އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ އަންހެނެއް ދުއްވަން އިން ކާރު ކުޑަ ކޯރެއްގެ ތެރެއަށް ވެއްޓި ހަ ދުވަސް ފަހުން ސަލާމަތްވީ އޭނާގެ އަތްފޯރާތީ އެ ކޯރުގެ ފެންގަނޑު ތެރެއަށް އޭނާގެ ހެދުން ފައްތައިގެން އެ ހެދުން ފޯކޮށްގެން އެ ފެލައިގެން ފެން ބުއިމުގެ ސަބަބުންނެވެ.
މި ދިޔަ މަހު ހިނގި މި ހާދިސާގައި އުމުރުން 41 އަހަރުގެ ބްރައިއޯނާ ކެސްލްގެ ކާރު ކޯރު ތެރޭގައި ތާށިވެފައި އޮއްވައި ފެނުނީ ފެން ހިންދާ މަސައްކަތްކުރާ މީހަކަށް ކަމަށް ފުލުސް އޮފިސަރެއް ކަމަށްވާ ޝޭނަން ކޮތުރާން ބުންޏެވެ.
"އެ މީހާ އޭނާގެ ސުޕަވައިޒަރުގެ ގާތުގައި އެ ކާރު ފެނުނު ވާހަކަ ބުނީ. ސުޕަވައިޒަރަކީ އަލިފާން ނިއްވާ މީހެއް،" ޝޭނަން ބުންޏެވެ.
އޭނާ ބުނީ ކާރުގެ ކައިރިއަށް ގޮސް ބެލިއިރު ބްރައިއޯނާގެ ހޭ ހުރިކަމަށާއި އޭނާއަށް ވާހަކަ ވެސް ދެއްކޭ ކަމަށެވެ.

ބްރައިއޯނާ ހޮސްޕިޓަލަށް ގެންދިޔައީ ހެލިކޮޕްޓަރެއްގައެވެ.
"އޭނާ ފެނުމުގެ ދުވަސްތަކެއް ކުރިން އޭނާ ގެއްލިގެން އާއިލާއިން ވަނީ ރިޕޯޓުކޮށްފައި،" ޝޭނަން ބުންޏެވެ.
ހޮސްޕިޓަލުގައި ބްރައިއޯނާއާ ވާހަކަދެއްކުމަށް ފަހު އޭނާގެ ބައްޕަ ޑެލްމާ ކޯލްޑްވެލް އޭ.ބީ.ސީ ނިއުސްއަށް ބުނީ ބްރައިއޯނާގެ ކާރު ކޯރަށް ވެއްޓެން ދިމާވީ ކާރު ދުއްވަން އިންދާ ބްރައިއޯނާއަށް ނިދިޖެހުމުން ކަމަށެވެ.
"މަގުމަތީގައި ހުންނަ މީހަކަށް ނުފެންނަ ހިސާބެއްގައި ކާރު ތާށިވެފައި އޮތީ،" ޝޭނަން ބުންޏެވެ.

ޑެލްމާ ބުނީ ބްރައިއޯނާގެ ފަޔާއި އަތުކުރި ޒަހަމްވެފައިވާ ކަމަށާއި އޭނާގެ ފޯނު އޮތީ ފަހަތު ސީޓުގެ ދަށުގައި ކަމަށެވެ.
"ދަރިފުޅު ކާރު ތެރޭގައި ތާށިވީ. އެހެންވެ އޭނާއަށް ބޭރަކަށް ނުނުކުމެވުނު. ނަމަވެސް ކާރުގެ ކުޑަދޮރުން އަތްދިއްކޮށްގެން ކޯރުގެ ފެނުގެ ތެރެއަށް ހެދުން ކޮއްޕުނު،" ޑެލްމާ ކިޔައިދިނެވެ.
ބްރައިއޯނާގެ ފައިގެ ސާޖަރީއެއް ހަދަން ޖެހުނަސް ދުވަސްކޮޅެއް ފަހުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް ޑެލްމާ ބުންޏެވެ.



advertisment