Support Us

އިސްރާއީލު ސިފައިން މަރައިލި ފަލަސްތީނު ރެޑް ކްރެޒެންޓްގެ 8 ސިއްހީ އެހީތެރިންގެ ޖަނާޒާގައި ކަށު ނަމާދު ކުރަނީ

އިސްރާއީލު ސިފައިން ފަލަސްތީނު ރެޑް ކްރެސެންޓުގެ ސިއްހީ އެހީތެރިން މަރައިލީ އަތްފައި ބަނދެފައި

މީގެ ނުވަ ދުވަސް ކުރިން ވަޅުގަނޑަކަށް ލައި ފަސްއަޅައިފައިވާ ތަނުން ފެނުނު ފަލަސްތީނުގެ 15 ޕެރަމެޑިކުންނާއި ރެސްކިއު އެހީތެރިންގެ ހަށިގަނޑު ފެނިފައިވަނީ އަތްފައި ބަނދެ އަދި ބޮލާއި މޭގައި ބަޑީގެ ޒަހަމްތަކަކާއެކު ކަމަށް ދެ ހެކިވެރިން ބުނެފިއެވެ.

މި ދިޔަ މަހު 23 ގައި އިސްރާއީލުން ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހު ސިޓީއަށް ދިން ވައިގެ ހަމަލާއެއްގެ އަމާޒަކަށްވި ސަރަހައްދަކަށް ފަލަސްތީނުގެ ރެޑް ކްރެޒެންޓް އެމްބިއުލެންސް މުވައްޒަފުންނާއި މަދަނީ ދިފާއީ މީހުން ސަލާމަތްކުރާ އެހީތެރިން ފޮނުވިއެވެ.

ބައިނަލްއަގުވާމީ އިންސާނީ އެހީ ދޭ ޓީމުތަކަށް އެ ސަރަހައްދަށް ވަނުމަށް އިސްރާއީލުން ހުއްދަ ދިނީ މި ދިޔަ ހަފުތާބަންދުގައެވެ. އެއް ހަށިގަނޑު ފެނުނީ ހޮނިހިރު ދުވަހު ކަމަށްވާއިރު އަނެއް 14 ހަށިގަނޑު ފެނުނީ އާދީއްތަ ދުވަހުއެވެ. އެ ހުރިހާ ހަށިގަނޑެއްގެ ޕޯސްޓްމޯޓަމް ހަދަން ގެނައީ ޚާން ޔޫނިސް ސިޓީއަށެވެ.

މީގެ ތެރެއިން ބައެއް ހަށިގަނޑުތައް ބެލީ ނާސިރު ސިއްހީ މަރުކަޒުގެ ޑޮކްޓަރު އަހްމަދު އަލްފައްރާއެވެ.

"ނާސިރު ހޮސްޕިޓަލަށް ގެނައި ތިން ހަށިގަނޑު ދުށިން. އެ ހަށިގަނޑުތަކުގެ މެއާއި ބޮލުގައި ބަޑީގެ ވަޒަން ހުރި. އެ މީހުން ވަނީ މަރައިލައިފައި. އެ މީހުންގެ އަތް ވަނީ ބަނދެފައި. އެއީ ހަރަކާތެއް ނުކުރެވޭނެ ގޮތް ހަދަން. ދެން އެ މީހުން މަރައިލީ،" ޑރ. އަލްފައްރާ ބުންޏެވެ.

އެ ތަނުން އެއް ހަށިގަނޑު ހޮސްޕިޓަލަށް ގެނައި ތަނުން ޑރ. އަލްފައްރާ ނެގި އެ ހަށިގަނޑުގެ ފޮޓޯ އޭނާ އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހާ ހިއްސާކުރިއެވެ. އެ ހަށިގަނޑުގެ އަތުގެ އަތުކުރީގައި ކަޅު ކުލައިގެ ވާގަނޑެއް އައްސައިފައިވެއެވެ.

އެ ހުރިހާ ހަށިގަނޑެއް ވަޅުލައިފައިވާ ވަޅުގަނޑުން ނެގުމުގައި މަސައްކަތްކުރި މީހަކު ބުނީ ހަށިގަނޑުތަކުގެ މެއަށް ބަޑި ޖަހައިފައިވާކަމުގެ ނިޝާންތައް ހުރި ކަމަށެވެ.

"އެކަކުގެ ދެ ފައި ވަނީ ބަނދެފައި. އަނެކަކުގެ ބޮލަށް ވަނީ ބަޑިޖަހައިފައި. އެ މީހުންތައް މަރައިލީ،" ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމަނުކޮށް ދަ ގާޑިއަންއަށް އިންޓަވިޔު ދިން އެ މީހާ ކިޔައިދިނެވެ.

ހެކި ދިން މި މީހާ އާއި ޑރ. އަލްފައްރާ ދައްކާ ވާހަކަ ފަލަސްތީނުގެ ރެޑް ކްރެޒެންޓްގެ އޮފިޝަލަކާއި ފަލަސްތީން މަދަނީ ދިފާއީ އިދާރާ އަދި ޣައްޒާގެ ސިއްހީ ވުޒާރާއިން ދައްކާ ވާހަކައާ ދިމާވެއެވެ. އެއީ މި 15 ހަށިގަނޑުގެ ތެރެއިން ބައެއް މީހުންނަކީ އިސްރާއީލު ސިފައިން އެ މީހުން ހައްޔަރުކުރުމަށް ފަހު އަތްފައި ބަނދެ މަރައިލި މީހުންކަމެވެ.

މި ކަމެއް މި ހިނގީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އިސްރާއީލުން ހަމާސްއާ ދެކޮޅަށް އަލުން ހަމަލާތައް މި ދިޔަ މަހު 17 ގައި ފަށައިފައިވަނިކޮށެވެ. ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ވަރުގަދަ ކުރަމުން އިސްރާއީލުން މިހާރު ރަފަހުގެ ރަށްވެހިންނަށް ވަނީ އެ ސަރަހައްދު ދޫކޮށްދާން އަމުރުކޮށްފައެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)އިން ވަނީ ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޮއަވް ގެލަންޓް ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ.

ވޭތުވެދިޔަ 17 މަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 50،432 ރަށްވެހިން މިހާތަނަށް ވަނީ ޝަހީދުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *