުރަނީ

ޕީ.އޭއަކީ ހުޅަނގު އައްސޭރީގައި 1990 ގެ އަހަރުތަކުގައި ގާއިމުކުރި އޮސްލޯ މުއާހަދާގެ ދަށުން ބައެއް ސަރަހައްދުތަކުގައި ހަމައެކަނި މަދަނީ ބާރު ހިންގާ އިދާރާއެކެވެ.

އެ ގޮތުން ޕީ.އޭއިން ކޮންޓްރޯލުކުރަނީ:

  1. އޭރިއާ "އޭ": ގިނަ އަދަދެއްގެ ސިޓީތައް ހިމެނޭ މި ސަރަހައްދުތަކުގައި މަދަނީ އަދި ސަލާމަތީ ހުރިހާ ބާރުތަކެއް އޮތީ ޕީ.އޭގެ އަތުގައި.
  2. އޭރިއާ "ބީ": މަދަނީ ކޮންޓްރޯލް ޕީ.އޭގެ އަތުގައި އޮތަސް ސަލާމަތީ ކޮންޓްރޯލް އޮތީ އިސްރާއީލުގެ އަތުގައި. މި ސަރަހައްދުގައި ގިނައީ ފަލަސްތީނުގެ ޓައުންތަކާއި ވިލެޖްތައް.
  3. އޭރިއާ "ސީ": މަދަނީ އަދި ސަލާމަތީ ހުރިހާ ބާރެއް އޮތީ އިސްރާއީލުގެ ދަށުގައި. މިއީ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ބައި. މި ތަނުގައި ޔަހޫދީން ގަދަކަމުން އާބާދުވެގަތްފައިވާ ތަންތަނާއި އުރުދުން ވާދީ އަދި އަސްކަރީ ގޮތުން މުހިންމު މަގުތައް ވޭ.

ކަން މިހެން ހުއްޓަސް ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދެއްގައި އަސްކަރީ ހަރަކާތް ހިންގުމަށް އިސްރާއީލުގެ ބާރުވެއެވެ.

މި އަހަރުގެ ޖަނަވަރީ މަހު އެކެއްގެ ފަހުން ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްތައް ކަމަށްވާ ޖަނީން، ތޫލްކަރަމް އަދި ނޫރު ޝަމްސުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ވަރުގަދަކުރިއެވެ. "އޮޕަރޭޝަން އަޔަން ވޯލް" ނުވަތަ ލަފުޒީ މާނައިން ނަމަ "އޮޕަރޭޝަން ދަގަނޑު ފާރު"ގެ ނަމުން ހިންގި މި އޮޕަރޭޝަންގައި މަދު ހަފުތާތަކެއްގެ ތެރޭގައި 40،000 މީހުންގެ ގެދޮރު ނެތިގެން ދިޔައީއެވެ.

ހުޅަނގު އައްސޭރީގެ ރަށްވެހިން ގެދޮރުން ބޭރުކޮށްލުމަށް އިސްރާއީލުން ދަނީ ގެތަކާއި އިންފްރާސްޓްރަކްޗަރު ސުންނާފަތި ކުރަމުންނެވެ. އޭގެ ތެރޭގައި އިރުމަތީ ގުދުސްގައި ވެސް މި އަނިޔާވެރިކަން ހިންގައެވެ. އުޒުރެއްގެ ގޮތުގައި ދައްކަނީ އިސްރާއީލުން ދޭ އިމާރާތް ކުރުމުގެ ހުއްދަ ނެތް ކަމަށެވެ. މި ޕާމިޓުތަކަކީ އޭރިއާ "ސީ" އާއި އިރުމަތީ ގުދުސްއިން ފަލަސްތީން ރަށްވެހިންނަށް ލިބުން ވަރަށް ދަތިކޮށްފައިވާ ހުއްދަތަކެކެވެ.

މީގެ އިތުރުން އޭރިއާ "ސީ"ގެ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް، އެ ސަރަހައްދުގައި ގަދަކަމުން ވަޒަންވެރިވަމުންދާ ޔަހޫދީންގެ އަނިޔާވެރިކަމާހުރެ ވެސް ފަލަސްތީން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ސަބަބަކީ ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ހުންނަ ގޮތުން ފަލަސްތީން ރައްޔިތުން އެ މީހުންގެ ގެދޮރު ދޫކޮށްދާން މަޖުބޫރުވާ ކަހަލަ މާހައުލެއް ޔަހޫދީން އުފައްދާތީއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އާއި ހުޅަނގު އައްސޭރީގައި ގަދަކަމުން ވަޒަންވެރިވާ ޔަހޫދީންގެ މި ފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީންގެ ރައްޔިތުންނަށް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ވަނީ ގެދޮރު ގެއްލިފައި ނުވަތަ ގެދޮރު ދޫކޮށްފައި ދާން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *